
ކޮލަމް: ސްކްރީނަށް ބަލަން ހުއްޓާ ލައިފް "އޮފްލައިން" ވެދާނެ!
ސްކްރީނަށް ބަލަން ހުއްޓާ ލައިފް "އޮފްލައިން" ވެދާނެ!

ޢާއިޝަތު ޢަލީ - 02 ނޮވެމްބަރު 2026 - 03:32
ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަތަކާ އެކު، މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ސިކުންތެއް ގުޅިފައިވަނީ އަތުގައި އޮންނަ ސްމާޓްފޯނާއެވެ. އިންސްޓަގްރާމް، ޓިކްޓޮކް ނުވަތަ ސްނެޕްޗެޓް ނުބަލައި އެންމެ އިރުކޮޅަކު ވެސް ހުންނަން ދަތިވާ ހިސާބަށް މިވަނީ ކަންކަން ގޮސްފައެވެ. ނަމަވެސް، މި ފޯނުގެ ސްކްރީނަށް މާބޮޑަށް ގެއްލިފައި ހުރުމަކީ ތިމާގެ މުޅި ދިރިއުޅުން އެއްކޮށް "އޮފްލައިން" ކޮށްލަފާނެ ކަމެއްކަން ވިސްނެނީ މަގުމަތިން ކުރިމަތިވާ ނުރައްކާތަކާ ހެދިއެވެ.
މަގުމައްޗަށް ނުކުމެ ބަލައިލުމުން ފެންނަނީ "ސްމާޓްފޯން ޒޮމްބީން" ތަކެއް ފަދައިން ހިނގާފައިދާ މަންޒަރެވެ. ދެ ކަންފަތަށް އެއާޕޮޑްސް ޖަހައި، އަޑުގަދަ މިއުޒިކަށް ގެއްލި، އިސްދަށަށް ޖަހައިގެން ސްކްރޯލް ކުރަމުން ދާއިރު، ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ބާރު ދުވެލީގައި ދުއްވާފައި އަންނަ ސައިކަލުތަކުގެ އަޑެއް، އަދި އަޅާ ހޯނުގެ އަޑެއް ވެސް ކަންފަތަކަށް ނީވެއެވެ. މިފަދަ ހާލަތްތަކުގައި އެމީހުން އެ ތިބެނީ ހަގީގީ ދުނިޔެއާ މުޅިން "ޑިސްކަނެކްޓް" ވެފައެވެ. ނަތީޖާއަކަށް ވަނީ، ކުޑަ ހިނދުކޮޅެއްގެ ފަރުވާކުޑަކަމުން ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހުމެވެ.
ހާއްސަކޮށް މަގު ހުރަސްކުރާ ވަގުތަކީ މި ނުރައްކާ އެންމެ ބޮޑުވާ ވަގުތެވެ. ޒީބްރާ ކްރޮސް މަތިން ހުރަސްކުރާއިރު ވެސް، ދެފަރާތް ބަލައިލުމެއް ނެތި ސްކްރީނަށް ބަލަމުން ހިނގައިގަންނަ މަންޒަރު ފެނެއެވެ. ކުރިމަތިން އަންނަ އުޅަނދެއް ފެންނަނީ މާބޮޑަށް ކައިރިވާ ފަހުންނެވެ. އެވަގުތު އަމިއްލަ ނަފްސު ސަލާމަތްކުރާނެ "ރިއެކްޝަން ޓައިމް" އެއް ނޯވެއެވެ. މީގެ އިތުރުން، މަގުމަތީގެ އަޑިގުޑަންތަކަށާއި، ކާނުގަނޑުތަކަށް ސަމާލުނުވެވި ވެއްޓި އަނިޔާވާ މީހުން ވެސް މަދެއް ނޫނެވެ.
ހަމައެކަނި ގެއްލުން ވަނީ އެމީހެއްގެ އަމިއްލަ ނަފްސަކަށް ނޫނެވެ. މަގުމަތީގައި ފޯނާ ކުޅެމުން ހިނގާ މީހާގެ ސަބަބުން އެހެން ހިނގާ މީހުންނަށާއި، ދުއްވާ އެއްޗެއްސަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ. ކުއްލިއަކަށް ހުއްޓުމާއި، މަގުގެ މެދަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ބާރުބޮޑު މަގުތަކުގައި ޓްރެފިކަށް ބުރޫއަރައި، ނުރައްކާތެރި ހާދިސާތައް ހިނގަން މެދުވެރިވެއެވެ.
މިއީ ފަރުދީ ގޮތުން ކޮންމެ ޒުވާނަކު ވެސް ވިސްނާލަން ވެއްޖެ ކަމެކެވެ. ފޯނުން އަންނަ ޓިކްޓޮކް ނޮޓިފިކޭޝަނެއް ނުވަތަ ޓެކްސްޓް މެސެޖެއް، ތިމާގެ އަގުހުރި ފުރާނައަށް ވުރެ މުހިންމެއް ނުވާނެއެވެ. މަގުމައްޗަށް ނުކުންނަ ވަގުތަކީ ވަށައިގެންވާ މާހައުލަށް ލޯ ހުޅުވައި، ސަމާލުވާންޖެހޭ ވަގުތެކެވެ. ފޯނަށް ޖަވާބުދޭން ކޮންމެހެން މުހިންމު ނަމަ، އެއްފަރާތެއްގައި މަޑުކޮށްލުމަށްފަހު އެކަން ކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ. އަމިއްލަ ސަލާމަތާއި އަނެކުންގެ ރައްކާތެރިކަމަށްޓަކައި، ހިނގާފައި ދާއިރު އަދި މަގު ހުރަސްކުރާއިރު ފޯނު ޖީބަށް ލައި "ފޯކަސް" މަގުމައްޗަށް ބަހައްޓަމާ ހިނގާށެވެ!
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
މިފްކޯގެ 33 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު މަސް ކިލޯއެއް 23 ރުފިޔާއަށް ކިރަން ފަށައިފި
21 ގަޑިއިރު ކުރިން

މަގުމަތީގައި އާންމުންނަށް އުނދަގޫ ކުރާތީ ހައްޔަރުކުރި ފައިރިޝް ފިލައިގެން އުޅެނިކޮށް އަލުން ހައްޔަރުކޮށްފި
ދުވަހެއް ކުރިން

އިންސްޕެކްޓަރ ކޯސް-7 ދ. ވާނީގައި ފަށައިފި
ދުވަހެއް ކުރިން

ކާސްޓިންގ ޔާރޑުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް އަލުން ބީލަން ހުޅުވާލައިފި
ދުވަހެއް ކުރިން


