.jpeg&w=3840&q=75)
މަސްކިރުމުގައި އުޅޭ ދެ މަސްވެރިން، ފޮޓޯ: ސޯޝަލް މީޑިއާ
މިފްކޯގެ 33 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު މަސް ކިލޯއެއް 23 ރުފިޔާއަށް ކިރަން ފަށައިފި

އާމިނަތު ޝަޒްލާ - 01 ނޮވެމްބަރު 2026 - 12:59
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ މައި ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އުފެދުނުތާ 33 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެން، އެ ކުންފުނީގެ ބަނދަރުތަކުން މިއަދު މަސް ކިލޯއެއް 23 ރުފިޔާގެ މަގުން ކިރަން ފަށައިފިއެވެ.
މިފްކޯއިން މައުލޫމާތު ދިން ގޮތުގައި މިއަދުގެ މި ހާއްސަ ރޭޓުގައި މަސް ކިރައިދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އެ ކުންފުނީގެ މައި ހަތް ބަނދަރަކުންނެވެ. އެއީ ޅ. ފެލިވަރާއި، ގއ. ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ތ. ހިރިލަންދޫ، ގދ. ތިނަދޫ، މ. މުލައް އަދި ހއ. އިހަވަންދޫ ބަނދަރުންނެވެ.
މި ބަނދަރުތަކަށް މިއަދު ގެންނަ ކަޅުބިލަމަހާއި، 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެއްޔާއި، އަދި 15 ކިލޯއަށްވުރެ ބަރު ބޮޑުކަންނެލި ވެސް ކިރަމުން ގެންދާނީ ކިލޯއަކަށް 23 ރުފިޔާގެ މަގުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގައި ސިނާއީ ގޮތެއްގައި މަސްވެރިކަމުގެ ހަރަކާތްތައް އެންމެ ފުރަތަމަ ފެށިގެން އައީ 1977 ވަނަ އަހަރު ޅ. ފެލިވަރުގައި ޖަޕާނުގެ އިންވެސްޓުމެންޓަކާއެކު ގާއިމުކުރި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއިންނެވެ. އޭގެފަހުން މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަނާއި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓުމެންޓު (އެފްޕީއައިޑީ) ގެ ދަށުން މި ދާއިރާ ހިންގުމަށްފަހު، މިފްކޯގެ ނަމުގައި ސަރުކާރުގެ ވަކި ހާއްސަ ކުންފުންޏެއް އުފެއްދެވީ 1 ނޮވެންބަރު 1993 ގައެވެ.
އެ ދުވަހުން ފެށިގެން ރާއްޖޭގެ މަސްވެރިން ބާނާ މަސް ކިރުވުމާއި، ގަނޑުކޮށްގެން ރައްކާކުރުމާއި، ދަޅުގައި ބަންދުކުރުމުގެ އިތުރުން ބޭރުގެ ބާޒާރުތަކަށް މަސް އެކްސްޕޯޓް ކުރުމުގެ މައިގަނޑު ހުރިހާ މަސައްކަތެއް ކުރަމުން އަންނަނީ މިފްކޯގެ ބެލުމުގެ ދަށުންނެވެ. މިއަދު ފާހަގަކުރަމުން މިދަނީ އެ ކުންފުނީގެ ދިގު އަދި ކާމިޔާބު 33 އަހަރުގެ ހިދުމަތުގެ ދުވަހެވެ.
ގުޅުން ހުރި ޙަބަރުތައް

މަގުމަތީގައި އާންމުންނަށް އުނދަގޫ ކުރާތީ ހައްޔަރުކުރި ފައިރިޝް ފިލައިގެން އުޅެނިކޮށް އަލުން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

އިންސްޕެކްޓަރ ކޯސް-7 ދ. ވާނީގައި ފަށައިފި
2 ގަޑިއިރު ކުރިން

ކާސްޓިންގ ޔާރޑުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް އަލުން ބީލަން ހުޅުވާލައިފި
4 ގަޑިއިރު ކުރިން

ސްކޭމްކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނު ހަތަރު މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން


