
މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުން: ދައުވަތު ލިބުނީ "ރުހޭ" މީޑިއާތަކަށް އެކަނި!

ޖިނާން ޙުސައިން ޖަބީން - 09 ނޮވެމްބަރު 2026 - 06:47
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ރާއްޖޭގެ ހުރިހާ މީޑިއާތަކަކަށް ހަމަހަމަކަމާއެކު ފުރުސަތު ދިނުމުގެ ބަދަލުގައި، ސަރުކާރުން ރުހޭ ވަކި މީޑިއާތަކަކަށް އެކަނި އިސްކަންދީގެން ބައްދަލުވުންތައް ބާއްވަމުންދާތީ ނޫސްވެރިންނާއި އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.
ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި ކަންކަން ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި އަދި މިނިވަން ނޫސްތަކުގެ ތެރޭގައި ހިމެނޭ "އަސްލު ޓީވީ"، "އަދަދު" އަދި "ދައުރު" ފަދަ މީޑިއާތަކަށް ރައީސް އޮފީހުން ދައުވަތު ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ބައްދަލުވުމަށް މައިގަނޑު ގޮތެއްގައި ދައުވަތު އަރުވާފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް، ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ޚަބަރު ފަތުރާ ވަކި މީޑިއާތަކަކަށެވެ.
ނަމަވެސް، ސަރުކާރަށް ފާރަވެރިވާ ބައެއް މީޑިއާތަކުގެ ތެރެއިން "ޗެނަލް 13" އަދި "ރާއްޖެ ޓީވީ" އަށް މި ބައްދަލުވުމުގެ ދައުވަތު ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސަރުކާރަށް ފާޑުކިޔާ ބައެއް މީޑިއާތަކަށް ދައުވަތު ދިނުމަކީ ހަމަހަމަކަން ދެއްކުމަށް ކުރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ކަންކަމުގެ ތެދު މައުލޫމާތު ސައްހަކަމާއެކު ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާ ކަމަށް މީޑިއާ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ. އަދި ވަކި ފަރާތަކަށް ނުޖެހި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގުސަދުގައި މަސައްކަތްކުރާ މިނިވަން ނޫސްތައް ބާކީކޮށް، ސަރުކާރުގެ ވަކި އެޖެންޑާއެއް ޕްރޮމޯޓްކުރާ ފަރާތްތަކަށް އިސްކަން ދިނުމަކީ ޑިމޮކްރެސީގެ އަސާސްތަކާއި މިނިވަން ނޫސްވެރިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އެއްވެސް ނުފޫޒެއް އަދި ތަފާތުކުރުމެއް ނެތި، ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. ނަމަވެސް، ވެރިކަމަށް 3 އަހަރު ފާއިތުވެގެން ދިޔައިރު ފެންނަމުންދަނީ އެ ވައުދާ ހިލާފަށް، ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ފުރުސަތުތައް ހަނިކޮށް، އެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ މަންޒަރެވެ.
މީގެއިތުރުން، ވެރިކަމުގެ ކުރީކޮޅުން ފެށިގެން ވެސް ރައީސް މުއިއްޒު ފާހަގަކުރެވިފައިވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. ނޫސްވެރިންގެ ފާޑުކިޔުންތައް އަމާޒުވުމުން، ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިއުލާނުކުރައްވައި އެކަން ފެއްޓެވި ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވެ އެ އިންތިޒާމުވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާ އެތައް ދުވަހެއް ވޭތުވެފައިވާއިރު، އަލުން ބައްދަލުވުންތައް ފެށިއިރު މީޑިއާތަކުގެ މެދުގައި މިފަދަ ބޮޑު ތަފާތުކުރުމެއް ގެންގުޅޭތީ ނޫސްވެރިންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ވިއްކުން ހުއްޓުވަން ދެކެވޭ ވާހަކަތައް އޮއްބާލަން ނޫސްވެރިންނަށް ނުފޫޒު ފޯރުވަނީ!
ގަޑިއިރެއް ކުރިން

ދިވެހި ރައްޔިތުންނަށް ހިއްސާ ލިބޭނެ ކަމަށް ބުނެ އައު ކުންފުންޏެއް އުފައްދައިފި
3 ގަޑިއިރު ކުރިން

ދައުލަތުގެ މުއައްސަސާތައް ހިމެނޭ ވެބްސައިޓެއް ރައީސް އޮފީހުން އިފްތިތާހްކޮށްފި
މަހެއް ކުރިން

ވަގުތުގެ ބޭނުން ހިފައި ރަގަޅު ނަތީޖާއެއް ހޯދުމަށް ދަރިވަރުންނާއި، ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ: ރައީސް
މަހެއް ކުރިން


