
ފޮޓޯ: ނަޑޭ އާރޓިސްޓް
ދޮންދީނި: އައްޑޫ ރައްޔިތުންގެ ފަޚުރައް!

މުޙައްމަދު ފަޟްލޫން - 08 ޖޫން 2025 - 07:31
ޅެންވެރިޔާ ވިދާޅުވަނީ، "ބަލާނިއޭށި އައްޑޫ އެ ކާލޯ، އެތެއި ތިބޭ ދޮންދީނަސް ބެނަން. އެކީ އުދުހި އެކޯ ހިއު އުފާވެއި، ހަނދާންވެނީއަސް އާމޭ ރަށަށް." މިފަދައިންނެވެ. ތެދެކެވެ. އައްޑޫ ސިޓީއަށް އަންނަންވީ އެއް ސަބަބަކީ ހަމަލޮލުން ދޮންދީނި ދުށުމަށެވެ. މިނިވަން ޖައްވެއްގައި ނުވަތަ ގަސްގަހުގެ ހިޔާވަހިކަމުގައި ދޮންދީނި އުޅޭ މަންޒަރަކީ ހިތް އުފާވާ މަންޒަރެކެވެ.
ދޮންދީނި ނުވަތަ އިނގިރޭސި ބަހުން ކިޔާނަމަ 'White Tern ‘ވައިޓް ޓާރން’ އަކީ ރާއްޖޭގައި ހަމައެކަނި ދެކުނުގެ އަތޮޅުގައި އުޅޭ ޚާއްސަ ދޫންޏެކެވެ. މިދޫނި އުޅޭ ކަމަށް އެންމެ މަޝްހޫރުވެފައިވަނީ އައަްޑޫ ސިޓީއެވެ. ފަތުގައި ސާފު ހުދުކުލަ ހުންނަ މި ދޫނީގެ ތުމުގައި ހުންނަނީ ކަޅު ކުލައެވެ. މިދޫންޏަކީ ކުދިމަސް ކައި އުޅޭ ދޫންޏެކެވެ. އަދި މިދޫނި ނިދާ ދިރިއުޅެ ހަދަނީ ގަހުގެ އޮފީގައެވެ. މިދޫނި ދަރިމައިވަނީ ވެސް ދިރިއުޅޭ ގަހުގެ އޮފިގަނޑު މައްޗަށްބިސް އަޅައިގެންނެވެ. ދޮންދީނި ހާލި ހަދާ ގަސްގަހުގެ ތެރޭގައި އަނބުގަހާއި ބަނބުކެޔޮގަސް ހިމެނެއެވެ.
ދޮންދީންޏަކީ އުމުރު ދިގު ދޫންޏެކެވެ. އެގޮތުން މިދޫނި ގާތްގަނޑަކަށް 18 އަހަރު ދިރިއުޅޭކަމަށް ވެއެވެ. ރާއްޖޭގައި މިދޫނި އެންމެ ގިނަައީ، އައްޑޫ ސިޓީގެ އިތުރުން ކައިރީގައި އޮންނަ ހުވަދު އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާގައެވެ.
ދޮންދީނި ދިރިއުޅެނީ ޓްރޮޕިކަލް ކަޑުގެ ސަރަހައްދުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައެވެ. ދޮންދީންޏަކީ ވަރަށް މަދު އަދަދަކަށް ރާއްޖޭގައި ދިރިއުޅޭ ދޫންޏެއްކަމުން މިދޫނި ހިފާ ގެންގުޅުމަކީ މަނާ ކަމެކެވެ. މިއީ ހިމާޔަތް ކުރެވިފައިވާ ދޫންޏެކެވެ.
ދޮންދީނި
ދޮންދީންޏަކީ އައްޑޫ ސިޓީގެ ފަޚުރެކެވެ. ސ. އަތޮޅުގެ ރައްޔިތުން ނުހަނު ލޯބިވާ، ހިމާޔަތްދޭ ދޫންޏެކެވެ. އެހެން ނަމަވެސް، ހިންގޭ ތަރައްޤީގެ މަޝްރޫއުތަކާއެކު ގަސްކެނޑުމާއި ގުދުރަތީ ވެށި ހަލާކުވުން ފަދަ ހާލަތްތައް މެދުވެރިވުމުން ދޮންދީނީގެ އާބާދީ ދަނީ މަދުވަމުންނެވެ. ދޮންދީނި ބިސްއަޅާނެ މާހައުލެއް ނެތުމުން އައްޑޫގައި ދޮންދީނި އާލާވާ މިންވަރު މަދުވެފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ.
އީޕީއޭއިން މިހެން ބުނީ، ދުނިޔޭގެ ބަޔޯޑައިވާސިޓީ ދުވަހާ ދިމާކޮށް "ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު" ރިޕޯޓުގައެވެ.
ޒަމާނުންސުރެ، ދޮންދީނި ބިސް އަޅައި އާލާވަނީ ހަމައެކަނި ދެކުނުގެ އައްޑޫ އަތޮޅުގައެވެ. ނަމަވެސް 1990ގެ އަހަރުތަކުގައި މީހުން އައްޑުއަތޮޅުން ގދ. ހަވޮޑިގަލާއަށް އެ ދޫނި ގެންދިޔުމުން، އެތަނުގައި ދޮންދީނި އުޅެމުންދެއެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އައްޑޫގައި މިފަހުން ދޮންދީނީގެ އާބާދީ މަދުވުމުގެ ބައެއް ސަބަބުތައް ކަމަށް ބެލެވެނީ ރަށް ތަރައްގީ ކުރުމަށް ވަލު ސަރަހައްދު ކުޑަކުރުމާއި ގަސް ކެނޑުމެވެ.
އެގޮތުން، ގަން، އަދި ފޭދޫގައި މިފަހުން ދޮންދީނި އާލާވާ މިންވަރު މަދުކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އީޕީއޭއިން ބުނީ އައްޑޫގައި ގިނަ އަދަދަކަށް ބިސް އަޅާ ކަމަށާއި 500 ދޫނި އުޅޭ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ނަމަވެސް ކުރިއާ އަޅާ ބަލާއިރު މިހާރު ފެންނަ އަދަދު މަދުކަން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، މިފަހުން އައްޑޫގައި އާލާވާން ފެށި ކާޅަކީވެސް ދޮންދީނިއަށް އޮތް ނުރައްކަލެއް ކަމަށް ބެލެވޭ ކަމުގައި ވަނީ ބުނެފައެވެ. އެގޮތުން ހާލި ހަދާ ދޮންދީންޏަށް ކާޅު އުނދަގޫކޮށް ޅަ ދޮންދީނި މަރާ މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓަށް އިންޓަވިއު ދިން ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދޮންދީނި
ދޮންދީނި ބިސްއަޅާ އާލާވާކަމަށް އެނގިފައިވާ އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ ކައިރިން ކަނޑުމަތިން ދޮންދީނި އާންމުކޮށް ފެނުމުގެ އިތުރުން ހައްދުންމަތީ އަތޮޅުގެ ދެކުނު ސަރަހައްދު ތަކުންވެސް ބައެއް ފަހަރު މަސްވެރިންނަށް އެ ދޫނި ފެނިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. ފުވައްމުލަކު ނޭޗާ ޕާކުގައި 2024 ވަނަ އަހަރު ދޮންދީނި ނިދަން އަރާ ތިއްބާވެސް ވަނީ ފެނިފައެވެ. ފުވައްމުލަކުން އެންމެ ފުރަތަމަ ފެނިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ 1993 ގައެވެ.
ރާއްޖޭގެ އުތުރުން ކާށިދޫ އަތޮޅުން އެއް ފަހަރު އަދި އިހަވަންދިއްޕޮޅުގައި އޮންނަ ހއ. މެދުފުށިން އެއްފަހަރު ދޮންދީނި ފެނިފައިވާ ކަމަށް ވެސް މީގެކުރިން ރެކޯޑުކުރެވިފައިވެއެވެ.
ދޮންދީނި އުޅެނީ ހަމައެކަނި އައްޑޫގައި ކަމަށާއި އައްޑޫގައި ގިނަ އަދަދަކަށް އެ ދޫނި އާލާވާ ކަމަށް 1964 އަހަރު ރިޕޯޓުކޮށްފައިވެއެވެ. އައްޑުއަތޮޅުގައި ދޮންދީނި ފެތުރެން ފަށާފައިވަނީ 20 ވަނަ ގަރުނުގައެވެ. ނަމަވެސް ހުވަދުއަތޮޅުގެ ރަށްތަކުގައި މިދޫނީ އުޅެއެވެ.
އެހެންކަމުން، ދޮންދީނިވެފައި ވަނީ އައްޑޫ ސިޓީއަށް ޒިޔާރަތްކުރަންވީ ސަބަބެއް ކަމުގައި ވެސް މެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން