
ޑޮލަރު މައްސަލަ ޙައްލުކުރަން ނިންމި ނިންމުމަށް ރިޔާޟްގެ ތަޢުރީފު!

އާމިނަތު ޝަޒްލާ - 23 އޯގަސްޓު 2026 - 07:44
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށާއި، ބޭރު ފައިސާއާ ބެހޭ ޤަވާޢިދުތަކަށް ގެނައި އިޞްލާޙުތަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ސިޔާސީ ބޭފުޅެއް ކަމަށްވާ ރިޔާޟް ރަޝީދު ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.
ރިޔާޟް އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ދިވެހިރާއްޖެއަށް ވެސް ކުރަމުންދާ ކަމަށެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކުރެވޭ ކޮންމެ ކަމަކީ ޤައުމުގެ މަޞްލަޙަތާއި ލާބައަށްޓަކައި ކުރެވޭ ކަމަކަށް ވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިވަގުތު އިދިކޮޅު ފަރާތްތަކުގެ ޒިންމާއަކަށް ވާންވާނީ ވެސް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދީ، ޤައުމީ މަޞްލަޙަތު އިސްކުރުން ކަމުގައި ވިދާޅުވިއެވެ.
ޤައުމުގެ އިޤްތިޞާދީ ޙާލަތުގެ ނުރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން ރިޔާޟް ވިދާޅުވީ، މި ޤައުމުގެ އިޤްތިޞާދު ފުނޑުފުނޑުވެ ބަންގުރޫޓު ވެއްޖެނަމަ، އެކަމާ ހިތާމަ ނުކުރާނެ އަދި އޭގެ ހިތި އަސަރު ނުފޯރާނެ ހަމަ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ. ދައުލަތް ބަންގުރޫޓު ވެއްޖެނަމަ އާންމު ރައްޔިތުންނެކޭ އެއްފަދައިން، ދައުލަތުގެ ބަޖެޓުން ބޮޑެތި ޢިނާޔަތްތަކާއި ޚަރަދުތައް ލިބިވަޑައިގަންނަވާ ސިޔާސީ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާ ވެސް ހުއްޓުމަކަށް އަންނާނެކަން އޭނާ ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން ކުރީގެ ރައީސުންނާއި، ރިޓަޔަރޑް ފަނޑިޔާރުންނާއި، ފުލުހުންނާއި ސިފައިންގެ އިސްވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ ބޮޑެތި ޢިނާޔަތްތައް ވެސް މެދުކަނޑާނުލައި ފަރުޖެއްސޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ރިޔާޟް ސުވާލު އުފެއްދެވިއެވެ.
ރިޔާޟް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ޙަވާލުވިފަހުން ކުރީގެ ސަރުކާރުތަކުން ނަގާފައިވާ އެއް ބިލިއަން ޑޮލަރުގެ ލޯނު މިހާތަނަށް ވަނީ ދައްކާފައެވެ. އަދި ވިޔަފާރިތަކަށާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް އެމް.އެމް.އޭ އިން ޑޮލަރު ދޫކުރަމުން ދަނީ ދައުލަތަށް ލިބޭ ބޭރު ފައިސާގެ ތެރެއިންނެވެ. ސަރުކާރަކީ އަމިއްލައަށް ބޭރު ފައިސާ ވަންނަ ވިޔަފާރިތައް ހިންގާ ފަރާތެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދައުލަތަށް ބޭރު ފައިސާ ލިބެނީ ރިސޯޓުތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ދައްކާ އެކި ބާވަތުގެ ޓެކުހުން ކަމަށެވެ.
ޑޮލަރުގެ ކަޅުބާޒާރުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރިޔާޟް ވިދާޅުވީ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެންދާ މައިގަނޑު ސަބަބަކީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ފައިސާ ބޭންކިން ނިޒާމަށް ނުވައްދާ، ކަޅުބާޒާރުގައި ބޮޑު އަގުގައި ވިއްކާތީ ކަމަށެވެ. މިއީ ރައީސް ނަޝީދުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮންމެ ސަރުކާރަކަށް ކުރިމަތިވި، އެހެން ނަމަވެސް އެއްވެސް ސަރުކާރަކަށް ޢަމަލީ ސިފައެއްގައި ޙައްލު ނުކުރެވި އޮތް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި 200 އަށްވުރެ ގިނަ ރިސޯޓު ހިންގާއިރު، އޭގެ 70 އިންސައްތައަކީ ބޭރުގެ އިންވެސްޓަރުން ހިންގާ ތަންތަން ކަމަށާއި، އެ ފަރާތްތަކަށް ލިބޭ އާމްދަނީ އެއްކޮށް ރާއްޖެއިން ބޭރުކުރަމުން ދިޔުމަކީ ކޮންމެހެން ޙައްލުކުރަން ޖެހިފައި އޮތް މައްސަލައެއް ކަމަށް ރިޔާޟް ވިދާޅުވިއެވެ. އެހެންކަމުން، ޙާލަތު ގޯސްވެގެން ދިއުމުން ޤަވާޢިދުތައް ހަރުދަނާކޮށް މި ސަރުކާރުން އެޅި ފިޔަވަޅުތަކަށް މަރުޙަބާ ކިޔަންޖެހޭ ކަމަށާއި، މި އިޞްލާޙުތަކުގެ ޙަޤީޤީ ފައިދާ ކުރާނީ ދިވެހި ރައްޔިތުންނަށާއި، އަންނަން އޮތް ޖީލުތަކަށާއި ކުރިއަށް އޮތް ސަރުކާރުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމް.އެމް.އޭ އާއި ބޭންކުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ފިތުނަވެރި އަދި ދޮގު ވާހަކަތައް ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ. އަދި އޭނާ މި ވާހަކަތައް ހާމަކުރެއްވީ ވަކި ސަރުކާރަކަށް ސިޔާސީ ގޮތުން ތާޢީދުކުރުމުގެ މަޤްޞަދުގައި ނޫން ކަމަށާއި، މިއީ ޤައުމަށް އޮތް އިޚްލާޞްތެރި ލޯތްބާއި، ލޮލަށް ފެންނަންހުރި ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް، ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަޤްބަލުގެ ޙައްޤުގައި ފާޅުކުރި އިޙްސާސްތަކެއް ކަމަށް ރިޔާޟްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޓީއެމްއޭގެ ސީޕްލޭނަކަށް ދިމާވި ހާދިސާއަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި: އެމްއޭސީއެލް
8 ގަޑިއިރު ކުރިން

ރައްޔިތުންގެ ފައިސާއިން ހިއްކި ތަނެއް ބޭރުގެ ބަޔަކަށް ދޭކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވޭ: މައުރޫފް
8 ގަޑިއިރު ކުރިން

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި
8 ގަޑިއިރު ކުރިން

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
8 ގަޑިއިރު ކުރިން


