
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަލީ އަޒުވަރު---
އުވާލަން ނިންމާފައިވާ ފެނަކައިގެ ހިންގުން އަޒުވަރަށް: ސަރުކާރުގެ ސިޔާސަތުތަކާ މެދު ސުވާލުތަކެއް!

ޖިނާން ޙުސައިން ޖަބީން - 15 އޮކްޓޯބަރު 2026 - 12:11
އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގެ އެންމެހައި ޒިންމާތައް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، ފެނަކައިގެ އެގްޒެކެޓިވް ޑިރެކްޓަރުގެ އިތުރުން އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަސްއޫލިއްޔަތުތައް ޑރ. އަޒުވަރާ މިއަދު ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. މީގެއިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް އިބްރާހިމް ނިޒާމު ވެސް މިއަދު ވަނީ އައްޔަނުކޮށްފައެވެ. މި ބަދަލުތައް ކުއްލި ގޮތަކަށް ގެނެސްފައި މިވަނީ، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަފީފު ހުސައިން އިއްޔެގެ ވަގުތެއްގައި އެ މަގާމުން ވަކިކުރުމަށް ފަހުގައެވެ.
ފެނަކައިގެ ހިންގުން ސްޓެލްކޯގެ އެމްޑީއާ ހަވާލުކުރި ނަމަވެސް، މިއީ ވަގުތީ ނިންމުމެއް ކަމެއް ނުވަތަ ދާއިމީ ނިންމުމެއް ކަމެއް ސަރުކާރުން އަދި ރަސްމީކޮށް ސާފުކޮށްދީފައެއް ނުވެއެވެ. ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތައް ކުޑަކުރުމަށާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި ފެނަކަ އެއްކޮށް އުވާލައި، އެ ކުންފުނީގެ ދަށުގައިވާ އެންމެހައި މަސައްކަތްތަކާއި ވަސީލަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެގޮތުން، ފެނަކައިން މިހާތަނަށް ހިދުމަތް ދެމުން އައި ރަށްރަށުގެ ހާލަތު ވަޒަންކުރުމަށްޓަކައި ހާއްސަ އެސެސްމެންޓުތަކެއް ހަދަމުންދާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގެ އޮޕަރޭޝަންތައް މިހާރު ވަނީ ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި ބާކީ ހުރި ރަށްތަކުގެ ހިދުމަތްތައް ވެސް ވީ އެންމެ އަވަހަކަށް ސްޓެލްކޯގެ ދަށަށް ގެނައުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ކަން މިހެން އޮތް ނަމަވެސް، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި އަޅަމުންދާ ފިޔަވަޅުތަކުގެ އިހުލާސްތެރިކަމާ މެދު އާންމު ރައްޔިތުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުން ވަކިކުރި މުހައްމަދު އަފީފު، ހަމަ އެ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކޮށްފައި ވުމަކީ ފާޑުކިޔުން އަމާޒުވެފައިވާ މައިގަނޑު އެއް ސަބަބެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް ސައިޒް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، މަގާމުތަކުން ވަކިކުރާ ފަރާތްތަކަށް 24 ގަޑިއިރު ނުވަނީސް ސަރުކާރުގެ އެހެން އިދާރާތަކުން ސިޔާސީ މަގާމުތައް ހަމަޖައްސައިދެމުންދާތީ، ހަގީގަތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދޭތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަގުކޮންނަ އިރު ކަރަންޓް ކޭބަލަކަށް ގެއްލުންވެއްޖެނަމަ މަރާމާތުގެ ހަރަދު ހޯދަން ނިންމައިފި
16 ދުވަސް ކުރިން

ޕީއެންސީއަށް ވަދެފައި އެޗްއާރަށް އަންގަން ބުނި ސްޓެލްކޯ މުވައްޒަފު ސަސްޕެންޑްކޮށްފި
މަހެއް ކުރިން

ފެނަކައިގެ ކޮރަޕްޝަނާއި ހިޔާނާތް ހިމެނޭ މައްސަލަތައް ތަހުގީގްކުރަން ފާސްކޮށްފި
3 މަސް ކުރިން

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
3 މަސް ކުރިން


