އެމްބާޕޭ އާއި ބެލިންގހަމްގެ ގޯލާއެކު މޮޅުވެ, ރެއާލް އިން ފަރަގު ކުޑަކޮށްފި
ހަފްސީ އަބްދުﷲ - 25 ނޮވެމްބަރު 2024 - 00:39
އެމްބާޕޭ ލަނޑު ޖެހުމަށްފަހު ވިނީއާއެކު އުފާފާޅުކުރަނީ: ފޮޓޯ-ރެއާލް މެޑްރިޑް
އެމްބާޕޭ އާއި ބެލިންގހަމްގެ ގޯލާއެކު މޮޅުވެ, ރެއާލް މެޑްރިޑުން ލަލީގާ ތާވަލްގައި ފަރަގު ކުޑަކޮށްފި އެވެ.
ބާސެލޯނާއަށް މޮޅުނުވެވުމުގެ ފައިދާއާއެކު ރެއާލްއިން ފަރަގު ކުޑަކުރީ 3-0 ން ލެގަނޭސް ބަލިކޮށްގެންނެވެ. މެޗުގައި ރެއާލްގެ ތަރިން ކަމަށްވާ އެމްބާޕޭއާއި ބެލިންގހަމް ލަނޑު ޖެހިއެވެ. ދެން ރެއާލް އަށް ލަނޑު ޖަހައިދިނީ ފެޑެރީކޯ ވަލްވާޑޭ އެވެ. ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ލީދް ނަގައިދިނީ ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުޞަތަކުން އެމްބާޕޭ އެވެ. މިއީ އެމްބާޕޭ ސީޒަންގައި ޖެހި ލީގުގެ ހަތްވަނަ ގޯލެވެ. ދެވަނަ ހާފްގެ ކުރީކޮޅު ދެވަނަ ލަނޑު ވަލްވާޑޭ ޖެހީ ގުލާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ބެލިންގހަމް ލަނޑު ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށެވެ. މިއީ ސީޒަންގައި ބެލިންގހަމްގެ ދެވަނަ ލަނޑެވެ. އޭގެ މިނިޓެއް ކުރިން އެމްބާޕޭ އަތުން ރަނުގެ ފުރުޞަތެއް ބޭކާރުވެސް ވިއެވެ. މެޗުގައި ލެގަނޭސް އަށް ރެއާލްގެ ކީޕަރާ އަމާޒުކޮށް ބޯޅައެއް ފޮނުވާ ނުލެވުނެވެ.
ކޯޗު ކާލޯ އެންޗެލޮޓީ ވަނީ ޓީމްގެ ޑިފެންސް ލައިނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާއެކު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޒުވާން ކުޅުންތެރިޔާ ރައުލް އަސެންސިއޯ އަށް ވަނީ ފުރުޞަތު ދީފައެވެ. އަދި ރައިޓް ބެކަށް ކުޅުވީ ވަލްވާޑޭ އެވެ.
މިމޮޅާއެކު ލީގު ތާވަލްގައި ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ 4 ޕޮއިންޓަށް ކުޑަވެފައެވެ. ތިންވަނައިގަ އޮތް އެތްލެޓިކޯ މެޑްރިޑާ ރެއާލްއާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.