
ފުލުހުންގެ އިތުބާރު ގެއްލުވާލަން އެއްވެސް ފުރުސަތެއް ނުދޭނަން: ފުލުހުން

ޝަހްޒާ މުޙައްމަދު - 22 ނޮވެމްބަރު 2025 - 12:21
ފުލުހުންގެ މުޢައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ، ވިލިމާލެ ޕޮލިސް ސްޓޭޝަނުން 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލާގައި ނެރުނު ބަޔާނެއްގައިބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
އަދި އެ ޚިދުމަތުގެ އަޚުލާޤީ މިންގަނޑުތަކާއި، އަސާސީ އުސޫލުތަކާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ އެކަމަށް ބޮޑު އިސްކަމެއްދީގެން ފުލުހުން ތަހުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމެއް ކަމަށް ބުންޏެވެ. މީގެއިތުރުން މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޚުލާޤާއ،ި ހަރުދަނާ މަސައްކަތުގެ ރޫޚާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ވަނީ، މިކަމުގައި ބައިވެރިވި ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
ފުލުހުން ބުނީ، އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިޚުލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، އެ މުޢައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަމުން ގެންދާ މައިގަނޑު އަމާޒު ކަމަށެވެ.
މިމައްސަލައިގެ މައުލޫމާތު ހާމަކޮށް ފުލުހުން ބުނެފައިވަނީ، ޤާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓު ގެންގޮސްފައިވާ ކަމަށެވެ. އަދި މިތަކެއްޗަކީ، ބިދޭސީއެއްގެ އަތުން މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ނެގި ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި ބަހައްޓާފައި ހުރީ، ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައެވެ.
މީގެ ތެރެއިން 6 ކާޓަން މަދުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުންބުންޏެވެ.
މިމައްސަލަ ތަހުޤީޤު ކުރަމުން ދަނިކޮށް މީގެ ކުރިންވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ފާހަގަވެފައިވާ ކަމަށް ފުހުލުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި ދެ މައްސަލައާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.




.webp&w=3840&q=75)

