
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ތަރުހީބު ނުލިބުމުން މުއްދަތު އިތުރުކޮށްފި

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 15:10
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން އޮތް މުއްދަތު މިއަދުގެ މެންދުރު ފަހު 2 ޖަހާއިރަށް ހަމަވާ ގޮތަށް އޮތް ނަމަވެސް މިހާރު އެ މުއްދަތު ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔަރ ކުރެއްވުމުންނެވެ.
ނަވީން ކޮމިޝަނަރ ކަމުން ރިޓަޔަރ ކުރެއްވުމުން ވަގުތީ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެވެ.
ފުލުހުންގެ ގާނޫނު ގައިވާ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނު ކުރެވޭނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ ބޭފުޅުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރާނީ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޕޮލިސް ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ރައީސް ގެ ލަފާފުޅުގެ މަތިންނެވެ.






.gif&w=3840&q=75)