(1).png&w=3840&q=75)
ރިޔާޒް، ގަޕޯއަށް: އެންމެ ފުރަތަމަ މަނިކުފާނު ނަމޫނާ ދައްކަވާ، ރިޓަޔަމަންޓް ނެންގެވުން ހުއްޓަލައްވާ!

ޝަހްޒާ މުޙައްމަދު - 27 ނޮވެމްބަރު 2025 - 17:59
ދައުލަތުން ޑަބަލްކޮށް މުސާރައާއި އިނާޔަތް ނެންގެވުން ހުއްޓާލައްވާ، ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް، ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ، ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު (ގަޕޯ) އަށް ގޮވާލައްވައިފިއެވެ.
ރިޔާޒް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަޕޯ ގެންދަވަނީ އެމްއެންޑީއެފްއިން ރިޓަޔަމަންޓް ޕެކޭޖް ނަންގަވަމުންކަމަށެވެ.
ރިޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސުންގެ އިނާޔަތުން 175،000ރ. އުނި ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް ކުރި ބަހުސްގެ ތެރެއިން ގަޕޯ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
ބަހުސްގައި މެމްބަރު ގަޕޯ ވިދާޅުވީ، މި ގާނޫނަށް އިސްލާހު ގެންނަން ޖެހިއްޖެނަމަ، އެކަމަށް ތާއިދު ކުރައްވާ ކަމަށެވެ. އަދި އެ ގާނޫނު ފާސްކޮށްފައި މި ގައުމުގެ ރައީސުންނަށް ދޭ އިނާޔަތްތަކާއި ދޭތެރޭގައި ކަލަ ގޮވަންޏާ އެއީ ވަރަށް ހަޑިކަމެއް ކަމަށެވެ. އެކަމަކު މިކަމުގެ ވާހަކަ ދައްކާއިރު ޑަބަލް ޕެންޝަނާއި ގުޅޭގޮތުން ވިސްނާލަން ޖެހޭ ކަމަށް ގަޕޯ ވިދާޅުވިއެވެ.
ގަޕޯ ވިދާޅުވީ، ސަރުކާރުން 50،000ރ.ގެ މުސާރަ ލިބޭއިރު، ކުރީގައި ވަޒީފާ އަދާކޮށްގެން ލިބޭ ޕެންޝަންގެ ގޮތުގައި 30،000ރ އާއި 40،000ރ. ލިބެންޏާ މިއީ މައްސަލައެއް ކަމަށާއި، އެކަންކަން ހަމައަކަށް އެޅެން ޖެހޭ ކަމަށެވެ. އަަދި މަޖިލީސް މެންބަރުންނަށް، މެންބަރުން ކަމުން ވަކިވުމުން ލިބޭ އިނާޔަތްތަކާއި ދޭތެރޭގައި ވިސްނަން ޖެހޭ ކަމަށެވެ.
ގަޕޯ ވިދާޅުވީ މިހާރުގެ ރޭޓުން ބަލާއިރު، ކޮންމެ ފަސް އަހަރަކުން 80 މެންބަރުންނަށް 55 އަހަރުވުމުން އިނާޔަތް ދޭން ޖެހިދާނެކަމަށާއި 5 އަހަރުގެ ތެރޭގައި 80 މެންބަރުންނަށް އިނާޔަތް ދިނުމަކީ ދައުލަތަށް ބުރައަކަށްވާނެކަމަށެވެ. އޭނާ ވިދާޅުވީ މިކަންކަމާއި މެދު ވިސްނާ އެންމެ ފުރަތަމަ ކުރަންވީ ދައުލަތައް އެންމެ ބުރަ ބޮޑުވާ ކަންކަން ކަމަށެވެ.
މެމްބަރު ގަޕޯގެ މި ވާހަކަތަކާއި ގުޅިގެން ކުރީގެ މެމްބަރު ރިޔާޒް ރަޝިދު ވަނީ އެންމެ ފުރަތަމަ ރައްޔިތުންނަށް ނަމޫނާ ދައްކަންވީ ނޫންތޯ، ސުވާލު އުފައްދަވާފައެވެ. އަދި އެމްއެންޑީއެފް އިން ނަންގަވަމުން ގެންދަވާ ރިޓަޔަމަންޓް ޕެކޭޖް އަވަހަށް ހުއްޓާލަން ވީ ނޫންތޯ އައްސަވާފައެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ ގަޕޯ ރިޓަޔާކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދައުލަތުން ޑަބަލްކޮށް މުސާރައާއި އިނާޔަތްތައް ނަންގަވަމުން ގެންދަވާ ކަމަށެވެ. ވީމާ، އެންމެ ފުރަތަމަ ނަމޫނާ ދައްކަވަންވީ ގަޕޯކަމަށް ރިޔާޒް ރަޝީދު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތް ދޭ ބިލް ފާސްކޮށްފި
20 ދުވަސް ކުރިން

ނުރައްކާތެރިކޮށް ދުއްވުން ޖިނާއީ ކުށަކަށްހަދާ، ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ބޮޑެތި އަދަބު
24 ދުވަސް ކުރިން

ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލް ފާސްކޮށްފި
24 ދުވަސް ކުރިން

ކުރީގެ ރައީސުން އޮފީސް ހިންގުމުގެ ފައިސާ އުނިކޮށް ނައިބުންނަށް އެލަވަންސް ދެނީ
24 ދުވަސް ކުރިން


