
ފަލަސްތީނާއި ސައުދީ އަރަބިއާ ވާދަކުރި މެޗުގެ ތެރެއިން..
ފީފާ އަރަބް ކަޕް 2025: ވާދަވެރި ކުޅުމަކަށްފަހު ފަލަސްތީން ބަލިކޮށް ސައުދީ ސެމީއަށް

ހަސަން ޝަމްއޫން - 12 ޑިސެމްބަރު 2025 - 11:15
ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ އަރަބް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލު ދެވަނަ މެޗުގައި ފަލަސްތީން 2-1 ގެ ނަތީޖާއަކުން ބަލިކޮށް ސައުދީ އަރަބިއާ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ސައުދީ އަރަބިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ފަލަސްތީން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސައުދީ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ފިރާސް އަލް ބުރައިކަން އެވެ.
ނަމަވެސް އޭގެ ހަ މިނެޓު ފަހުން ފަލަސްތީނު ފޯވާޑް އޮޑޭ ޑަބަކް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް އިތުރުވަގުތުގެ 15 މިނެޓުގެ ދެހާފު ކުޅެފައިވާއިރު، މިމެޗުން ސައުދީ މޮޅުވި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމު ފޯވާޑް މުހައްމަދު ކެނޯ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސައުދީ އަރަބިއާ ކުރީގައި އޮވެގެންނެވެ.
01 ޑިސެމްބަރު 2025 އިން 18 ޑިސެމްބަރު 2025 ގެ ނިޔަލަށް ގަތަރުގައި ކުރިއަށްދާ މިމުބާރާތުގައި 16 ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.
2012 ވަނަ އަހަރު ފީފާ އިން އަރަބި ކަޕްގެ ނަމުގައި ފުރަތަމަ މުބާރާތެއް ބޭއްވިއިރު، އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޮރޮކޯ އިންނެވެ. އަދި މެދުކެނޑުމަކަށްފަހު 2021 ވަނަ އަހަރު ބޭއްވި މުބާރާތް އަލްޖީރިއާ އިން ކާމިޔާބުކުރިއިރު މިއީ އަރަބި ގައުމުތަކަށް ޚާއްސަކޮށްގެން ފީފާ އިން ބާއްވާ ތިންވަނަ މުބާރާތެވެ.
ގުޅުން ހުރި ޙަބަރުތައް

ފީފާ އަރަބް ކަޕް 2025: ސީރިއާ ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ މޮރޮކޯއަށް
ދުވަހެއް ކުރިން

އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ
2 ދުވަސް ކުރިން

ފަސޭހަކަމާއެކު ކުލަބު ބުރޫޖް ބަލިކޮށް އާސެނަލް އިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި
3 ދުވަސް ކުރިން

އަމިއްލަ ދަނޑުގައި ފްރެންކްފާޓް އަތުން ބާސެލޯނާއަށް އުނދަގޫ މޮޅެއް
3 ދުވަސް ކުރިން


