logo
ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން .

ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން .

އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ

profile

ހަސަން ޝަމްއޫން - 11 ޑިސެމްބަރު 2025 - 03:31

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

https://wamco.com.mv/

ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި 4-3 ގެ ނަތީޖާއަކުން އޮލިމްޕިއާކޯސް އަތުން މޮޅުވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ބަޔާ ލެވަކޫސަން އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރިގޯ އެވެ.

ސިޓީ އިން މެޗުގެ ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނިކޯ އޯ ރެލީ އެވެ. އަދި އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ހާލަންޑް މުޅިން ހުސްކޮށްހުރެ ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ކީޕަރު ކޯޓުއާ ދިފާއުކުރިއިރު، ރެއާލްގެ ޒުވާން ފޯވާޑް އެންޑްރިކް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަ މެޗުން މެންޗެސްޓާ ސިޓީއަށް 13 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް މެޑްރިޑުން ލީގުބުރުގައި ކުޅުނު ހަ މެޗުން ހޯދި 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay