logo
ޔޫރަޕްގެ މުސްލިމުންތަކެއް ﷲއަށް ދުޢާކުރަނީ

ޔޫރަޕްގެ މުސްލިމުންތަކެއް ﷲއަށް ދުޢާކުރަނީ

އަދުގެ ދުނިޔޭގައި މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުންތައް (ދެވަނަ ބައި)

profile

ޙުސައިން ފަޒީލް - 27 މޭ 2023 - 09:57

ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތައް

https://wamco.com.mv/

އިސްވެދެންނެވުނު ގޮންޖެހުންތަކުން އަރައިގަނެ ވަރުގަދަ ވެރިކަމުގެ ނިޒާމެއް ޤައުމު ތަކުގައި ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ބުރަވެފައި ބޮޑެވެ. މިގޮތުން ވަރަށް ގިނަގުނަ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ދެން މުސްލިމުންނަށް ދުނިޔޭގެ ބާރާއި ނުފޫޒު ހޯދުމަކީ މުސްތަޙީލު ކަމެކެވެ. ފުރަތަމަ ބޮޑުހަނގުރާމައިގެ ކުރީގައި އުސްމާނީ ދައުލަތް އޮތްގޮތަށް ވަރުގަދަ ވެރިކަމެއް ޤާއިމު ކުރުމަކީ މި ޒަމާނަށް ބަލާއިރު ކުރެވިދާނެ ކަމެއް ކަމަކަށް ނުފެނެއެވެ. އެއީ ޤައުމުތައް އެއްކޮށް އެއްނިޒާމަކުން ގުޅާލަން ޤާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރި ހުރަސްތަކުގެ ސަބަބުންނެވެ. ނަމަވެސް ސަރަހައްދީގޮތުން ގުޅުން ޤާއިމުކޮށް މުސްލިމު ޤައުމުތަކުން އެކުގައި ތިބެވިދާނެއެވެ. މިގޮތުން މި ގުޅުން ރަނގަޅުކުރެވޭނެ ގޮތްތަކެއް ވެއެވެ. މިގޮތްތަކުގެ ބޭނުން ހިފައިފިނަމަ މުސްލިމުންގެ ބާރާއި ނުފޫޒު ކުރިއަށްވުރެ ގަދަވާނޭ ކަމާމެދު ޝައްކެތް ނެތެވެ. މުސްލިމުންވާންވީ މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ ވަރުގަދަ އަޤީދާއެއްގެ މަތީ ދެމިތިބޭ ބަޔަކަށެވެ. މާތްﷲ އެންގެވިގޮތަށް އެންމެހާ އަމަލުތައް ބަހައްޓާ ބަޔަކަށެވެ. މާތްﷲއަށްޓަކާއި ލޯބިވެ އެކަލާނގެ ދީންމަތީ ސާބިތުވެ ތިބޭ ބަޔަކަށެވެ. އެމީހުންގެ ކިބައިގައި ހުންނަންވީ، ކަންކަން ހޯދާ ދިރާސާކުރުމުގެ ޝައުޤުވެރިކަމެވެ. ހުރިހާ މުސްލިމުންނަކީ އެއްއުންމަތެކެވެ. އެއްބައެކެވެ. ތަފާތު ޤައުމުތަކަށް ނިސްބަތްވި ކަމުގައިވިޔަސް އެންމެންނަކީ އެއް އަމާޒަކަށް މަސައްކަތްކުރާ ބައެކެވެ. މާތްﷲ އަލްޚުޖްރާތި ސޫރަތުގެ 13 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ. "يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ މާނައީ: އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ" މިއަދު ދުނިޔޭގެ ތަފާތު ޤައުމުތަކަށް ނަޒަރު ހިންގާލާއިރު، ދުނިޔޭގައި ހިނގާދިޔަ އެންމެ ބޮޑު ދެ ހަނގުރާމައިގެ އަސަރު އިސްލާމީ ދުނިޔެއަށް ކޮށްފައިވާކަން އެނގެއެވެ. އެހީނަރުކަން މިއަދުވެސް ފެންނަމުންދެއެވެ. މިކަމުން އަރައިގަތުމަށް ތައުލީމީ ގޮތުން ސްކޫލުތަކާއި ޔުނިވަސިޓީތަކާއި ރިސާޗް ސެންޓަރުތައް އިމާރާތްކޮށް މުޅި ނިޒާމު ބަދަކުރަންޖެހެއެވެ. މިގޮތުން މުސްލިމުންގެ ތެރޭގައި އެއް މަންހަޖަކަށް އެއް މިސްރާބަކަށް ކިޔަވައިދިނުން ކުރިއަށް ގެންނެވިދާނެއެވެ. އަދި ނިކަމެތި އާއިލާތަކުން އަންނަ ކުދިންނަށް އުނގެނުމުގެ ފުރުޞަތު ފަހިކޮށްދެވިދާނެއެވެ. މިކަމަށް މަގުފަހި ކުރުމަށް އިސްލާމީ ޤައުމުތަކުން ގުޅިގެން ރަނގަޅު ބޭންކިން ނިޒާމެއް ޤާއިމުކޮށް ތަރައްޤީގެ މަސްއޫތަކަށް ބޭނުންވާ ފައިސާ ރިބާ ނުހިމެނޭނެހެން ދޫކުރެވިދާނެއެވެ. މިމޭރުމުން މަސައްކަތް ކުރެވިއްޖެނަމަ ތައުލީމީ ނިޒާމު ހަމަމަގަށް އަޅުވާލއވިދާނެއެވެ. މިކަމުގެ އެދެވޭ އަސަރު އެހެން ސިނާއަތް ތަކަށް ކުރާނެއެވެ. އޭރުން ދަނޑުވެރިކަމާއި ތެޔޮސާފުކުރުމާއި މިނޫނަސް މަސައްކަތްތަކުގައި އިސްކޮށްތިބޭނީ ކިޔަވައިގެންތިބި މުސްލިމު ޒުވާނުންނެވެ. ޖީއެސްޓީ ފަދަ ހުޅަނގުގެ ޓެކްސް ނިޒާމު ދޫކޮށް ޒަކާތް ނަގަން ފެށިދާނެއެވެ. މިކަމުގެ ސަބަބުން ފަޤީރުކަމުން މީހުން ދުރުކޮށްދީ ފޯރުންތެރިކަން އިތުރުކޮށްދެއެވެ. މިއީ ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެކެވެ. އަދި ހަމައެހެންމެ އިސްލާމީ ޚިލާފަތް ތަކުންވެސް މިކަން ޤަވައިދުން ކުރިއެވެ. އިސްލާމީ އިކޮނޮމިސްޓުން އެއްބަސްވެލައްވާގޮތުގައި ޒަކާތަކީ ފަޤީރުކަން ނައްތާލުމަށް ބޭނުން ކުރެވޭނެ އެންމެ ތޫނު ހަތިޔާރެވެ. އިންޑޮނޭޝިއާއިން 2004 ކުން 2015 އަށް ފަޤީރުންގެ އަދަދު މަދުކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔައެވެ. އޭރު އިންޑޮނޭޝިއާގެ އާބާދީގައި ގާތްގަނޑަކަށް 42 މިލިއަން ފަޤީރުން ތިއްބެވެ. އިންޑޮނޭޝިއާގެ ސަރުކާރުން ކުރިއަށް ގެންދިޔަ ޒަކާތުގެ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް 2015ގައި ހެދި ދިރާސާއިން ދައްކައެވެ. މި ދިރާސާގެ ނަތީޖާ ދައްކާގޮތުން 11 އަހަރު ކުރެވުނު މަސައްކަތުން 28 މިލިއަން ފަޤީރުން އާންމު ޙާލަތައް ގެނެވުނެވެ. މިކަމުން ދޭހަކޮށްދެނީ ޒަކާތަކީ ނުނަގާ ދޫކޮށްލާ ވަރުގެ އެއްޗެއް ނޫން ކަމެވެ. މުސްލިމުން ބައިބައިކޮށް އެކަހެރިކުރުމަށް ކުރާ މަސައްކަތް ކާބިޔާބު ވިޔަނުދީގެން ނުވާނެއެވެ. ހުޅަނގުގެ ޤައުމުތަކުން އެމަސައްކަތް ކުރާނެކަން ދަނެތިބެގެން ހުޅަނގާ ގުޅުންކުޑަ ޤައުމުތަކާއި ގުޅިގެން ފަހިގޮތްތަކެއް ހޯދަން މަސައްކަތް ކުރެވިދާނެއެވެ. މި ޒަމާނަށް ބަލާއިރު ސީނުކަރަ އާއި ރޫސީވިލާތް ފަދަ ޤައުމު ތަކަކީ ހުޅަނގުގެ ދުއްތުރާ ތަކުން ސަލާމަތްވެ ތިބުމަށް ގުޅުން ބަދަހި ކުރަންޖެހޭ ޤައުމު ތަކެވެ. އެ ޤައުމު ތަކުގެ ކުންފުނިތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ދެވިދާނެއެވެ. މިކަން ކުރާނީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެނެވެ. އަދި އެފަދަ ކުންފުނިތަކަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކޮށް އެ ޤައުމެއްގެ މީހުންނަށް ވަޒީފާތަކުގެ %50 ދޭން ޝަރުތު ކުރެވިދާނެއެވެ.

އަދުގެ ދުނިޔޭގައި މުސްލިމުންނަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަކަން އެންމެންނަށްވެސް އެނގެއެވެ. އެމީހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރެވޭނީ ޚިކުމަތްތެރިކަމާއެކު މަސައްކަތް ކޮއްގެންނެވެ. އިސްލާމީ ހަރުދަނާ އަޤީދާއެއްގެވެރި ބަޔަކަށް ވެގެންނެވެ. މުސްލިމުންނަކީ އެއްބައެއްގެ ގޮތުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާ ބައެއްގެ ގޮތުގައި ތިބެގެންނެވެ. އެންމެހާ މުސްލިމުންނަކީ ގުޅިގެން އިސްލާމީ ޙަޟާރާތު ކުރިއަރުވާ އިސްލާމްދީނަށް ނަޞްރުދޭ ބައެއްގެ ގޮތުގައި ދެމިތިބެގެންނެވެ.

(ނިމުނީ)

https://wamco.com.mv/
https://www.aslu.com.mv