logo

މިނިސްޓަރ ދެއްވި ޔަޤީންކަން: މަސްވެރިންގެ އަޑު އަހާނަން، ހައްލު ހޯދައިދޭނަން!

profile

އަހުމަދު ޒަލީފު - 12 ޖޫން 2024 - 19:12

މިނިސްޓަރ ޝިޔާމް

މިނިސްޓަރ ޝިޔާމް

ބޮޑު ކަންނެލީގެ ޔޫނިޔަންއިން އިސްނަގައިގެން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގައި ބައިވެރިވުމަށް ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް އެ ސަރަހައްދަށް ވަޑައިގެން މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުއްޓެވެ. ނަމަވެސް ރައީސް ޑރ މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިހާރު ވަނީ އެ ފައިސާ މަސްވެރިންނަށް ދޫކުރައްވާފައެވެ.

މިއަދުގެ އެއްވުމުގައި މަސްވެރިން ފާޅުކުރި އަނެއް ކަންބޮޑުވުމަކީ ލޭނުގެ މަސްވެރިކަން ކުރުމަށް ސަރުކާރުން ހުއްދަ ދޭން އުޅޭކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުމެކެވެ. ނަމަވެސް އިހްތިޖާޖުގެ ބައިވެރިންނާ މުޚާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ މަސްވެރިންގެ މަސްލަޙަތު ޙިމާޔަތްކުރެވޭ ގޮތެެއް ކަމަށާއި، މަސްވެރިންނަށް ގެއްލުންވާ ގޮތަށް ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ.

މަސްވެރިންނަށް މި ސަރުކާރުން މިހާތަނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާރު މަސްވެރިންނަށް ދޫނޫކުރެވި 61 މިލިއަން ރުފިޔާ އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަދާ ހިސާބަށް 62 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބައޮތް. 22 އެޕްރީލްގަ އަޅުގަނޑު ހަނދާންވާ ގޮތުން 22 މިލިއަން ރުފިޔާ އެ ޕޭމެންޓުގައި ދެވުނީ. ދެވުނު އިރު އެހިސާބަށް މި ސަރުކާރު އައިފަހުން 881 މިލިއަން ރުފިޔާ. މަސްވެރިންނަށް މިސަރުކާރުން ޔަޤީނުންވެސް 881 މިލިއަން ރުފިޔާ ދޫކުރެއްވިއްޖެ. މަސް ނިމޭއިރު މިފްކޯއަށް ހުންނާނެ އުނދަގޫތަކެއް. އުއްމީދު ކުރަނީ މި ފައިސާ ވީހާވެސް އަވަހަށް މަސްވެރިންނަށް ދައްކާ ޚަލާސް ކުރެވޭނެ ކަމަށް " ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޚަރަދު ކުޑަކޮށް ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ތެލަށް މިފްކޯއިން ކުރާ ޚަރަދު ކުޑަކުރެވިގެން ނޫނީ މިފްކޯގެ ޚަރަދު ކުޑަ ނުކުރެވޭނެތީ އެ ކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ސަރުކާރުން ވަނީ މިފްކޯގެ ފެކްޓަރީތަކަށް ބޭނުންވާ ހަކަތައިގެ 35 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި މިކަމަށް ވޯލްޑް ބޭންކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް 250 މިލިއަން ނުދެވިހުރިއެވެ. އޭގެ ފަހުން މަސްވެރިންނަށް ފައިސާ ދޫކުރުމަށް އެކި މަސައްކަތްތައްކޮށް ސަރުކާރުން ވަނީ ބިލްތައް މިދިޔަ އެޕްރީލް މަހާއި ހަމައަށް ހަލާސްކޮށްފައެވެ. މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.

tel:+9607331319