logo

ވާދޫ ކައިރީގައި ވަދު ކަނދުފައްޗެއް އަޅައިދިނުމަށް އެދިއްޖެ

profile

ޒިދާން މުޙައްމަދު - 16 އޯގަސްޓު 2024 - 23:33

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، މިއަދު އެ ވުޒާރާގައި ގދ. ވާދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވާދޫގެ ތަރައްޤީއާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. މިބައްދަލުވުމުގައި އެ ރަށު ކައުންސިލުން ފާހަގަކޮށްފައިވަނީ އެ ރަށުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ ކަމާއި، ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ކަމެވެ. އަދި ވަދު ކަނދުފައްޗެއް ވާދޫ ކައިރީގައި އަޅައިދިނުމަކީ އެރަށުގެ މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެދޭކަމެއްކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ކަނދުފަތި އެޅުމަށް ވަސީލަތް މަދުވުމުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ކަނދުފަތި އެޅުމަށް ބޭނުންވާ ގައު ތައްޔާރުކުރުމަށް މިވަގުތު ވަރަށް ދަތިކަމަށާއި، އެހެންކަމުން ކަނދުފަތި އެޅުން ލަސްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ވުޒާރާގެ ވިސްނުން އޮތްގޮތް ވަޒީރު އޮޅުންފިލުވައިދެއްވިއެވެ. އަދި ދެކުނުގައި އެޅުމަށް ވުޒާރާއިން ނިންމާފައިވާ ފެޑް ސެންޓަރުގެ މަޢުލޫމާތުވެސް ކައުންސިލާ ހިއްސާކުރެއްވިއެވެ. އަދި ސަރުކާރުން ލޭނު މަސްވެރިކަމަށް ހުޅުވާލާތީ އެކަމުގެ މަޢުލޫމާތުވެސް ކައުންސިލާ ހިއްސާކުރެއްވިއެވެ.

tel:+9607331319