ނިލަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ 20 އިންސައްތަ ނިމިއްޖެ!

ރިޟްވާން މޫސާ - 04 ޖުލައި 2026 - 08:28
ފ. ނިލަންދޫގައި ގާއިމުކުރާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 20 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް ފ.ނިލަންދޫ ކައުންސިލުން ބުނެފި އެވެ.
ފ.ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަ އަކީ ހައްލު ނުވެ ނަޖިސް ބޭރުވުމާއެކު ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު ވަންދެންވެސް ހައްލު ނުވެފައި އޮފް ބޮޑު މައްސަލަ އެކެވެ.
މިކަމުގެ ސަބަބުން ނިލަންދޫގައި ދޭތެރެ ދޭތެރެއިން ބަލިމަޑުކަން ފެތުރި ސިއްޙީ ބޮޑެތި މައްސަލަ ތައް ދިމާވަމުން އަންނަ ކަމަށް އެރަށު މީހުން ފާހަގަ ކުރެ އެވެ.
"އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު މިއަދު ވިދާޅުވީ ނިލަންދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ރައީސުލް ޖުމްހޫރިއްޔާގެ އިސްނެންގެވުމަކާއެކު އެމްޑަބްލިއުއެސްސީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަލީ ވިދާޅުވީ މަސައްކަތުގެ ސްޕީޑް އާއި، މި މަސައްކަތް ކުރަމުން އަންނަ ގޮތް އެކުންފުނިން ކުރައްވަމުން ގެންދަވަނީ ހިތްހަމަޖެހޭ ގޮތަށް ކަމަށާއި، މިވަގުތު މުޅި ޕްރޮޖެކްޓުގެ މަސައްކަތުގެ ތެރެއިން 20 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ.
15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ހައްލު ނުކުރެވބި އޮތް ފ.ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލަ އާއި ބެހޭގޮތުން "އަސްލު" އިން ރައީސުލް ޖުމްހޫރިއްޔާ އާއި ސުވާލުކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ މި މައްސަލަ އަށް ދާއިމީ ހައްލު ހޯއްދަވައި ދެއްވުމަަށް އެވަގުތުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތް ހިނގަމުން އަންނަ ގޮތް ވަރަށް ގާތުން ސަރުކާރުންވެސް ބައްލަވާނެ ކަމަށެވެ.
ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ، އެމްޑަބްލިޔުއެސްއީއާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 69.6 މިލިޔަން ރުފިޔާއެވެ. މަޝްރޫޢުގެ މުއްދަތަކީ 720 ދުވަހެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ، އެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ނުހުއްޓި ކުރިއަށްދާކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން މަގުތަކުގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ނިމި، ރަށުގެ 5 ސަރަހައްދެއްގައި ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފ.ނިލަންދޫގައި ގާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ ތެރޭގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަސައްކަތާއި ގުޅުން ހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.






.gif&w=3840&q=75)