logo

ރާއްޖެއާ އިތިޔޯޕިއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

profile

އާމިނަތު ޝަޒްލާ - 21 ޖުލައި 2026 - 10:41

ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިޔޯޕިއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. އިތިޔޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، އިތިޔޯޕިއާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލި 6 ވަނަ ޤައުމު ކަމަށެވެ. މީގެ ކުރިން ރާއްޖެއިން މިފަދަ އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާ އެކުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ އިޤުތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް، މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ވިލުންވެރި ވައިގެ ދަތުރުފަތުރުގެ ސިނާޢަތެއް ބިނާކުރުމަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެކި ހަބް-އެއަރޕޯޓުތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ މަގުތައް ފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމާއެކު، އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ "އިތިއޯޕިއަން އެއަރލައިން" އިން ރާއްޖެއަށް ދަތުރުތައް ފެށުމަށާއި، ރާއްޖޭގެ ޤައުމީ އެއަރލައިން "މޯލްޑިވިއަން" އިން އިތިޔޯޕިއާއަށް ސީދާ ދަތުރުތައް ކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ސިނާޢަތަށް އާ ފުރުޞަތުތަކެއް ހުޅުވި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް ލިބޭ މަންފާ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk