
ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރު މަހު ބާއްވަން ތާވަލުކޮށްފި

އާމިނަތު ޝަޒްލާ - 21 ޖުލައި 2026 - 10:41
ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް، ތަފާތު އެކި ސަބަބުތަކާހުރެ ލަސްވުމަށްފަހު، އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ސާފް އިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މިފަހަރުގެ މުބާރާތް ބާއްވާނެ ތާރީޚާއި ޤައުމު މިހާރު ވަނީ މުޅިން ކަށަވަރުކުރެވިފައެވެ. ބަންގްލަދޭޝްގައި ބާއްވާ މި މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ 15 ވަނަ އެޑިޝަނެވެ. މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 4 އިން 17 އަށް، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
ސާފް އިން ބުނީ، މި މުބާރާތަކީ ސަރަހައްދީ ގައުމުތަކުން އެންމެ ބޮޑަށް އިންތިޒާރުކުރާ، އެންމެ ހައިބަތުބޮޑު މުބާރާތަށް ވުމާއެކު، ސާފްގެ މެމްބަރު ހުރިހާ ގައުމަކުން ވެސް މިފަހަރުގެ މުބާރާތުގައި ބައިވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން ސާފް އިން ބުނީ، މިފަހަރުގެ މުބާރާތުގެ ލޯގޯ އިފްތިތާހުކުރުމަށް މި މަހުގެ 25 ވަނަ ދުވަހު ޑާކާގައި ޚާއްސަ ހަފްލާއެއް ބާއްވާނެ ކަމަށެވެ. އަދި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ބޫޓާނުގެ ތިމްފޫގައެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލީ ދިވެހިރާއްޖެއިންނެވެ. މިއީ ރާއްޖެއިން މި ތަށި ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
ރާއްޖެއިން ވެސް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި މުބާރާތް ހޯސްޓުކޮށްފައެވެ. އެއީ ސްރީލަންކާއާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި މުބާރާތާއި، 2021 ވަނަ އަހަރު ރާއްޖެއިން އެކަނި ހޯސްޓުކުރި މުބާރާތެވެ.
އެންމެ ފަހުން 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން ކުވެއިތާއި ލުބުނާން ވެސް ވާދަކޮށްފައިވެއެވެ. ނަމަވެސް އެފަހަރު ސްރީލަންކާ އޮތީ ސަސްޕެންޝަނެއްގައި ކަމުން އެ ގައުމަށް ބައިވެރިއެއް ނުވެވުނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާއިންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިޤްތިސާދާއި އާބާދީގެ މަޢުލޫމާތު ބަލާލެވޭ ޕޯޓަލްއެއް ސްޓެޓްސް ބިއުރޯއިން ތަޢާރަފްކޮށްފި
5 ގަޑިއިރު ކުރިން

ރާއްޖެއާ އިތިޔޯޕިއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
5 ގަޑިއިރު ކުރިން

އައިނު ފިހާރަތަކުން 23،000 އައިނު ދޫކޮށްފައިވޭ: އެމްސީޖީއެޗް
7 ގަޑިއިރު ކުރިން

ސަރުކާރުގެ ކުންފުނިތަކުން 14 ހާހަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން: ފައްޔާޒް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)