
އައިނު ފިހާރަތަކުން 23،000 އައިނު ދޫކޮށްފައިވޭ: އެމްސީޖީއެޗް

މުޙައްމަދު ފަޟްލޫން - 21 ޖުލައި 2026 - 08:56
ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް 23,000 އަށްވުރެ ގިނަ އައިނު ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެމްސީޖީއެޗް އޮޕްޓިކަލްސް މެދުވެރިކޮށް މިހާތަނަށް ޖުމްލަ 23,847 އައިނު ހެއްދުމަށް އޯޑަރު ދީފައިވެއެވެ.
މީގެ ތެރެއިން ބޮޑުބައެއް މިހާރު ވަނީ ތައްޔާރުކޮށް ކަސްޓަމަރުންނާ ހަވާލުކުރެވިފައެވެ.
މި ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލެ ހޮސްޕިޓަލުގައެވެ.
ތަފާސްހިސާބުތަކުގެ ތަފްސީލަށް ބަލާއިރު:
އައިޖީއެމްއެޗް: 13,595 އޯޑަރު ލިބިފައިވާއިރު، 12,507 އައިނު ވަނީ ދޫކޮށްފައެވެ.
ހުޅުމާލެ ހޮސްޕިޓަލް: 8,934 އޯޑަރުގެ ތެރެއިން 8,247 އައިނު ވަނީ ހަވާލުކޮށްފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: 2,096 އޯޑަރު ލިބި، 1,746 އައިނު ވަނީ ނިންމާފައެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ވަނީ ހަވާލުކޮށްފައެވެ.
އައިޖީއެމްއެޗުން މި ޚިދުމަތް ފަށާފައިވަނީ 28 ޖުލައި 2024 ގައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް ދޭން ފެށީ 27 އޮގަސްޓް 2024 ގައެވެ.
މީގެކުރިން ނަންބަރު އައިނު ހެއްދުމަކީ ރައްޔިތުން އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށް ވީނަމަވެސް، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އާސަންދައިގެ ދަށުން އައިނު ހެއްދުމަށްދޭ އިނާޔަތް 1,000 ރުފިޔާއިން 2,000 ރުފިޔާއަށް އިތުރުކޮށްދީފައެވެ.
މިއީ ރައްޔިތުންގެ މާލީ ތަހައްމަލު ކުޑަކުރުމަށްޓަކައި ސަރުކާރުން އެޅިހަރުދަނާ ފިޔަވަޅެކެވެ.
މި ހިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން އަމިއްލަ 18 މަރުކަޒަކުން އާސަންދައިގެ އެހީގައި އައިނު ހެއްދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
މީގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާގެ ގޮފިތަކުގެ އިތުރުން މާލޭގައި ފުޅާދާއިރާއެއްގައި އޮޕްޓިކަލް ޚިދުމަތްދޭ މަޝްހޫރު ފިހާރަތައް ހިމެނެއެވެ.
މި ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަގުހެޔޮކޮށް އައިނު ހެއްދުމުގެ މަގު ތަނަވަސްވެ، ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިޤްތިސާދާއި އާބާދީގެ މަޢުލޫމާތު ބަލާލެވޭ ޕޯޓަލްއެއް ސްޓެޓްސް ބިއުރޯއިން ތަޢާރަފްކޮށްފި
5 ގަޑިއިރު ކުރިން

ރާއްޖެއާ އިތިޔޯޕިއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
5 ގަޑިއިރު ކުރިން

ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރު މަހު ބާއްވަން ތާވަލުކޮށްފި
5 ގަޑިއިރު ކުރިން

ސަރުކާރުގެ ކުންފުނިތަކުން 14 ހާހަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން ސަރުކާރުން ދަނީ މަސައްކަތްކުރަމުން: ފައްޔާޒް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)