logo

ފަތުރުވެރިކަމުގެ ސިނާޢަތަކީ، ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުވައިދޭ އެންމެ މުހިންމު ތަނބު: ޒަމީރު

profile

އައިޝަތު އިނާޝާ - 27 ސެޕްޓެމްބަރު 2024 - 14:02

މިނިސްޓަރ މޫސާ ޒަމީރު

މިނިސްޓަރ މޫސާ ޒަމީރު

ފަތުރުވެރިކަމުގެ ސިނާޢަތަކީ، ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުވައިދޭ އެންމެ މުހިންމު ތަނބު ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރުވެރިކަން ހަމައެކަނި މުހިންމުވަނީ ރާއްޖޭގެ އިގްތިސޯދަށް އެކަނި ނޫން ކަމަށާއި ބައިނަލްއަގްވާމީ މައިދާނުގައި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ވެސް އެއީ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތަފާތު ސަގާފަތްތަކުގެ ގައުމުތައް އެއްބައި ކުރުމަގައާއި އަމާންކަން ފެތުރުމުގައި ފަތުރުވެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އަދި ރާއްޖޭން މަސައްކަތް ކުރަނީ ހުރިހާ އެންމެނަށް ވެސް ފައިދާވާނެ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ޕޯސްޓުގައިވަނީ ފަތުރުވެރިކަމަކީ ދެމެހެއްޓެނިވި ކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ބާރަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާުރުއަޅުއްވާފައެެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރާއިރު މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިބަދަކަމުގައިވާ، ފަތުރުވެރިކަން މިވަނީ، މުޅި ދުނިޔެއިން ހޮވާލެވޭ އިންޑަސްޓްރީއަކަށް ބަދަލުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1,463,507 އަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާރު އެވްރެޖްކޮށް ދުވާލަކު 5,461 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ޖުމުލަ 62,814 އެނދު ހުރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ގެސްޓްހައުސް އެނދުގެ އަދަދު މިއަހަރުގެ ތެރޭގައި 1,246 އިން އިތުރުވެ، 14,903 އަށް އަރާފައިވާއިރު، ރިސޯޓުތަކުގެ އަދަދަށް ކުޑަ ދަށްވުމެއް އައިސްފައިވެއެވެ. އަހަރު ފެށުނުއިރު 176 ރިސޯޓުގައި 43,279 އެނދު ހުރިއިރު، މިހާރު އެ އަދަދު 174 އަށް ދަށްވެފައިވަނީ އޮފް ސީޒަނަށް ބައެއް ރިސޯޓުތައް ބަންދުކުރުމާ ގުޅިގެންނެވެ.

މިއަދު ރާއްޖެއަކީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ ރިސޯޓްތަކެއް އޮޕަރޭޓްކުރަމުން އަންނަ ފަތުރުވެރިކަމުގައި ނަން މަޝްހޫރު ކާމިޔާބު މަންޒިލެކެވެ.


https://int.etukuri.mv/
tel:+9607331319