logo

މާކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާބެހޭ މުއާހަދާ ރާއްޖެއިން ތަސްދީޤުކޮށްފި

profile

އާމިނަތު ޝަފާ - 25 ސެޕްޓެމްބަރު 2024 - 10:08

މޫސާ ޒަމީރު މި މުއާހަދާ ތަސްދީގުކުރުމަށް ބޭނުންވާ އިންސްޓްރޫމަންޓް އޮފް އެކްސެޝަން ހުށަހަޅުއްވަނީ

މޫސާ ޒަމީރު މި މުއާހަދާ ތަސްދީގުކުރުމަށް ބޭނުންވާ އިންސްޓްރޫމަންޓް އޮފް އެކްސެޝަން ހުށަހަޅުއްވަނީ

މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ (ބީ.ބީ.އެން.ޖޭ. މުޢާހަދާ) ދިވެހި ރާއްޖެއިން ތަސްދީގުކޮށްފިއެވެ.

އ.ދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލް މޫސާ ޒަމީރު، މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ (ބީ.ބީ.އެން.ޖޭ. މުޢާހަދާ) ދިވެހިރާއްޖެ ތަސްދީޤުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް ރެޓިފިކޭޝަން" އާއި "މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ބޭނުންވާ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" އ.ދ. އަށް ވަނީ ހުށަހަޅުއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 11 ޑިސެމްބަރ 2023 ގައި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެދި ފޮނުއްވުމަށް ނިންމަވާފައެވެ. އަދި ބީ.ބީ.އެން.ޖޭ. މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ 3 ސެޕްޓެމްބަރ 2024 ގައެވެ. މި ދެ އެއްބަސްވުންތައް ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ 13 މެއި 2024 ގައެވެ. އެގޮތުން، މި ރަސްމިއްޔާތަށް ފަހު، ދިވެހިރާއްޖެ އަކީ ބީ.ބީ.އެން.ޖޭ. މުޢާހަދާ ތަޞްދީޤުކުރި 9 ވަނަ ޤައުމު އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ ތަސްދީޤުކުރި 150 ވަނަ ޤައުމެވެ.

ދިވެހިރާއްޖެއަކީ ކަނޑުތައް ރައްކާތެރިކޮށް، އެ ސަރަޙައްދު ޙިމާޔަތްކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ކަށަވަރުކުރުމަށް ބާރުއަޅައި، ދިރޭރަހަ ނުވަތަ މަރކިއުރީ އެކުލެވޭ އުފެއްދުންތަކުން ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތަކުން ޞިއްޙަތަށާއި ތިމާވެށި ރައްކާތެރިކުރުމަށްވެސް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެކަން ދިވެހި ސަރުކާރުން ޔަޤީންކަން އަރުވަމެވެ.

19 ޖޫން 2023 ގައި އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު ބީ.ބީ.އެން.ޖޭ. މުޢާހަދާގައި ޤައުމުތަކަށް ސޮއިކުރެއްވުމަށް ހުޅުވާލައްވާފައިވަނީ 20 ސެޕްޓެމްބަރ 2025 ގެ ނިޔަލަށެވެ. އަދި މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ އަކީ ޔުނައިޓެޑް ނޭޝަންސް ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ.

https://wamco.com.mv/
tel:+9607331319