logo

މިނިސްޓަރ ޒަމީރު ބަހުރެއިނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

profile

ޒިދާން މުޙައްމަދު - 15 އޯގަސްޓު 2024 - 10:45

ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާނީއާ ގެ ދަޢުވަތުފުޅަކަށް، ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ބަހްރައިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މަނަމާއިން ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ސިފަކުރައްވާފައިވާ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު ވަނީ ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރު، ޕްރިންސް ސަލްމާން ބިން ޙަމަދު އަލް ޚަލީފާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

އަދި ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާންއާ ވަނީ ބައްދަލުކުރައްވާފައެވެ. އެ ދެބޭފުޅުން ކުރެއްވެވި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ބަޙްރައިނުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޒަމީރު އެރުވިއެވެ. މި ދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ، އައްޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއާއި، މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް ޗެއަރމަން އޮފް ދަ ޓުއަރިޒަމް އެންޑް އެގްޒިބިޝަންއޮތޯރިޓީ، ފާތިމާ ބިންތު ޖަފަރު އަލް ސައިރާފީގެ އިތުރުން ބަހްރެއިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑާއި ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޒަމީރު ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
tel:+9607331319