logo

ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކުގެ ޝީލްޑަކަށް ބަހައްޓަނީ ދިވެއްސެއް: ހުސައިން ޝަރީފް

profile

އާމިނަތު ޝަފާ - 15 އޯގަސްޓު 2024 - 16:41

މެމްބަރު ހުސައިން ޝަރީފް

މެމްބަރު ހުސައިން ޝަރީފް

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ޝީލްޑަކަށް ބަހައްޓާފައި ހުންނަނީ ދިވެއްސެއްކަމަށް ވިދާޅުވެ ބިދޭސީންގެ މައްސަލައިގައި ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މެމްބަރު މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ އަސްލު ޓީވީގެ ދިވެހިންގެ މެމްބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ މިދައްކަނީ އިންސާނީ ކަރާމާތުގެ ވާހަކަ ނޫންކަމަށާއި މި ދައްކަނީ ދިވެހިންގެ ވާހަކަ ކަމަށެވެ. މެމްބަރު ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކުގެ ސަބަބުން ދިވެހިންގެ ވިޔަފާރިތައް ހުއްޓެމުންދާކަން ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ދައުލަތް ބިދޭސީންގެ ޤާނޫނާއި ޤަވައިދުގެ އުސޫލުން ބޭރުން ދިވެހިރާއްޖޭގެ ޤަވައިދުގެ ތެރެއަށް ވަންނަނީ. ވަނުމަށްފަހު ޤަވައިދާ ޚިލާފަށް މިގައުމުގެ ދޮރުތައް ހުޅުވިފައި އޮތަތީވެޔޭ އެބޭފުޅުން މި ގައުމުގެ ތެރޭގައި ނާޖާއިޒް ގޮތުގައި ނަހަމަ ގޮތުގައި ވަރުގަދަ ދިވެހިންނާއި ގުޅިގެން އަދި ދައުލަތުގެ ތެރޭގައި މުވައްސަސާތަކުގައި ތިބި ވެރިންނާއިވެސް ގުޅިގެން އެ ނެޓްވޯކުގެ ތެރެއިން ނާޖާއިޒް ގޮތުގައި ޤާނޫނާ ޚިލާފު އެތައް ކަމެއް ކުރަމުންދޭ".

ރާއްޖޭގައި ބިދޭސީންނަށް ކުރަންޖެހޭ ހަރަދުތައް ދުވަހެއް ދުވަހެއް ގިނަވަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ބިދޭސީންނަށް އެ ދޮރުތައް ހުޅުވިފައި އޮތީ ގާނޫނީ ނިޒާމަކުން ބަންދުކުރެވިފައިވީ ނަމަވެސް އެ ގާނޫނީ ނިޒާމު ތަންފީޒު ކުރެވިގެން ނުދިޔުމުން ކަމަށެވެ.

ކާބޯތަކެތީގެ ވިޔަފާރީގެ ތެރެއަށް އަތްގަދަކޮށް އަދި ވިޔަފާރިތަކުގެ ކޮންޓްރޯލް ނެގުމަށް ބިދޭސީން ދުރާލާ ރާވާކަމަށް މެމްބަރު ވިދާޅުވިއެވެ.

"ބިރެއް ނެތި އަމާން ވެއްޓެއްނެތް މަންޒަރު މިފެންނަނީ. ކޮން ގައުމަކުން މި ފުރުސަތު ފަހިކޮށްދިނީ. ރައްކާތެރިކަމަށް މި ބަހައްޓަނީ ޝީލްޑަކަށް މި ބަހައްޓަނީ ދިވެއްސެއް".

ވާހަކަފުޅު ނިންމާލަމުން މެމްބަރު ވިދާޅުވީ ދިވެހިން އެކަން ކުރަނީ ރަނގަޅު މަގުސަދުގައިވިޔަސް ބިދޭސީންގެ ވިސްނުން ތަފާތުކަމަށާއި އެމީހުން ދިވެހިންގެ ބޭނުން ހިފަނީ އަމިއްލަ މަސްލަހަތައްޓަކައިކަމަށެވެ.

tel:+9607331319