logo

އިސްރާއީލުން ވައިގެ ހަމަލާދިނީ އީރާނާ އެއްވެސް ގުޅުމެއް ހުރި ތާކަށް ނޫން: އީރާން

profile

ސައިފް އަޒުހަރު - 09 ސެޕްޓެމްބަރު 2024 - 18:47

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ނަސަރު ކަންއާނީ، ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ:

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ނަސަރު ކަންއާނީ، ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ:

ސޫރިޔާ ތެރެއިން، އިސްރާއީލުން މިއަދުގެ ފަތިހާ ވައިގެ ހަމަލާތައް ދީފައިވަނީ އީރާނާ އެއްވެސް ގުޅުމެއް ހުރި ތާކަށް ނޫންކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން މިފަދައިން ބުނީ، ސޫރިޔާގެ ތެރެއިން އިސްރާއީލު ސިފައިން ވައިގެ ހަމަލާ ދިނީ އީރާނާ ގުޅުންހުރި ނުވަތަ އީރާނުން ތާއީދުދީގެން ހިންގާ ތަނަކަށް ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ނަސަރު ކަންއާނީ، ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، އިސްރާއީލުން ހަމަލާދިނީ ސޫރިޔާ ސަރުކާރުގެ ތަންތަނަށް ކަމަށާއި، އޭގެ ތެރޭގައި ސޫރިޔާގެ ދިފާއީ ވުޒާރާ އަދި ސޫރިޔާ ސިފައިންނާ ގުޅުންހުރި ރިސާޗް ސެންޓަރެއް ހިމެނޭ ކަމަށް ސޫރިޔާ ސަރުކާރުގެ ރަސްމީ މަސްދަރުތަކުން ބުނެފައިވާ ކަމަށެވެ.

ޚާރިޖިއްޔާގެ ތަރުޖަމާނު ނަސަރު ކަންއާނީ ވަނީ، އިސްރާއީލުން ސޫރިޔާއަށް ދިން ހަމަލާއަކީ ޖިނާއީ އުދުވާނެއް ކަމަށް ވިދާޅުވެ އެންމެ ހަރުކަށި އިބާރާތުން މި ހަމަލާ ކުށްވެރި ކުރައްވާފައެވެ.

ޒަޔަނިސްޓު އިސްރާއީލު ސިފައިން ސޫރިޔާގެ 15 ތަނަކަށް ވައިގެ ހަމަލާތައް ދިނެވެ. މިހަމަލާތަކުގައި 16 މީހުން މަރުވެ، އިތުރު 36 މީހުން ޒަޚަމްވެފައިވާ ކަމަށް ސޫރިޔާ ސަރުކާރުން ބުނެފައި ވެއެވެ.

ޒަޚަމްވި މީހުންގެ ތެރެއިން ހަމީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް، ސޫރިޔާ ސަރުކާރުން ބުނެފައި ވެއެވެ.

ސޫރިޔާ ސަރުކާރުން ބުނެފައިވަނީ، އިސްރާއީލުން ދިން އުދުވާނީ ހަމަލާގައި ފޮނުވި ބައެއް މިސައިލާއި ރޮކެޓްތައް، ސޫރިޔާގެ ދިފާއީ ނިޒާމުން ހަމަލާދީ ވައްޓާލި ކަމަށެވެ.

ސޫރިޔާ ސިފައިން ބޭނުންކުރާ ދިފާއުވާ ނިޒާމުތަކާއި، ޒަމާނީ ހަތިޔާރުތަކަކީ ރަޝިޔާއިން ފޯރުކޮށްދޭ ސާމާނެވެ. އަދި ސޫރިޔާ ސިފައިންނަށް ބޭނުންވާ ތަމްރީނުތައް ދެނީވެސް ސޫރިޔާގައި ގާއިމްކޮށްފައިވާ ރަޝިޔާގެ އަސްކަރީ ފައުޖުންނެވެ.

tel:+9607331319