logo

މިފްކޯގެ މަސް އެކްސްޕޯޓު ކުރުމަށް އެމްއެސްއެސް އާއެކު އެއްބަސްވުމެއް

profile

ޝާމާ ޝުޢައިބު - 14 އޮކްޓޯބަރު 2024 - 18:26

 އެމްއެސްއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފެވެ. އަދި މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފެވެ.

އެމްއެސްއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފެވެ. އަދި މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި އެމްއެސްއެސް އަދި މިފްކޯއިން ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު ހަވީރު އެސްޓީއޯ ޓްރެއިނިންގް އިންސްޓްޓިއުޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެސްއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފެވެ. އަދި މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފެވެ.

މިފަހުމުނާމާއިގެ ދަށުން، މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސް ފޯރުކޮށްދޭނެއެވެ.

މީގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ފުރޯޒަން ޓޫނާ, ކޭންޑް ޓޫނާ, ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، މި ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު "އެމްއެސްއެސް އޯޕަލް" މެދުވެރިކޮށް މާލެ ގެނެސް، މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރެވިގެންދާނެއެވެ. މިއެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ޒަމާނުއްސުރެ މިފްކޯއިން މަސް އެކްސްޕޯޓް ކުރަމުން އައީ، ސަޕްލައި ދޯނިފަހަރުގައި ޖަނަރޭޓަރ ސެޓް ގުޅައި، އެއަށް ރީފަރ ކޮންޓެއިނަރު ލޯޑް ކޮށްގެން މާލެ ގެނެސް ނުވަތަ ރީފަރ އުޅަނދުފަހަރަށް ބަލްކްކޮށް މަސް ލޯޑުކޮށްގެން ކަން ފާހަގަކޮށް މިފްކޯއިން ބުނީ އެމްއެސްއެސްއާއެކު އަލަށް ފެށި މި އެއްބަސްވުމުގެ ސަބަބުން މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން އައި ގޮތް ބަދަލުވެ، މިކަމަށް ދާ ޚަރަދު ކުޑަވެ، މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ޙައްލެއް ލިބި، އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

މި ޚިދުމަތް ފެށުމުން، މީގެ ކުރިން ރީފަރ ކޮންޓެއިނަރ ދޯންޏަކަށް ލޯޑުކޮށްގެން ކޫއްޑޫ، މާލެ، ތައިލެންޑަށް އެކްސްޕޯޓް ކުރަމުން ގެންދިޔަ އަގު ކުޑަވެގެންދާނެ ކަމަށާ އެމްއެސްއެސް މެދުވެރިކޮށް ލިބެނީ އަތޮޅުތެރޭގައި އަދި ރާއްޖެއިން ބޭރުގައި މަސް އެކްސްޕޯޓްކުރުމުގެ އެންޑް-ޓު-އެންޑް ލޮޖިސްޓިކްސް ސޮލިއުޝަން ކަމުން، މިފްކޯގެ އޮޕަރޭޝަންތައް ލުއިވެގެން ދާނެކަމަށް ޤަބޫލުކުރެވޭ ކަމަށް މިފްކޯއިން ބުންޏެވެ. އަދި އެމްއެސްއެސްގެ ގްލޯބަލް ނެޓްވޯކް މެދުވެރިކޮށް، މިފްކޯއަށް އާ މާކެޓްތައް ހޯދުމުގެ ފުރުސަތު ފަހިވެ، ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު ކަސްޓަމަރުން ލިބިގެންދާނެ ކަމަށާ އެމްއެސްއެސްގެ ރީފަރ ކޮންޓެއިނަރުތަކުގެ ސަބަބުން މިފްކޯއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ސްޓޯރޭޖް ސޮލިއުޝަންތައް ލިބި، މިފްކޯގެ އިންވެންޓްރީ ފަސޭހަކަމާއެކު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ހަމައެއާއިއެކު، މީގެ ކުރިން ބަލްކްކޮށް ރީފަރ ބޯޓުތަކަށް ލޯޑްކުރުމުގައި ދިމާވާ މައްސަލަތަކަށް އެއްކޮށް ޙައްލު ލިބިގެންދާނެކަން މިފްކޯއިން ފާހަގަކުރެއެވެ.

މި ޚިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި ރާއްޖޭގެ ޝިޕިންގް ސިނާއަތަށް ވެސް މުހިއްމު ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްއެސްއެސްއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެމްއެސްއެސް އިން ލަފާކުރާ ގޮތުގައި މި ޚިދުމަތުގެ ސަބަބުން ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެއެވެ. މަސްވެރިކަން ކަހަލަ ދިވެހި ރާއްޖޭގެ މައިގަނޑު ސިނާއަތެއް ތަރައްޤީ ކުރުމަށް އެމްއެސްއެސް މުޙިއްމު ރޯލެއް އަދާކުރުމަކީ، އެމްއެސްއެސް ފުޅާކުރުމަށް ލިބިގެންދާ ފުރުޞަތެއް ކަމަށާ ރާއްޖެއިން ބޭރުގެ ޝިޕިންލައިންތަކަށް ކުރާ ބަރޯސާ ކުޑަވެ، ޤައުމީ ޝިޕިންގް ލައިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ މާކެޓަކަށްވެސް ޙާއްސަ ޝިޕިންގް ރޫޓްތައް ހެދުމަށް ފުރުޞަތު ލިބޭނެ ކަމަށް އެމްއެސްއެސްއިން ބުންޏެވެ.

އޭގެ އިތުރުން އެމްއެސްއެސްގެ އޯލް އިންކްލޫސިވް ހިދުމަތުގެ ސަބަބުން، ސަރުކާއި އަދި ޕްރައިވެޓް ކުންފުނިތަކަށްވެސް މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަކީ ފަސޭހަ، ހަރުދަނާ އަދި އިތުބާރު ހިފޭ ޚިދުމަތަކަށް ވެގެންދާނެ ކަމަށާ އެމްއެސްއެސް އިން މިފްކޯގެ މަސް އެކްސްޕޯޓު ކުރުމުގެ ޓެކްނިކަލް މަސައްކަތާއި ހަވާލުވުމުން، މިފްކޯގެ ކުރިން ހިނގަމުންދިޔަ އޮޕަރޭޝަން ލުއިވެ، މިފްކޯގެ މައިގަނޑު މަސައްކަތް ކަމުގައިވާ ދިވެހި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތަށް އިތުރަށް ސަމާލުވެ މަސްއޫލުވުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ. މި ޚިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި، މިފްކޯ، އަދި ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމުގެ ސިނާއަތަށް ފައިދާކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެސްއެސް އިން ބުންޏެވެ.

https://wamco.com.mv/
tel:+9607331319