logo

ޔޫކްރެއިނަށް ރަޝިޔާއިން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާ: 41 މީހުން މަރުވި

profile

ސައިފް އަޒުހަރު - 03 ސެޕްޓެމްބަރު 2024 - 19:40

ރަޝިޔާގެ މިސައިލް ހަމަލާ އަމާޒުވި އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ:

ރަޝިޔާގެ މިސައިލް ހަމަލާ އަމާޒުވި އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ:

ޔޫކްރެއިންގެ މެދުތެރޭ ޕޮލްޓަވާ ސިޓީއަށް ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތަކުގައި 41 މީހުން މަރުވެ 180 މީހުން ޒަޚަމްވެފައިވާ ކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

މިއީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށިފަހުން މިހާތަނަށް ޔޫކްރެއިނަށް ދިން އެންމެ ވަރުގަދަ ހަމަލާކަމަށް ބުނެއެވެ.

ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އަސްކަރީ ތައުލީމު އުނގަންނައިދޭ މަރުކަޒެއްގެ އިތުރުން، ހޮސްޕިޓަލެއްވެސް ހިމެނޭ ކަމަށް ޔޫކްރެއިންގެ ރައީސް ވިދާޅުވިއެވެ.

އަސްކަރީ ތައުލީމު އުނގަންނައިދޭ މަރުކަޒަށް ހަމަލާ އަމާޒުވީ، އެ މަރުކަޒުގައި ބޭއްވި ދޮރުންބޭރު ރަސްމިއްޔާތެއް ހިނގަމުންދިޔަ ތަނަކަށް ކަމުގެ ރިޕޯޓާއެކު ޔޫކްރެއިންގެ އާންމުންވަނީ ސޯޝަލް މީޑިއާގައި ސަރުކާރު ކުށްވެރިކޮށް ޝުއޫރު ފާޅުކުރަން ފަށާފައެވެ.

ރަޝިޔާގެ ކިބައިން ނުރައްކަލެއް އަތުވެދާނެކަން އެނގިތިބެ އެފަދަ ރަސްމިއްޔާތެއް ބޭއްވީ ކީއްވެގެންތޯ، އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ގުޅިގެން، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ، އެކަން ހިނގައިދިޔަ ގޮތުގެ ތަހްގީގެއް ހިންގުމަށް މިހާރު އޭނާ އަމުރު ކުރައްވާފައިވާ ކަމަށެވެ.

އަސްކަރީ ތައުލީމު އުނގަންނައިދޭ މަރުކަޒަށާއި، ހޮސްޕިޓަލަށް ރަޝިޔާ ސިފައިން ހަމަލާދިނީ ބެލިސްޓިކް ދެ މިސައިލް ފޮނުވާލައިގެން ކަމަށް ޔޫކްރެއިންގެ ރައީސް ވިދާޅުވިއެވެ.

އަސްކަރީ ތައުލީމު އުނގަންނައިދޭ މަރުކަޒަށް ދިން ހަމަލާގައި، އެތަނުގެ އެއް އިމާރާތް ވެއްޓި އެތައްބަޔަކު ތާށިވި ކަމަށާއި، މިހާތަނަށް އިމާރާތުގެ ދަށުން 25 މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އަދިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ބުނެއެވެ.

އެ މަރުކަޒަކީ، އަސްކަރީ މުވާސަލާތީ ގުޅުންތަކާބެހޭ ޚާއްސަ ތަމްރީނުތައްދޭ މަރުކަޒެކެވެ.

tel:+9607331319