logo

އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ: އަލުން ރަޖިސްޓަރީވާން އެންސްޕާއިން އެދެފި

profile

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 08:10

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދެމުންގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބެމުންދާ ފަރާތްތަކުން އަލުން ރަޖިސްޓަރީވުމަށް އެ އެޖެންސީން އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ޤާނޫނު ނަންބަރު 2/2014 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2016/R-22 (އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދޭ ފަރާތްތަކުގެ ތެރެއިން އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ދެވޭނީ މީލާދީ 2 (ދޭއް) އަހަރުގެ މުއްދަތަށް މަހުން މަހަށް ކަމަށެވެ.

އެހެންކަމުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން މެދުކެނޑުމެއްނެތި އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން 'ވަންގަވް' ޕޯޓަލް (https://one.gov.mv) މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމަށް އެންސްޕާއިން ވަނީ އެދިފައެވެ.

އަލުން ރަޖިސްޓަރީވާން ޖެހޭ އެހީތަކުގެ ތެރޭގައި ހިމެނެނީ، ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން ފަރާތްތަކުން ބަލަހައްޓާ ކުދިންނާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ އިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީއެވެ.

އެންސްޕާއިން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އަލުން އެހީއަށް އެދި ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެ އެޖެންސީގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅުއްވުމަށް އެންސްޕާއިން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319