
އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި މެލޭޝިޔާއަކީ މުހިއްމު ބައިވެރިއެއް: ރައީސް

މުޙައްމަދު ފަޟްލޫން - 15 ސެޕްޓެމްބަރު 2026 - 06:47
ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި މެލޭޝިއާއަކީ އަގުހުރި ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މަތީ ފަންތީގެ ރަސްމީ މަޝްވަރާތަކަށްފަހު، މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިންސާނީ ކުޅަދާނަކަން އިތުރުކުރުމަށް މެލޭޝިއާ ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެ ޤައުމުގެ ސަރުކާރަށް ހާއްސަ ސުކުރެއް އަދާކުރެއްވިއެވެ.
މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް ގެ ދަށުންނާއި އެކި ދާއިރާތަކުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވާތީ އެކަމަށްޓަކައި ރައީސް މެލޭޝިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ދިވެހިންނަށް މެލޭޝިއާއިން މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރަށް ތަނަވަސްކޮށްދިނުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުކުރުމުގައްޔާއި ވިސާގެ ކަންކަމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
މެލޭޝިޔާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދެމުންދާ ހާއްސަ އަހައްމިއްޔަތު ފާހަގަކުރައްވައި ރައީސް ވަނީ މެލޭޝިޔާގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރަން ބޮޑުވަޒީރު އަންވަރާއި އެކު މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ބޭސްފަރުވާއަށް ދާ ދިވެހިންގެ ކަންކަމާއި ގުޅޭގޮތުން ބޮޑުވަޒީރު އަންވަރާއި އެކު މަޝްވަރާ ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ރާއްޖެއަށް މެލޭޝިޔާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި އިކޯ ޓުއަރިޒަމް ތަރައްގީކުރަން މެލޭޝިޔާގެ ބޮޑުވަޒީރާއެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މެލޭޝިޔާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދެނީ
މިނިޓެއް ކުރިން

ދިފާޢީ އަދި އިސްލާމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން މެލޭޝިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
7 މިނިޓު ކުރިން

ދިވެހިރާއްޖެއާއި ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފި
2 ގަޑިއިރު ކުރިން

މެލޭޝިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
2 ގަޑިއިރު ކުރިން


