
ދިވެހިރާއްޖެއާއި ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފި

މުޙައްމަދު ފަޟްލޫން - 15 ސެޕްޓެމްބަރު 2026 - 06:09
ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަލްއުސްތާޛު ޢައްބާސް ޝަރީފް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް ޔިންގް ޔޮންގްއާ އިއްޔެ ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓްގައި ބޭއްވުނު މި ބައްދަލުވުމުގައި، ޕްރޮސެކިއުޝަންގެ ދާއިރާ ޑިޖިޓަލައިޒްކުރުމަށާއި، މި ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މި މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިއްމު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ޕްރޮސެކިއުޓަރުންގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ފަންނީ ދިރާސާތައް ކުރުމުގެ އިތުރުން، ސިއްރު މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ފިޔަވަޅެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އައްބާސް ޝަރީފް ޗައިނާއަށް ފެއްޓެވި މި ރަސްމީ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަތުމުން، ޗައިނާގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޝީ ވިޒްހޮން ވަނީ އެއާޕޯޓުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ބެއިޖިންގ މުނިސިޕަލް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓްގެ ޗީފް ޕްރޮސެކިއުޓަރ ޒޫ ޔާޕިން އާއި، ޝާންޝީ ޕްރޮވިންޝަލް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓްގެ ޗީފް ޕްރޮސެކިއުޓަރ ވަންގް ޒުގުއަންގްއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ސަބަބުން ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓާއި ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އޮތް ގުޅުން އައު އުސްމިންތަކަކަށް ވާސިލުވެގެންދާނެއެވެ.
ޕީޖީ އައްބާސް ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ރަސްމީ ދަތުރުފުޅަކީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ބެއިޖިންގެ އިތުރުން ޗައިނާގެ އެހެން ބައެއް ޕްރޮވިންސްތަކުގެ ޕްރޮސެކިއުޝަން އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިފާޢީ އަދި އިސްލާމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން މެލޭޝިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
5 މިނިޓު ކުރިން

އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި މެލޭޝިޔާއަކީ މުހިއްމު ބައިވެރިއެއް: ރައީސް
ގަޑިއިރެއް ކުރިން

މެލޭޝިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
2 ގަޑިއިރު ކުރިން

މަޝްރޫޢުތަކުގެ ފައިނޭންސިންގއާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާއި އެސްއެފްޑީގެ ސީއީއޯ މަޝްވަރާކުރައްވައިފި
2 ގަޑިއިރު ކުރިން


