logo
--

--

ﷲގެ ވަލީވެރިންނަކީ ކޮބާ؟

profile

އަހުމަދު ޒަލީފު - 27 ފެބްރުއަރީ 2023 - 19:13

https://wamco.com.mv/

الحمد لله رب العالمين. والصلاة والسلام على نبينا محمد و آله وصحبه أجمعين. أما بعد:

ބަހުގެ ގޮތުން ވަލީވެރިން ނެގިފައިވަނީ ޢަރަބި ލަފުޒެއްކަމުގައި އަލްވަލާއު މިލަފުޒުންނެވެ. މާނައަކީ ގާތްކަމެވެ. އަދި އޭގެ އިދިކޮޅަކީ ޢަދާވާތްތެރިކަމެވެ.

އިސްތިލާޙީގޮތުން ވަލީވެރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚުލާސްތެރިވެ އެއިލާހާއިމެދު ޢިލްމުލިބި އަދި ތެދުމަގުގައި ސާބިތުވެ ﷲގެ މަގުގައި އަންގަވާފައިވާ ކަންކަމުގައި ފައިތިލަސާބިތުކުރުމަށް ގަދައަޅައި މަސައްކަތްކުރާ މީސްތަކުންނެވެ. މިފަދައިން އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ފަތުޙުލް ބާރީގައި ބަޔާންކުރައްވާފައިވެއެވެ. (ފަތުޙުލްބާރީ 10/350)

އެހެނީ ވަލީވެރިންނަކީ ﷲ އެންގެވި އަމުރުތަކަށް ގަދައަށް ކިޔަމަންވެ އަދި އެއިލާހު ނަހީކުރެއްވި ކަންކަމުން ބޮޑަށް ރައްކާތެރިވާމީހާއެވެ. އިމާމު އިބުނު އަލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެ. ވަލީވެރިޔާއަކީ ﷲއާއި ގާތްވެގެންވާ އެއިލާހަށް ޚާއްޞަވެގެންވާ ފަރާތެވެ. އަދި ވަލީވެރިންނަކީ ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ކުރިއަރައިގެންދާ ފަރާތްތަކެވެ.

ﷲގެ ވަލީވެރިންގެ ސިފަތަކައި އަދި އެބޭކަލުންގެ މާތްކަން.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަލީވެރިންނަކީ އެއިލާހަށް އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރައްވާ އެއިލާހާ އެންމެ ކުއްތަންވެގެންވާ ފަރާތްތަކެވެ. އެހެންކަމުން އެބައިމީހުންނަކީ އެންމެ ދަރަޖަމަތިވެރިވެގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާއާ އެންމެ އަރިސްމީސްތަކުންނެވެ. އެބައިމީހުންގެ ސިފައަކީ ﷲއާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ކޮންމެ ކަމެއްގައި ގަދަޔަށް ހިފައި އަދި އެކަމަށް ޢަމަލުކުރުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(أَلَا إِنَّ أَوْلِيَاءَ اللَّـهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ، الَّذِينَ آمَنُوا وَكَانُوا يَتَّقُونَ) سورة 62 - 63

މާނައީ: " ދަންނާށެވެ. ހަމަކަށަވަރުން ﷲގެ ވަލީވެރިންގެ މައްޗަކަށް އެވެސް ބިރެއް އަދި ހިތާމައެއްވެސް ނެތެވެ. އެބައިމީހުންނަކީ ﷲއަށް އީމާންވެ އަދި ތަޤުވާވެރިވާ މީހުންނެވެ."

ﷲގެ ވަލީވެރިންނަކީ ﷲއަށް އީމާންވެ އަދި ޞާލިޙު ޢަމަލުތައް ގިނައިން ކޮށް ނަހީތަކުން ދުރުވާ މީސްތަކުންނެވެ. އެބައިމީހުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފާފަ ފުއްސެވުމާއި މަތިވެރިވެގެންވާ ސުވަރުގެތައް މިންވަރުކުރައްވަވައެވެ. އަދި އެބައިމީހުންގެ ތެރެއިން ﷲ އިރާދަކުރެއްވި އަޅަކަށް ދުޢާ އިޖާބަކޮށްދެއްވުމާއި އަދި އަދި އާދަޔާ ޚިލާފު ކަރާމާތްވެސް ދައްކަވައެވެ.

ސިޙުރާއި ކަރާމާތުގެ ތަފާތު.

ކަރާމާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަލީވެރިންގެ ތެރެއިން އެއިލާހު އިރާދަކުރައްވާ އަޅަކަށް ދެއްވާ އާދަޔާޚިލާފު ކަންކަމެވެ. މިސާލަކަށް ތާބިޢީ ބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އަބޫ މުސްލިމް އަލްޚައުލާނީ އަލިފާން ގަނޑަށް އެއްލުމުން އެކަލޭގެފާނު ނޭނދުން ހިމެނެއެވެ. އެޔާ ޚިލާފަށް ސިޙުރަކީ ޝައިތާނާއަށް ޝިރުކުކުރާ މީސްތަކުންގެ އަތްމަތީން ޝައިތާނާ ކުރާ ކަމެކެވެ. އެގޮތުން މިދެކަންކަމުގެ ބައެއް ތަފާތުތައް ތިރީގައި ފާހަގަކޮށްލާނަމެވެ.

ހ. ކަރާމތަކީ ﷲގެ ވަލީވެރިންނަށް ދެއްވާކަންކަމެވެ. ސިޙުރަކީ ޝައިތާނާގެ ވަލީވެރިން ކުރާކަމެކެވެ.

ށ. ކަރާމަތަކީ ﷲ އާއި ކުއްތަންވެގެންވާ މީސްތަކުންނަށް ދެއްވޭކަމެކެވެ. އެޔާ ޚިލާފަށް ސިޙުރަކީ ﷲއަށް އުރެދިގެން ޝިރުކުކޮށްގެން ކުރެވޭ ކަމެކެވެ.

ނ. ކަރާމަތަކީ އެމީހަކަށް ﷲ ރުއްސެވުން ލިބިފައިވާ ކަމުގެ ޢަލާމާތެކެވެ. އަދި ސިޙުރަކީ އެޢަމަލުކުރާ މީހާގެ ނުބައިކަން އަންގައިދޭ ޢަމަލެކެވެ.

ރ. ކަރާމާތުގެ ސަބަބުން އީމާންކަން އިތުރުވާ ކަމެކެވެ. ސިޙުރަކީ ނުބައިކަން އިތުރުވެ ދީނުން ބޭރުވާ ޢަމަލެކެވެ.

ﷲ ފިޔަވައި އެއްވެސް ފަރާތަކަށް ކައުނުގައި ބާރުވެރިކަމެއް ލިބިގެން ނުވާކަމާއި އަދި އެކަލާނގެއަށް ވަކީލަކުނުވާކަން ބަޔާންކުރުން.

ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުރިހާ ކަމެއްގައި އެއްކައުވަންތަ އަދި ހުރިހާ ބާރެއް ލިބިވޮޑިގެންވާ ފަރާތެވެ. އެއިލާހަށް އެއްވެސް ބައިވެރިޔެއް އަދި ޝަރީކެއްނުވެއެވެ. އެއިލާހު ސުބުޙާނަހޫ ވަތަޢާލާއަކީ ހުރިހާ ފަރާތެއް އުފައްދަވާ އަދި ހުރިހާ އަޅުކަމެއް އެފަރާތަކަށް ޙައްޤުވެގެންވާ ހުރިހާ މަތިވެރިވެގެންވާ ސިފަފުޅުތަކާއި އިސްމުފުޅުތަކުގެ ވެރިއިލާހެވެ. އަދި މުއުމިނުންގެ ބަލަހައްޓަވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(ذَٰلِكُمُ اللَّـهُ رَبُّكُمْ ، لَا إِلَـٰهَ إِلَّا هُوَ ، خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ ، وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ) سورة الأنعام: 102.

މާނައީ: " އެއީ اللَّه އެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ ރަސްކަލާނގެއެވެ."

والله أعلم وصلى الله وسلم على محمد و آله وصحبه أجمعين. آمين.

-އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު ގެ ލިޔުމަކުން ނަކަލްކޮށްފައި

https://etukuri.mv/
https://www.aslu.com.mv