
ފިރިހެނުން ޖަމާއަތަށް ނަމާދަށް ދިއުން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 13 އޯގަސްޓު 2025 - 04:55
އިސްލާމް ދީނުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ޙުކުމަށް ބަލާއިރު ފިރިހެނުންގެ މައްޗަށް ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބުވެގެންވާ ޢަމަލެކެވެ.
މި ޤައުލަކީ عطاء بن أبي رباح އަދި މަޝްހޫރު ތާބިޢީ الحسن البصري އާއި الأوزاعي އަދި أبي ثور ، الإمام أحمد މަޛްހަބުގައި ބަޔާންކޮށްފައިވާ ޤައުލެވެ. އަދި މިފަދައިން الشافعي އިޚްތިޔާރު ކޮށްފައިވާ ޤައުލުވެސްމެއެވެ.
އަދި އުއްމަތުގެ ވަރަށްވެސް ގިނަ ސަލަފުއް-ޞާލިޙުން މިފަދައިން ވިދާޅުވެފައިވެއެވެ. އަދި މި ޤައުލަކީ އިމާމް البخاريُّ، ابنُ المنذرِ، ابنُ حَزْمٍ، ابنُ تيميَّة އަދި ފަހުގެ ދުވަސްތަކުގައި އިސްލާމީ އުއްމަތްދުށް އެންމެ ބޮޑެތި ޢިލްމުވެރި އިމާމްވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް ابنُ باز އަދި ابن عُثَيمين ދެކިވަޑައިގަންނަވާ ޤައުލެވެ.
ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބުވެގެންވާ ޢަމަލެއްކަން ބަޔާންކުރައްވާ ގެންނަވާފައިވާ ދަލީލުތައް ނުހަނު ގިނަގުނަ އެވެ.
އޭގެ ތެރޭގައި ޤުރުއާނުގެ ދަލީލު ތަކުގެ ތެރޭގައި މާތް ﷲ ވަޙީކުރެއްވިއެވެ.
(وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ) ”ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ. އަދި ޒަކާތްދޭ ހުށިކަމެވެ. އަދި ރުކޫޢު ކުރާ މީހުންނާ އެކުގައި ރުކޫޢު ކުރާހުއްޓެވެ.“
އާޔަތުން ބަޔާންވެގެންވަނީ، ނަމާދު ޤާއިމްކުރުން ވަނީ ރުކޫޢު ކުރާ މީހުންނާ އެކުގައެވެ. ޔަޢުނީ : ޖަމާޢަތުގައި ނަމާދު ޤާއިމްކުރުން ހުއްޓެވެ. ފަހެ، ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ތިމާ އެކަނި ކުރާނަމަ އެހިނދު ނަމާދު ޤާއިމްކުރެވިފައި ވަނީ ރުކޫޢު ކުރާ މީހުންނާ އެކުގައި ނޫން ކަމުގައިވެ، ނަމާދު ޤާއިމްކުރުމަށް އަމުރުފުޅު ކުރެވިފައިވާ ސިފަ އެމީހެއްގެ ޙައްޤުގައި އެވަނީ ފާއިތުވެފައެވެ.
ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅުގައިވެސް ލަޝްކަރުގެ އަހުލުވެރިން ނަމާދު ޤާއިމްކުރަންވީ ސިފަ ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެއެވެ. (وَإِذَا كُنْتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِنْهُمْ مَعَكَ) ”އަދި، އެބައިމީހުންގެ ތެރޭގައި ނަބިއްޔާ ހުންނަވައި އެބައިމީހުންނާއިގެން ނަމާދު ޤާއިމް ކުރައްވައިފިނަމަ، އެބައިމީހުންގެ ތެރެއިން ބަޔަކު އިބަ ނަބިއްޔާ އެކުގައި ނަމާދަށް ޤާއިމްވާހުށި ކަމެވެ!“
މިއީ، ބިރުވެރިކަމާއި ނުރައްކަލުގެ އަދި ދަތި ޙާލު މެދުވެރިވެފައިވާ ދަނޑިވަޅުކަމުގައިވާ ހަނގުރާމައިގެ ދަނޑިވަޅުގައި ނަމާދު ޤާއިމްކުރުމަށް އޮތް އަމުރުފުޅު ކަމުގައިވުމުން، އަމާންކަމާއި ބިރުވެރިކަމެއް ނެތް ޙާލުގައި ނަމާދު ޖަމާޢަތުގައި ޤާއިމްކުރުމަށް މާބޮޑަށް އަމުރުވެގެންވާނެކަން ޔަގީނެވެ. ވާޖިބުވުން ބޮޑުވާނެއެވެ.
ﷲ -سبحانه وتعالى- ވަޙީކުރެއްވިއެވެ. (خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا يُدْعَوْنَ إِلَى السُّجُودِ وَهُمْ سَالِمُونَ) ”ހަމަކަށަވަރުން ލޯތައް ތިރިވެ، އެބައިމީހުންގެ މައްޗަށް ނިކަމެތިކަން ވެރިވެފައިވާ ޙާލުގައި އެބައިމީހުން ތިބޭނެތެވެ. އެބައިމީހުންގެ ސަލާމަތުން ތިބިއިރު ސަޖިދަ ކުރުމަށް ގޮވައިލައްވާ ކަމުގައިވިއެވެ. ”
كَعْبُ الأَحْبَار ވިދާޅުވެފައިވެއެވެ. ”ﷲޤަންދީ ބުނަމެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުން ދޫކޮށްލާ މީހުންގެ މައްޗަށް މެނުވީ މި އާޔަތް ބާވައި ނުލައްވަ އެވެ.“ الدر المنثور ٢٥٦/٨
އިމާމް البخاري އަދި مسلم ޞަޙާބީ أبي هُرَيرَةَ ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެއެވެ. ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވެ ތިބޭ މީހުންނާއިމެދު رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރައްވާފައި ވެއެވެ.
(وَالَّذِي نَفْسِي بِيَدِهِ لَقَدْ هَمَمْتُ أَنْ آمُرَ بِحَطَبٍ فَيُحْطَبَ ثُمَّ آمُرَ بِالصَّلَاةِ فَيُؤَذَّنَ لَهَا ثُمَّ آمُرَ رَجُلًا فَيَؤُمَّ النَّاسَ ثُمَّ أُخَالِفَ إِلَى رِجَالٍ فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ وَالَّذِي نَفْسِي بِيَدِهِ لَوْ يَعْلَمُ أَحَدُهُمْ أَنَّهُ يَجِدُ عَرْقًا سَمِينًا أَوْ مِرْمَاتَيْنِ حَسَنَتَيْنِ لَشَهِدَ الْعِشَاءَ)
”އެފަރާތެއްގެ އަތްޕުޅުގައި ތިމަންނަބިއްޔާގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވައި ވިދާޅުވިއެވެ. ދަރު އެއްކުރުމަށް އަމުރުކުރައްވައި އޭގެފަހުގައި ނަމާދަށް ބަންގިގޮވުމަށް އަމުރުކުރައްވައި އޭގެފަހުގައި މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރުމަށް މީހަކަށް އަމުރުކުރެއްވުމަށްފަހު ނަމާދަށް ޙާޟިރުނުވެ ގޭގައި ތިބޭ މީހުން ގާތަށް ވަޑައިގެން އެބައިމީހުންނާ އެކު އެބައިމީހުންގެ ގެތަކުގައި ރޯކޮށްލެއްވުމަށް ތިމަންނަބިއްޔާގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ. ތިމަންނަބިއްޔާގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. އެބައިމީހުންނަށް ޢިޝާނަމާދަށް އައުމުން މަސްކައިފައި އޭގައި ކޮންމެވެސް ވަރަކަށް މަސްކޮޅު ހުރި ފަލަ ކަށިގަނޑެއް ނުވަތަ ދެ މޭކަށީގެ ދެމެދުގައި ރަނަގަޅުވަރަކަށް މަސްހުންނަ ދެ އެތިކޮޅު ލިބޭނެކަން އެނގޭނަމަވެސް ޢިޝާނަމާދަށް ޙާޟިރުވާނެއެވެ.“
އެއްވެސް އޮޅުމެއް ނެތްގޮތުގައި ވާޖިބެއް ދޫކުރުމުން މެނުވީ މިފަދަ ބޮޑު ޢުޤޫބާތެއް ދެއްވުމަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވިސްނާ ވަޑައެއްނުގަންނަވާނެއެވެ. އަދި ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވެ ތިބޭ މީހުން ޖަމާޢަތަށް ޙާޟިރުނުވެ ތިބެނީ އެމީހުންނަށް ނަމާދުން ލިބޭ އެއްޗަކާއިމެދު ޔަޤީންކަން ނޯންނާތީކަންވެސް މިޙަދީޘުން ސާބިތުވެއެވެ. ހަމައެފަދައިން އެބައިމީހުން ޙާޟިރުނުވެ ތިބެނީވެސް އެއްވެސް ޢުޛުރެއްނެތިކަންވެސް މިޙަދީޘްއިން ޘާބިތުވެއެވެ.
އެހެނީ ނަބިއްޔާގެ ބަސްފުޅުގައި ހަވާނަފުސު އެކުލެވިގެން ނުވާ މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސިފަކުރައްވާފައިވާ ގޮތުގައި އެބައިމީހުންނަށް ކިތަންމެ ކުޑަނަމަވެސް އެއްޗެއް ލިބޭނެކަން އެނގޭނަމަ ނަމާދަށް ޙާޟީރުވާނެއެވެ.
މި ޙަދީޘުން ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވާ މީހުންގެ އީމާންކަމުގެ މައްސަލަ އުޅޭކަމަށް ދަލީލު ލިބެއެވެ.
އަޚާއެވެ! އެމީހުންގެ ގެތަކާއެކު އެމީހުން އަންދައި ރޯކޮށްލުމަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ބޭނުންފުޅުވީހިނދު، އެމީހުންނަކީ ގޭގައި ނަމާދު ކުރާ މީހުން ކަމުގައި ނުވާނެ ހެއްޔެވެ؟ އެ ފިރިހެނުން ގޭގައި ނަމާދު ކުރެ އެވެ. އެހެނަސް ގެތައް އަލިފާނުން ރޯކޮށްލަން ބޭނުންފުޅުވީ އޭގެ ފާފައިގެ ކޮންފަދަ ބޮޑުކަމުން ހެއްޔެވެ؟
ވުމުން، ނަމާދު ޖަމާޢަތުގައި ކުރުން ދޫކޮށްލުން ހުއްދަވާނެ ހެއްޔެވެ؟
ޞަޙީހު مسلم ގައި ރިވާވެގެންވާ ޙަދީޘްގައިވެ އެވެ. ”أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلٌ أَعْمَى فَقَالَ يَا رَسُولَ اللَّهِ إِنَّهُ لَيْسَ لِي قَائِدٌ يَقُودُنِي إِلَى الْمَسْجِدِ فَسَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُرَخِّصَ لَهُ فَيُصَلِّيَ فِي بَيْتِهِ فَرَخَّصَ لَهُ فَلَمَّا وَلَّى دَعَاهُ فَقَالَ: (هَلْ تَسْمَعُ النِّدَاءَ بِالصَّلَاةِ؟) قَالَ: نَعَمْ قَالَ: (فَأَجِبْ) “ [رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިއަހަށް ލޯފަން ބޭކަލަކު ވަޑައިގެން ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ނަމާދުގެ ޖަމާޢަތަށް މިސްކިތަށް ގެންގޮސްދޭނެ މީހަކު ތިމަންނައަށް ލިބިފައެއް ނުވެއެވެ. އެހެންވީމާ ތިމަން ގޭގައި ނަމާދުކުރުމުގެ ހުއްދަ ދެއްވާށެވެ. އެބޭކަލަކަށް ހުއްދަ ދެއްވުމުން އެބޭކަލަކު އެނބުރި ވަޑައިގަތުމުން ޙަދީޘު ކުރެއްވިއެވެ. ނަމާދަށް ބަންގި ގޮވާއަޑު ތިބާއަށް އިވި ވަޑައިގަނޭތޯއެވެ؟ އެބޭކަލަކު ދެންނެވިއެވެ. އާދޭހެވެ. ޙަދީޘުކުރެއްވިއެވެ. އެހެން ވެއްޖެނަމަ ނަމާދުގެ ޖަމާޢަތަށް އިޖާބަ ދޭށެވެ.]
سنن النسائي ގައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. ابن أم مكتوم އަރިއަހުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. ”أَنَّهُ قَالَ: يَا رَسُولَ اللهِ إِنَّ الْمَدِينَةَ كَثِيرَةُ الْهَوَامِّ وَالسِّبَاعِ قَالَ: ((هَلْ تَسْمَعُ حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ؟)) قَالَ: نَعَمْ. قَالَ: ((فَحَيَّ هَلًا)) وَلَمْ يُرَخِّصْ لَهُ“ [ابن أم مكتوم ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ. ހަމަ ކަށަވަރުން މަދީނާއަކީ ފާޑުފާޑުގެ ވިހަލާ ސޫފިތަކާއި ޝިކާރަކޮށްގެން ކައިއުޅޭ ނުރައްކާތެރި ޖަނަވާރުތައް ގިނަ ތަނެކެވެ. ޙަދީޘު ކުރެއްވިއެވެ. ތިބާއަށް حَيَّ عَلَى الصَّلَاةِ حَيَّ عَلَى الْفَلَاحِ ގެ އަޑު އިވިލައްވާތޯއެވެ؟] ابن أم مكتوم ދެންނެވި އެވެ. އާދޭހެވެ. ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. އެހިނދު، ނަމާދަށް އަވަސްވެ ގަންނާށެވެ.]
އަދިވެސް ابن عباس -رضي الله عنهما- އަރިއަހުން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ. رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. (( مَنْ سَمِعَ النِّدَاءَ فَلَمْ يَأْتِهِ فَلَا صَلَاةَ لَهُ إِلَّا مِنْ عُذْرٍ)) ”ނަމާދަށް ބަންގި ގޮވާއަޑު އިވި ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވާ މީހަކަށް ޝަރްޢީ ޢުޒުރެއް ނުވާނަމަ އޭނާއަކަށް ނަމާދެއް ނުވެއެވެ.]
މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން ނަމާދު ޖަމާޢަތުގައި ކުރުމާއި މެދުގައި ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ތެރޭގައި علي بن أبي طالب ވިދާޅުވެފައިވެއެވެ. ”މިސްކިތުގެ އަވަށްޓެރިޔާއަށް މިސްކިތް ނޫން ތަނެއްގައި ނަމާދުކުރުމެއް ނުވެއެވެ.“
އެހިނދު ދެންނެވުނެވެ. މިސްކިތުގެ އަވަށްޓެރިޔާ އަކީ ކާކު ތޯއެވެ؟
ވިދާޅުވި އެވެ. ”ބަންގީގެ އަޑުއިވޭ މީހާ އެވެ.“ صحيح ابن أبي شيبة ٣٤٨٨
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން