logo

ހުޅުދުއްފާރު: އެއްފަސްކުރުމުގެ ސިޔާސަތުން ލިބުނު ރަހުމަތެއް!

profile

ޒިދާން މުޙައްމަދު - 08 ސެޕްޓެމްބަރު 2025 - 10:09

މި ރަށަކީ ރ. އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ރ. އަތޮޅުގެ އެންމެ އުތުރު ބިތުން ގުނާކަމުގައިވާ ނަމަ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަސް ވަނައަށް އޮތް ރަށެވެ. ހުޅުދުއްފާރަކީ ބޮޑުމިނުގައި 59.7 ހެކްޓަރު ހުރި މާ ރަށެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އީ-18 އެވެ.

https://wamco.com.mv/

މިރަށަކީ 1993 ގެ ކުރިން ފަޅުރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. 1992 ވަނަ އަހަރުން ފެށިގެން ހުޅުދުއްފާރުގައި މީހުން ވަޒަންވެރިވާން ފެށި ކަމުގައިވީނަމަވެސް މިރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް އިޢުލާން ކޮށްދެއްވީ 1995 ވަނަ އަހަރުގެ މާރޗް މަހު 13 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއިސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ އެ ދުވަހު މިރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ. ރ. އުނގުލު 93 ގޭގެ މީހުންނާއި، ރ. ގާއުނޑޫދޫ 94 ގޭގެ މީހުން ރ. ހުޅުދުއްފާރަށް ބަދަލުކޮށް އާބާދުކުރަން ފަށާފައިވަނީ 12 ފެބްރުއަރީ 1992 ގައެވެ. ރ. އުނގުލާއި ރ. ގާއުނޑޫދޫ މީހުން ރ. ހުޅުދުއްފާރަށް ބަދަލުކުރުމުގެ މަސައްކަތުގައި އިސްކޮށްހުންނެވި މޭސްތިރިއަކީ އުނގުލު އިބްރާހީމް ކަލޭފާނުގެ ޔޫސުފް ކަލޭފާނުގެ ކާފަދަރި، އަބްދުއްރަހީމް ހަސަނެވެ.

undefinedރ. ހުޅުދުއްފާރު މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ: ޝަހީދު

undefinedރ. ހުޅުދުއްފާރު މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ: ޝަހީދު

މި ރަށުގައި ވަޒަންވެރިވެފައިވަނީ އަދި ރަށްވެހީންގެ ގޮތުގައި ތިބީ ކުރިން ރ. އުނގުލާއި، ރ. ގާއުނޑޫދޫގައި ދިރިއުޅުނު މީހުންނެވެ. އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ. މިރަށުގެ އަންހެނުންނަކީ ރޯނުވެށުމާއި، ފަންގި ވިނުމުގައި ހީވާގީ މުރާލި ބައެކެވެ.

ހުޅުދުއްފާރަކީ އެއް ހާހުން މަތީގެ އާބާދީއެއް އޮތް ލަފާފުރަން ފަސޭހަ، ބިންބޮޑު، ތަރައްގީގެ ފަހިރަށެކެވެ. ރ. އަތޮޅު ކައުންސިލުން ހިއްސާކޮށްފައިވާ ރ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިރަށުގެ އާބާދީއަކީ 1649އެވެ. ހުޅުދުއްފާރަށް އަލަށް ކުއްޖަކު އުފަންވީ 1993 ވަނަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ. އުނގުލާއި ގާއުނޑޫދޫ މީހުން ހުޅުދުއްފާރުގައި ވަޒަންވެރިކުރުމަށްޓަކައި އެންމެ ފުރަތަމަ ބުރުގައި ދޫކުރީ 49 ގޯއްޗެވެ. އެއީ 10ޖެނުއަރީ 1993 ގައެވެ. އޭގެ ފަހުން އިތުރު ގޯތިތައް ދޫކޮށް މީހުން އާބާދުކުރުމުގެ މަސައްކަތް ފުޅާކުރެވުނެވެ. އުނގުލުގެ 93 ގޭގެ މީހުންނާއި ގާނއުޑޫދޫގެ 94 ގޭގެ މީހުންނާއެކު ހުޅުދުއްފާރުގެ ތާރީހު ފެށުނެވެ. ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީ ގޮތުން ހަމަޖައްސަވައި އެ ރަށުގައި ރާއްޖޭގެ ގައުމީ ދިދަ ނެގީ 13 މާރޗް 1995 ގައެވެ. މިއީ އޭރުގެ ސަރުކާރުން އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހިންގި މަޝްރޫއެކެވެ.

ހުޅުދުއްފާރުގައި އެންމެ ފަހުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު މަގު ހެދުމުގެ މަސައްކަތާއި ސުކޫލު އަޕްގްރޭޑްކުރުމުގެ މަސައްކަތް އޮތީ ހިސާބަކުން ހުއްޓިފައެވެ. ކުޑަކުދިންގެ ޕާކެއް މިރަށުގައި އެބަ އޮތެވެ. ރަށު ހާބަރުގައި ފިއުލް ސްޓޭޝަނެއް ގާއިމުކޮށްފައިވެއެވެ. ފުލުހުންގެ ޚިދުމަތް މިރަށުގައި ގާއިމުކޮށްފައިވާއިރު މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލުން ވަނީ ގިނަ މަޝްރޫއުތަކެއް ހިންގައި، ޚިދުމަތްތަކެއް ގާއިމުކޮށްފައެވެ.

undefinedރ. ހުޅުދުއްފާރު މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ: ޝަހީދު

undefinedހުޅުދުއްރު މަގެއްގެ މަތިން އިސްރަށްވެހިންތަކެއް ހިނގާފައިދަނީ ----

މިގޮތުން، އަމިއްލަ ކުންފުންޏަކާ ގުޅިގެން ރަށުގައި ތެލުގެ ޚިދުމަތް ގާއިމުކުރުމާއި ރަށުގެ ބަނދަރުން ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމާއި އަމިއްލަ ފަރާތަކާ ގުޅިގެން މިސްކިތެއް ބިނާކޮށް، މިސްކިތް އޭސީކުރުމާއި ވޯކްވޭ އުސްކޮށް ހިޔާކުރުމުގެ މަޝްރޫއެއް ހިންގުމާއި ކުނިމެނޭޖުކުރުމުގެ މަޝްރޫއާއި ރަށުތެރެ ސާފުކޮށް ބެލެހެއްޓުމާއި ރުއްގަސް އިންދައި އާލާކުރުމުގެ ޕްރޮގްރާމެއްގެ އިތުރުން ރަށުގައި ރައްޔިތުންނަށް ބީޗެއް ތަރައްޤީކޮށްދިނުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރުން، ކޮންމެ އަހަރަކުވެސް މިރަށުގެ ހަތް މީހަކަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމާއި އެއްގަމާއި ކަނޑުދަތުރުފަތުރުކުރުމުގެ ލައިސެންސްގެ ޚިދުމަތާއި "ރަންތާޖު" ޤުރްއާން މުބާރާތާއި ދެ ޖިންސުގެ މީހުންނަށް ރަށާއި އަތޮޅު ފެންވަރުގައި ކުޅިވަރު މުބާރާތްތައް ކުޅުމުގެ މަގުފަހިކޮށްދިނުމާއި އެކިއެކި ދާއިރާތަކުން މީހުން ރަމްރީންކުރުމުގެ އިތުރުން ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ބޭސްފަރުވާ ކުރުމަށް ފަންޑްރެއިޒްކޮށްދިނުން އަދި ޕްރީސްްކޫލް ހިންގުމަށް ފަންޑުކޮށްދިނުން ފަދަ މުހިންމު ކަންކަން ހުޅުދުއްފާރު ކައުންސިލްގެ މިހިނގާ ދައުރުން ފާހަކޮށްލެވެއެވެ.

ޘަޤާފީ ކުޅިވަރުތަކާއި ކަންކަންވެސް ދިރުވަމުން އަންނަ މިރަށަކީ ފެށުނީއްސުރެ ވެސް އީދު ފޯރި ގަދަ ރަށެކެވެ. މާލި ހެދުމާއި ކޯޑި ކެނޑުމަކީ މިރަށުގައި ކޮންމެ އީދެއްގައި ވެސް ނަގާ ކިޔޭ ކުޅިވަރުތެކެވެ.

މި ރަށުގައި މީހުން ދިރިއުޅުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކޮށްފައިވަނީ މިރަށު މީހުންގެ އަމިއްލަ މަސައްކަތުންނެވެ. މިގޮތުން ކުރެވުނު މަސައްކަތުން އެމީހުން ވަނީ ފަހުރުވެރިވާފަދަ ހާއްސަ ކަމެއް އެރަށަށް ގެނެސްފައެވެ. ރަށުގެ ބޮޑެތި މަގުތަކުގެ ދެ ފަރާތުގައި ހައްދާފައި ހުރި ރުއްތަކަކީ، ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގެ އެންމެ ހާއްސަ ކަމަކަށް އޮތީވެފައެވެ. އެއީ ހުޅުދުއްފާރަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނެއްގެ ނަޒަރު ވެސް އެންމެ ބޮޑަށް ހުއްޓުނު މަންޒަރެވެ. އެއީ ހުޅުދުއްފާރުކަން ދައްކައިދިން ރަމްޒެވެ. އެކަމަކު ޒަމާނީ ފެންވަަރަށް މަގު ތަރައްގީކުރުމަށް، އެ ރަށުގެ ބޮޑު މަގުގައި ހުރި ރުއްތައް ނެގުމާއެކު، މިހާރު ވަނީ މަންޒަރު ބަދަލުވެފައެވެ. އެ ހިތްގައިމު މަންޒަރުން ބޮޑުބައި ވަނީ ގެއްލިފައެވެ. ރީތިކަމާއި ހާއްސަކަމުގެ ބޮޑުބައި ނެތިއްޖެއެވެ.

undefinedއުނގުލު ކުރީގެ ކަތީބު އަބްދުއްރަހީމް ހަސަން --- ފޮޓޯ: ލޫކަސް ޖަލީލް

undefinedރ. ހުޅުދުއްފާރު މަތިން ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ: ޝަހީދު

މިރަށަކީ ތައުލީމީ ޖީލެއް ބިނާކުރުމުގެ ނަމޫނާއެކެވެ. ފަށާ ތަޢުލީމާއި ދަށު ޘާނަވީން ފެށިގެންމަތީ ޘާނަވީއަށް މިރަށުން ކިޔެވެއެވެ. އަދި މިރަށުގައި، ތިބެގެން މަތީ ތައުލީމަށް ކިޔެވުމުގެ މަގުވެސް ވަނީ ތަނަވަސްވެފައެވެ. މިރަށު ސްކޫލަކީ ޘާނަވީއާއި މަތީ ޘާނަވީން ރަން ވަނަތަކެއް ހޯދަމުން އަންނަ އަތުޅުގެ ނިސްބަތުން ފެންވަރު މަތީ މަދަރުސާއެކެވެ. ނަތީޖާއަކީ މިރަށަށް ރަށުން ބޭރުން އެތަކެއް ދަރިވަރުންނެއް ތައުލީމު އުނގެނުމަށް ކޮންމެ އަހަރަކުވެސް އައުމެވެ.

މިރަށާ ގުޅިފައިވާ އުނގުލަކީ ރ. އަތޮޅުގެ ފަހުރުވެރި ތާރީޚުގެ އެއްބައެވެ. އެ ރަށުން އަތޮޅަށް ގެނެސްދިން ތިޔާގިކަމާއި ވިޔަފާރީގެ ތަނަވަސްކަމެވެ. ރާވެރީންގެ ރަލެވެ. މާވަޑީންގެ މާވަޑިކަމެވެ. ބަން އޮޑިފަހަރާއި ކުރި ބޭރު ދަތުރެވެ. ނަމަވެސް ރަށަކީ ދިރިއުޅެން އުނދަގޫ ރަށެކެވެ. ފަޅެއް އަމުދުން ނެތް، ލަފާފުރަން ދަތި، ބޭރުމަތީ ރަށެކެވެ. ގާއުނޑޫދޫ ފަދައިން ގާމަތީ ރަށެކެވެ. ރ. އަތޮޅަށް އެކި ދުވަސްވަރު އައި އެއްފަސްވުމާ އުމްރާނީ ތަރައްގީގެ ނާރެހަކީ އުނގުލެވެ.

އިފުރަށް ބަދަލުވުމުގެ އުންމީދުގައި ތިބެ އަމީނީ ދައުރު ހުސްވިޔަސް، އުނގުލު މީހުން އެހެން ރަށަކަށް ބަދަލުވުމުގެ ހިޔާލު ދޫނުކުރެއެވެ. ހުކުރު ހަމަވާ އާބާދީ ނެތިގެން ނާސިރު ދައުރުގައި މީހުން ބަދަލުކުރި ރ. އަތޮޅުގެ ހަމަ އެކަނި ރަށަކީ ރ. އުފުލަންދޫއެވެ. އުފުލަންދޫ މީހުން ބޭލީ އަލިފުއްޓަށެވެ. އެ މީހުން އަލިފުށިން މަޑުއްވަރިޔަށް ފޭބީއެވެ. ކިނޮޅަހާއި މީދުވަށްވެސް އާއިލާތައް ދިޔައެވެ. ނާސިރު ދައުރަށް ފަހު ރައީސް މައުމޫން ދައުރުގައި އެއްފަސްކުރުމުގެ މަޝްރޫއުތައް ހިނގައިގަތެވެ. އަނެއްކާވެސް އުނގުލު މީހުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުނެވެ. ރައީސް މައުމޫންގެ ދައުރުގައި ރ. އުނގުލާއި ރ. ގާއުނޑޫދޫ މީހުން ރ. ހުޅުދުއްފާރުގައި އާބާދުކުރަން ނިންމައި ހިންގި އެއްފަސްކުރުމުގެ މަޝްރޫއުގެ ނަތީޖާއަކީ މިއަދުގެ ހުޅުދުއްފާރެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay