އަލަށް ހައްޖު ނުވެ ތިބި މީހުންނަށް އިސްކަންދޭން ވިސްނަނީ، ގިނަ މީހުން ތާއިދު!
ޝުރުފާ މުހައްމަދު - 25 ޑިސެމްބަރު 2024 - 06:30
އަލަށް ވެސް ހައްޖުގެ އަޅުކަން އަދާނުކޮށް ތިބި ފަރާތްތަކަށް ހައްޖުގެ އަޅުކަމަށް ފޮނުވުމުގައި އިސްކަން ދިނުމުގެ ވިސްނުން އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހައްޖު އަދާކުރުމަށް ބޭނުންވާ ފަރާތްތަކުގެ ދިގު ލިސްޓެއް މިވަގުތު ވެސް އޮތް އިރު، އިސްލާމިކް މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަރުޟު ހައްޖު އަދާކޮށްފައި ތިބޭ މީހުންނަށް ދެވަނަ ހައްޖެއްގެ ފުރުސަތު ފަސް އަހަރު ފަހުން ލިބޭ އުސޫލަކީ ބައެއް ގައުމުތަކުން މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އެ އުސޫލަކީ ފަރުޟު ޙައްޖުކުރަން އެދޭ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ކުރާކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިފަދަކަމެއް ރާއްޖޭގައި ކުރުމާމެދު ރައްޔިތުންގެ ޚިޔާލު ބޭނުންވާކަމަށް ވިދާޅުވެ އާންމުންގެ ޚިޔާލަށް ވެސް ހުޅުވާލާފައިވެ އެވެ.
މިނިސްޓަރ ޝަހީމުގެ އެ ޕޯސްޓަށް 500 އަށް ވުރެ ގިނަ ކޮމެންޓު ލިބިފައިވާއިރު، ގިނަ މީހުން އެކަމަށް ތާއިދުކޮށްފައިވެ އެވެ. ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ހައްޖުގެ އަޅުކަމުގައި އިސްކަން ދިނުމަށް ވެސް ބައެއް އާންމުން އެދިފައިވެ އެވެ.
ރަނގަޅު ކަމެއް. އަލަށް ޙައްޖަށް ދާން ކޯޕަރޭޝަނަށް ފައިސާ ދައްކާފަ ނުދެވި ތިބި މީހުންގެ ތެރެއިން ވެސް ގައިބާރު ދެރަވެ ޢުމުރުން ދުވަސްވެފައިތިބި މީހުން ކިޔޫގެ ކުރިޔަށް ޖައްސައި އެމީހުންނަށް އިސްކަންދިނުން މުހިއްމު ކަމުގައި ދެކެން. އަޅުގަނޑުގެ މަންމައާއި ބައްޕަ ފައިސާ ދައްކައިގެން ތިބޭތާ އެތައް އަހަރެއް ވެއްޖެ. ދެވޭނެ ކަމަށް ވަނީ 2027 ގައި. އަޅުގަނޑުގެ ބައްޕަ އެތައް ފަހަރަކު ސްޓްރޯކް ޖެހި ގައިބާރު ވަނީ ވަރަށް ދެރަވެފައި. 2027 އާާ ހަމައަށް ދުނިޔޭގައި ހުންނާނެ ކަމެއް ވެސް ނޭނގެ. އަޅުގަނޑުގެ މައިންބަފައިންނަށް ވީހާވެސް އަވަހަށް އެފުރުސަތު ލިބުން ވަރަށްބޮޑަށް އެދެން.
ގިނަ މީހުން ދެކޭ ގޮތުގައި އުމުރު ދުވަހު ފައިސާ އެއްކޮށް ގައިބާރު ދޫވާ ފަހުން ހައްޖަށް ދާން ފައިސާ ދައްކާ މީހާ އަށް ވެސް އެ ފުރުސަތު ނުލިބި ކުރިން ވެސް ހައްޖޖުގެ އަޅުކަން އަދާކޮށްފައި ތިބޭ މީހުންނަށް ދެވަނަ ފުރުސަތު ލިބޭތަން ވެސް މިހާރު އާދެ އެވެ. އަދި އެއީ އެންމެ އިންސާފުވެރި އަދި ރަނގަޅު ގޮތް ނޫން ކަމުގައި އެ ފަރާތްތަކުން ދެކެ އެވެ.
އެކަމަކު ފަސް އަހަރަށް މުއްދަތެއް ދިން ނަމަވެސް އެއް އަހަރެއްގައި ކޯޓާގެ ތެރެއިން އަލަށް ދާ މީހުން ހަމަނުވެއްޖެ ނަމަ އެ ފުރުސަތު ލިބޭނެ މަގެއް ފަހިކޮށްދިނުމަށް ވެސް ބައެއް ފަރާތްތަކުން ޚިޔާލު ހުށަހަޅާފައިވެ އެވެ.
ތާއީދު، އަޅުގަނޑަށް 5 އަހަރު ވެސް އަވަސް، އިންތިޒާރުގައި ތިއްބެވި ބޭފުޅުން ގިނަވީމާ، 7, 10 ވެސް ރަނގަޅު.ކުރައްވަން މާލަސްވެއްޖެ ކަމެއް.
ޕޯސްޓަށް ކޮންމެންޓު ކުރި ގިނަ މީހުންނާއި، މީގެ ކުރިން ވެސް އާންމުން އެކި ޕްލެޓްފޯމުތަކުގައި ފާޅުކޮށްފައި ހުރި ޝުއޫރަށް ބަލާއިރު ގިނަ ބައެއްގެ ކަންބޮޑުވުމަކީ އަދި ޝަކުވާ އަކީ ވެސް ހައްޖަށް ދިއުމަށް ފައިސާ ދައްކާތައް އެތައް އަހަރުތަކެއް ވަންދެން ހައްޖުގެ އަޅުކަމަށް ނުދެވި ކއިއުގައި މަޑުކުރަން ޖެހުމެވެ.
މިކަން ހައްލުކުރުމަށް ސަރުކާރުން އެތައް މަސައްކަތެއް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ހައްޖަށް ދިވެހިން ގެންދިއުމަށް ރާއްޖެ އަށް ލިބޭ ކޯޓާގެ އަދަދު އިތުރުކުރުމަށް ވެސް ސައުދީ ސަރުކާރާ މަޝްވަރާކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން