logo

ޑިމޮކްރަސީގައި ރައްޔިތުންގެ ބައިވެރިވުން: ހަމައެކަނި ހައްގެން ނޫން، އެއީ ޒިންމާއެއް

profile

އާމިނަތު ޝަފާ - 15 ސެޕްޓެމްބަރު 2024 - 12:42

މެއި 1، 2015، ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ބައިވެރިން

މެއި 1، 2015، ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ބައިވެރިން

މިއަދު އަނެއްކާވެސް މި ފާހަގަކުރަނީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހެވެ. އަނެއްކާވެސް މި ދައްކަނީ ޑިމޮކްރެޓިކް ވެއްޓެއްގައި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުގެ ވާހަކައެެވެ.


ޑިމޮކްރަސީ ދުވަހަކީ ކޮބާ؟


ދުނިޔޭގެ ޑިމޮކްރަސީގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަންފެށީ 1997 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަދުވަހު، ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނުހަދާ މަޖިލީހަށް ނިސްބަތްވާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ކަމަށްވާ އިންޓަ ޕާލަމެންޓްރީ ޔޫނިއަންއިން ފާސްކުރި ޔުނިވާސަލް ޑެކްލަރޭޝަން އޮން ޑިމޮކްރެސީ ފާސްކުރި ދުވަހެވެ. އޭގެ ފަހުން ގަތަރު އިސްވެ އޮވެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއަކީ 2007 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ޔޫއެންޖީއޭ އިން "ސަޕޯޓް ބައި ދަ ޔުނިއިޓެޑް ނޭޝަންސް ސިސްޓެމް އޮފް އެފަޓްސް އޮފް ގަވަންމެންޓްސް ޓު ޕްރޮމޯޓް އެންޑް ކޮންސޮލިޑޭޓް އަ ނިއު އޯ ރިސްޓޯޑް ޑިމޮކްރެސީސް"ގެ ނަމުގައި މުއާހަދާއެއް އެކުލަވާލާ އަމަލުކުރަން ފެއްޓުމެވެ.

އެންމެ ފުރަތަމަ ޑިމޮކްރެސީގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިގެން ދިޔައީ 2008 ވަނައަހަރުގެ ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. މި އަަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރަކީ، "އާޓިފިޝަލް އިންޓެލިޖެންސް - ހެޔޮ ވެރިކަމެއްކުރުމަށް ވަސީލަތެއް" މިއެވެ.


ދިވެހިންނާ ޑިމޮކްރަސީއާ އޮތީ ކޮން ގުޅުމެއް؟


ދިވެހިންނާއި ޑިމޮކްރަސީ އާއި އޮތް ގުޅުމުގެ މައްޗަށް ކޮންމެވެސް ވަރަކަށް ބަލާލަމާ ހިންގާށެވެ.

ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ 2003 ވަނަ އަހަރު ހިނގި ކަންކަމުގެ މައްޗަށެވެ. މީގެ ފެށުން އަންނަނީ އެ އަހަރުގެސެޕްޓެމްބަރުމަހުގެ 19 ގައި ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލި ހާދިސާއިންނެވެ. ޖެހިގެން އައި ދުވަހު މާފުށީ ޖަލުގައި ބަޑިޖަހައި ޒުވާނުންތަކެއްގެ ލޭ އޮހޮރުވާލިއެވެ. އެ ދުވަހަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްޣައްޔޫމްއަށް މަބުރޫވުވެވަޑައިގެންދުވަހެެވެ.

2004ވަނަ އަހަރުގެ ޖޫންމަހުގެ 9 ވަނަ ދުވަހު ރައީސް މައުމޫން ދެއްވި އިސްލާހީ ތަޤްރީރުގައި ވެރިކަމުގެ ތިން ބާރު ވަކިކޮށް ރައީސުން އިންތިހާބުކުރުން ރައްޔިތުން ވޯޓަކުން ނިންމަން ކަނޑައަޅައި ރައީސަކު ވެރިކަން ކުރާނެ ދައުރުގެ މުއްދަތެއް ކަނޑައަޅަން ތާއީދުކުރައްވައި ސިޔާސީ ޕާޓީތަކަށް ފުރުސަތުދޭނެކަން ހާމަކުރެއްވިއެވެ. 17 އަހަރުން އޭރު ހެދިފައިއޮތް ގާނުނު އަސާސީއަށް އެންމެ 6 އަހަރުގައި އެ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައކްަތް ފެށިގެން ދިޔައީއެވެ. 23 މެމްބަރުންނާއެކު ސިޔާސީ ވާދަވެރިކަމުގައި މި މަސައްކަތް ކުރެވިގެން ދިޔައިރު މި ޚާއްޞަ މަޖިލީހުގައި އިސްލާހަށް ލޯބިކުރައްވާ ގިނަ ބޭފުޅުން ތިއްބެވިއެވެ.

ދެން އައީ އޯގަސްމަހުގެ ބާރަ ތޭރަ ނުވަތަ ކަޅު ހުކުރުގެ ނަމުގައި މަޝްހޫރުވި ދުވަސްތަކެވެ. އެއީ މިނިވަން ބަހުސްގެ ސިލްސިލާ ކުރިއަށް ދާންފެށުމުން އެކަމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކުރުމުގެ ސިލްސިލާއެއް ސަރުކާރުން ފެށުމާ ގުޅިގެންނެވެ. ނަތީޖާއަކީ އާއްމު ރައްޔިތުން ފުލުސް އޮފީސް ކައިރިއަށް އެއްވެ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ހަރުއަޑުން ގޮވާލުމެވެ. އޭގެ ފަހުން 2005 ވަނަ އަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހު ސިޔާސީޕާޓީ ނިޒާމަށް ޒަމާނުއްސުރެ ރާއްޖޭގައި އޮތް ހުރަސް މުޅިން ނައްތައިލެވުނެވެ.

2008 ގެ ރިޔާސީ އިންތިހާބު ބޯމަތިވީއިރު އެ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހު ތަސްދީގުކޮށް އަމަލުކުރަންފެށި އައު ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދިން ޑިމޮކްރެޓިކް އުސޫލުތަކަށް ދުސްތޫރީ ނިޒާމު ބަދަލުވާންފެށިއެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތަށް މުއައްސަސާތައް ވުޖޫދުކޮށް ސީދާ ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރެވޭގޮތަށް ރިބައްޓަންވެގެންދިޔައެވެ.

އަލަށް އެކުލަވާލެވުނު ގާނޫއަސާސީގެ ދަށުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިވެހިންނަށް ލިބިގެން ދިޔައެވެ. ނޫސްވެރިކަމުގެ މިނިވަންކަން ލިބިގެންދިޔައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާނެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދިޔައެވެ.

ކުރިން އެއްވެފައި އޮތް ދައުލަތުގެ ބާރުތައް ވަކިކުރެވި، ސަރުކާރު ހިންގުމުގެ ބާރާއި، ޝަރީއަތް ހިންގުމުގެ ބާރު އަދި ގާނޫނު ހެދުމުގެ ބާރު ވަކިކުރެވިގެން ދިޔައެވެ. ގައުމެއްގެ ވެރިއަކަށް އަންނަ ބޭފުޅަކު ހިތްޕަވައިގެން ވަޑައިގަންނަވާ މެނިފެސްޓޯ ވަޒަންކޮށްލާނެ ފުރުސަތު ރައްޔިތުންނަށް ލިބުނެވެ.


ޑިމޮކްރެސީގެ ފޮނި މީރުކަން ލިބުނުތަ؟


މިއަދު ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީގެ ދުވަސް ފާހަގަ ކުރާއިރު، ދައުލަތުގެ ފުރަތަމަ ބާރާ ހަވަލުވެވަޑައިގެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނެވީ އަބުދުރަހީމް އަބުދުﷲއެވެ. ދެބޭފުޅުންނަކީވެސް ޑިމޮކްރަސީގެ ހައްގުތަކަށް ވަކާލާތުކުރެއްވި ދެބޭފުޅުންނެވެ. މި ހައްގުތައް އެއްމެ ފުރިހަމައަށް ހޯދައި ދެވޭނެ ފުރިހަމަ ބާރާއި އިހްތިޔާރު މިހާރު އެބެފުޅުންނަށްވަނީ ލިބިފައެވެ. މީގެ ކުރީގެ ވެރިކަންތަކުގައި ޑިމޮކްރަސީގެ ހައްގުތައް ދިވެހި ރައްޔިތުންނަށް ކަށަވަރުކުރެވިފައިނުވާކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.

ދުނިޔޭގެ ޑިމޮކްރަސީއާއި ދިވެހި ޑިމޮކްރަސީއާއި ވަނީ ގުޅިލާމެހިފައެވެ. ޑިމޮކްރަސީގައި ރާއްޖޭ ޅަފަތުގައި އޮތަސް މި ނިޒާމުގައި ރާއްޖެއިން ދުވަހުން ދުވަހަށް ކުރިއެރުންތަކެއް ހޯދަމުންދާކަން ވަންހަނާވެފައެއްނޯންނާނެއެވެ.

ކޮންމެއަކަސް މިދުވަސް ފާހަގަކުރަމުން އަންނައިރު ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މިހާރަށްވުރެ ހާއްސަ އިސްކަމެއް ދޭންޖެހެެއެވެ.

ޑިމޮކްރެސީއެއްގައި ރައްޔިތުން ބައިވެރިވުމަކީ ހަމައެކަނި ހައްގެއް ނޫނެވެ. އެއީ ވަރަށް ބޮޑު ޒިންމާއެއްވެސް މެއެވެ. މިޒިންމާ އަދާ ކުރަން ބޭނުންނަމަ ކޮންމެ ފަރުދަކުވެސް ޑިމޮކްރެސީގެ ނިޒާމާއި އަހުލުވެރިވާ ޖެހެއެވެ. ޒިންމާތަކަކީ އަދި ހައްގުތައް ވަކިކޮށް ދެނެގަންނަންޖެހެއެވެ.


tel:+9607331319