logo

ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހު "މާހަރާ" ޕޯޓަލް

profile

ޒިދާން މުޙައްމަދު - 17 ސެޕްޓެމްބަރު 2024 - 13:45

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހެވެ. މި އަހަރު މިދުވަހުގެ ޝިޢާރަކީ 'ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން' މިއެވެ. މީގެ އިތުރުން، މި ޝިޢާރުގެ ނަޢާރަކީ 'ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން' މިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިދުވަހާ ގުޅުވައިގެން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔޫ.އެޗް.އޯ) އިން 2024 ވަނަ އަހަރު ޝާއިޢުކުރި ދިރާސާ ރިޕޯޓެއްގައި ފާހަގަކޮށްފައިވަނީ، ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން 16 އިންސައްތަ މީހުންނަށް ބަލި ދެނެގަތުމުގައި ލަސްވުމުގެ ސަބަބުން، ފަރުވާ ދިނުމުގައި ލަސްތަކެއް ދިމާވެ، އެފަރާތްތަކުގެ ޞިއްޙީ ހާލަތު ނާޒުކުވެފައިވާ ކަމަށެވެ. މީގެ އިތުރުން، ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ މީހެއްގެ ޙަޔާތުގައިވެސް މަދުވެގެން އެއްފަހަރު ބަލި ދެނެގަތުމުގައި އޮޅުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ އާންމުން ހޭލުންތެރިކުރުމަށާއި ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިއްހީ ޚިދުމަތްތެރިންގެ މެދުގައި ގުޅުން ހަރުދަނާ ކޮށް އެއްބާރުލުމަށް ލިބޭ ފުރުސަތެކެވެ. ބަލި ރަނގަޅަށް ދެނެގަތުމަކީ ބަލީގެ އަލާމާތްތައް ދެނެގަނެ، އެމީހަކަށް ބޭނުންވާ ފަރުވާ އަވަހަށް ހޯދުމަށް ސަމާލުކަން ދޭން ޖެހޭ އެންމެ މުހިއްމު ކަމެކެވެ.

ޑައިގްނޯސްޓިކް ސޭފްޓީ ނުވަތަ ބަލި ދެނެގަތުމުގައި ދިމާވާ ހުރަސްތައް މަދުކުރެވޭނީ ހަރުދަނާ ނިޒާމްތަކެއް ބިނާކޮށް ދިމާވާ މައްސަލަތަކާއި ޑައިގްނޯސްޓިކް އެރަރސް ނުވަތަ ބަލި ދެނެގަތުމުގައި ހެދޭ ގޯސް މެދުވެރިވުމަށް ހައްލެއް ހޯދައިގެންނެވެ. މިކަންކަމުގެ ސަބަބުން ބަލި މީހާގެ ސަލާމަތްތެރި ކަމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާ އެއްކަމަކީ، ސިއްހީ ހިދުމަތްތެރިންނާއި ބަލިމީހާ އާއި ދެމެދު ރަގަޅަށް މުއާމަލާތު ނުކުރެވުމާއި މަސައްކަތުގެ ބުރަތަކާއި، ޓީމް ވޯކް ފުރިހަމައަށް ނުކުރެވުމުންނެއެވެ.

ޑައިގްނޯސްޓިކް ސޭފްޓީ އަށް ދިމާވާ މައްސަލަ ތަކުގެތެރޭގައި ޞިއްޙީ ޚިދުމަތް ތެރިންނަށް ފުރިހަމަ ތަމްރީނުލިބުމާއި ތަޖުރިބާގެ މަދުކަމުންނާއި ވަރުބަލިކަމާއި ސްޓްރެސް އިން ދިމާވެދާނެކަންތައްތަކެކެވެ. އަދި ބަލިމީހާ އާއި މުއާމަލާތް ކުރުން ހީނަރުވެ ބަލިމީހާގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ މަޢުލޫމާތު ނުލިބުމުން ވެސް ބަލި ދެނެގަތުމުގައި ހެދޭ ގޯސްތައް އިތުރުވުމަށް މަގު ފަހިވެއެވެ.

ޑައިގްނޯސްޓިކް ސޭފްޓީއަށް އިސްކަންދީ، ސިސްޓަމްތައް ހަރުދަނާކުރުމާއި، ރައްކާތެރި ޑައިގްނޯސްޓިކް މަގުތައް ފަރުމާކުރުމާއި، ރަނގަޅު ނިންމުންތައް ނިންމުމުގައި ސިއްހީ ހިދުމަތްތެރިންނަށް އެހީތެރިވުމާއި، މުޅި ޑައިގްނޯސްޓިކް ޕްރޮސެސްގައި ބަލިމީހުން ބައިވެރިކުރުމަށް ހުރިހާ އެންމެން މަސައްކަތް ކުރަމުން ގެންދިއުމަކީ ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް މަގު ފަހި ކުރެވޭނެ ކަންކަމެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޢަންމުންގެ ޚިޔާލުތަކާއި ޝަކުވާތައް ހުށަހަޅުމަށް މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައިވާ "މާހަރާ" ޕޯޓަލް މިއަދުވަނީ އިފްތިތާޙް ކޮށްފައެވެ.

މިފަދަ ޕޯޓަލެއްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަކީ ޞިއްޙީ ޚިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުޙިއްމު އަދި ބޭނުންތެރިކަމެކެވެ.

މިފަދަ ނިޒާމެއް ޤާއިމުކުރުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުޞަތެކެވެ.

މި ޕޯޓަލްއަކީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއިއެކު ފަރުމާކޮށް ވުޖޫދުކޮށްފައިވާ ވަސީލަތެކެވެ.

tel:+9607331319