logo

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފުވައްމުލައް ސިޓީގައި ފަށައިފި

profile

ޒިދާން މުޙައްމަދު - 23 އޯގަސްޓު 2024 - 23:52

 ފުވައްމުލަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފެށުން

ފުވައްމުލަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ފެށުން

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރައްވައި ފަށްޓަވައިދެއްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައިވެސް ގަސް އިންދުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.

މި ޕްރޮގުރާމް ފުވައްމުލައް ސިޓީގައި ފެށީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމްގެ އިތުރުން އެސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ ގަހެއް އިންދަވާދެއްވާފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތައް ބަލަން ވަކި ޔުނިޓެއް ގާއިމްކުރަންވެސް ނިންމާފައެވެ. އެގޮތުން އިންދާ ގަސްތައް ރަނގަޅަށް ބަލަހައްޓައި، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ގަސްތައް ހެދެނީ ކިހިނެއްތޯ، ގަހަށް ޖެހެނީ ކޮންކަހަލަ ބައްޔެއްތޯ ގަހަށް ދިމާވާ ކަންތައްތައް ބެލުމަށް މީހުން އަހުލުވެރިކުރުވަންވެސް ނިންމާފައި ވެއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދިޔަ 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިޤްތިޞާދަށާއި މުޅި ޤައުމަށްވެސް ލިބޭ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިރިއުޅެވޭނެ ގޮތްތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ މާޙައުލީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީތެރިވާ 'ލޮސް އެންޑް ޑެމޭޖް ފަންޑު' ގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ މަގުފަހިވެގެންދާނެ ކަމަށާއި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ ފަރުދެއްގެ ޙައިޘިއްޔަތުން، ދުނިޔޭގެ ވެށްޓަށްޓަކައި ކޮންމެ މީހަކުވެސް އުފުލަން ޖެހޭ ޒިންމާތަކެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ހަނދުމަކޮށްދެއްވާފައެވެ. މީގެ އިތުރުން، އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަމަލުތަކުން އެކަން ޔަޤީންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.


https://wamco.com.mv/
tel:+9607331319