logo

ޓޫ އޮފް އަސް ޝޯވގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފި

profile

އައިޝަތު އިބްރާހިމް - 17 މޭ 2025 - 11:30

އިންޑިޔާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގެ ދެވަނަ ސީޒަންގައި ދިވެހި ބޭންޑް "ޓޫ އޮފް އަސް" ބޭންޑްގެ ތާރީޚީ މިއުޒިކް ޝޯވގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

https://wamco.com.mv/

އެ ބޭންޑުން ބާއްވާ ޝޯވގެ ޓިކެޓު ވިއްކަން ފަށާފައިވަނީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ވެބްސައިޓެއް މެދުވެރިކޮށެވެ. އެގޮތުން، އެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ފަހު ޓިކެޓް ގަނެވޭނެ ކަމަށް ބުނެފައިވެއެވެ.

ބޭންޑުން ބުނެފައިވަނީ މާލޭގައި ފުރަތަމަ ފަހަރަށް ބޭންޑުން ކުޅޭ މި ޝޯވއަކީ މުބާރާތުގައި ކުރި ދަތުރުގައި ހިތްވަރުދީ، ސަޕޯޓުކުރި އެންމެހާ ދިވެހި ރައްޔިތުންނަށް ބާއްވާ ޝޯއެއް ކަމަށެވެ.

ތިން ކެޓަގަރީއަކުން ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވާ އރު، މިއިން ކޮންމެ ކެޓެގަރީއަކުން ޓިކެޓް ގަނެގެން ފައިސާގެ އިނާމުގެ އިތުރުން، އިތުރު ޚިދުމަތްތައް ވެސް ލިބެއެވެ.

ބޭންޑުން ހުޅުވާލާފައިވާ ކެޓަގަރީތައް:

ފުރަތަމަ ކެޓަގަރީ ޕްލެޓިނަމް: މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 5،000 ރުފިޔާއަށް، ޕުރައިމް ސީޓިންއެވެ. ސުވެނިއަރސް އަދި އެކްސްކްލޫސިވް ގިފްޓްސް ވެސް ލިބޭނެއެވެ. މީގެ އިތުރުން ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސް އާއި "ޓޫ އޮފް އަސް" އާއި ބައްދަލުކުރުމުގެ ފުރުޞަތުގެ އިތުރުން އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް ލިބިގެންދާނެއެވެ. ކޮންސެޓަށް ފަހު އޮންނަ އިންޑިއަން ޑިނަރގައި ބައިވެރިވުމުގެ ފުރުޞަތުގެ އިތުރުން، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، އިތުރު ހަދިޔާތައް ލިބިގެންދާނެއެވެެ.

ދެވަނަ ކެޓަގަރީ ގޯލް: މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 3،000 ރުފިޔާއަށް އެކްސަލަންޓް ސީޓިންއެވެ. ސުވެނިއަރސް އަދި ހަދިޔާގެ އިތުރުން އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް ލިބިގެންދާނެއެވެ. މީގެ އިތުރުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ފައިސާގެ ހަދިޔާގެ އިތުރު އެހެން ހަދިޔާތައް ވެސް ލިބިގެންދާނެއެވެ.

ތިން ވަނަ ކެޓެގަރީ ބްރޮންޒް: މި ކެޓެގަރީގެ ޓިކެޓު ގަންނަން ލިބޭނީ 1،000 ރުފިޔާއަށެވެ. މި ޓިކެޓު ގަނެގެން ސުވެނިއަރސް އަދި ހަދިޔާ ލިބޭނެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ފައިސާ އިނާމުގެ އިތުރުން ތަފާތު ހަދިޔާތައް ލިބޭނެއެވެ.

މި ޝޯ ކުރިއަށްގެންދަން ނިންމާފައިވަނީ މިމަހު 23 ވަނަ ދުވަހުގެ ރޭ 2000 އިން ފެށިގެން 0000އާ ހަމައަށެވެ. މިއީ މިހާތަނަށް ދިވެހި ބޭންޑަކުން ބާއްވާ އެންމެ ބޮޑު ޝޯވއެވެ.

މި ޝޯވ އިން ބޭރުގެ ފަންނާނުން ވެސް ފެނިގެންދާނެ ކަމުގައި ވަނީ ހާމަކޮށްފައެވެ. މިގޮތުން 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކޭތަން ސިންގް، މި ޝޯވގައި ވެސް ހޯސްޓެއްގެ ގޮތުގައި ފެންނާނެއެވެ. 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ދެ ފަނޑިޔާރުން އަދި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝްރައްދާ ޕަންޑިތާއި ރާޖާ ޙަސަންގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް އަދި އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް' ފެނިގެންދާނެއެވެ.

މި ޝޯވގައި ދިވެހި ފަންނާނުންގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަޤްބޫލުކަން ހޯދަމުން އަންނަ 'ބޮކިޓޮޒް' އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ)ގެ ހުށަހެޅުންތައް ފެނިގެންދާނެކަމަށްވެސް ބުނެއެވެ.

"ޓޫ އޮފް އަސް" އިން ހޯދި މި ކާމިޔާބީއަކީ މިހާތަނަށް ދިވެހި ބޭންޑަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީއެވެ.

ޖުމްލަ ހަތް މެމްބަރުން ހިމެނޭ "ޓޫ އޮފް އަސް"އަކީ އަމިއްލަވަންތަ ގޮތްތަކެއް އެކުލެވޭ ގޮތަށް ދިވެހިވަންތަ ހުށަހެޅުންތަކެއް ބޭރު ދުނިޔޭގެ ސްޓޭޖެއްގައި ދައްކައިދިން ބޭންޑެކެވެ.

ދިވެހީންގެ ފަރާތުން މި ޒުވާނުންނަށް ތަޢުރީފުގެ ބަސްތައް އޮހެމުން އަންނައިރު މި ޝޯވ އަކީ މަސްތަކެއް ވަންދެން އަމިއްލަ ޤައުމުން ބޭރުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދިނުމަށްފަހު އެނބުރި ރާއްޖެއަށް އައުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝޯވއެކެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay