
އަނބު

އައިޝަތު އިބްރާހިމް - 06 މާރިޗު 2025 - 13:10
އަނބު އިނގިރޭސިން ކިޔަނީ މެންގޯ، އިލްމީ ނަމުންނަމަ އިންޑިކާ މެންގިފީރާއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު މޭވާއެކެވެ.
އަނބަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަނބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ދޮންވުމުން ރީނދޫ އަދި މެރޫން ކުލައަށް ހުންނަ މޭވާ އެކެވެ.
އަނބުގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް، އަދިވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހުރެއެވެ. އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކޮށް އުޅޭ އެއްޗެކެވެ.
އަނބުގެ ކޮންމެ 100 ގްރާމެއްގައި 70 ކިލޯ ކެލަރީ ވެއެވެ. އަދި 2 މިލިގްރާމްގެ ސޯޑިއަމް ހިމެނެއެެވެ. އަނބުގައި 17 ގްރާމް ކާބޯހައިޑްރޭޓް ހިމެނޭއިރު ޕޮޓޭސިއަމްގެ މިންވަރަކީ 156 މިލިގްރާމެވެ. އަނބުގައި 0.5 ގްރާމް ޕްރޮޓީން ހިމެނޭ އިރު ފެޓް އެކުލެވެނީ އެންމެ 0.27 ގްރާމެވެ. އެހެން ކަމުން އަނބަކީ ޑަޔަޓް ކުރަން ރަނގަޅު މޭވާއެއް ކަމުގައި ބެލެވެއެވެ.
އަނބުގެ ފަތަކީ ލޭގައި އިންސިއުލިންގެ މިންވަރު ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. ރޯ އަނބު ފަތްތަކެއް ފެނުގައި ކެއްކުމަށްފަހު، ހެދުނު ވަންދެން ބަހައްޓާށެވެ. ހެދުނުވުމުން އެފެން ފުރާނާލައިގެން ބޯށެވެ. މިއީ ހަކުރު ބަލީގެ މީހުންނަށް ލޭގެ ހަކުރުގެ މިންވަރު ދަށްކުރުމަށް ގޭގައި ކުރެވިދާނެ ކަމެކެވެ. އަނބަކީ ގްލައިސިމިކް އިންޑެކްސް ދަށް މޭވާއަކަށްވުމުން، އަނބު ކެޔަސް، ލޭގައި ހަކުރުގެ މިންވަރު އާދަޔާ ޚިލާފަށް މަތިވެގެނެއް ނުދާނެއެވެ.
އަނބުގައި ހުންނަ ހަޖަމުވުމަށް އެހީތެރިވެދޭ މާއްދާތަކުގެ ތެރޭގައި، “އެސްޓަރ” ތައް، “ޓަރޕީން” ތައް، އަދި “އެލްޑެހައިޑް” ތައް ހިމެނެއެވެ. މިއީ ކާތަކެތީގައި ހިމެނޭ ޕްރޮޓީންތައް ބައިކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. އަދި ބަނޑުގައި ވައިހެދުން ކުޑަކޮށްދީ، ހަޖަމުކުރުމުގެ މަސައްކަތް ފަސޭހަކޮށް ހަލުވިކޮށް ދެއެވެ. މީގެ އިތުރުން އަނބުގައި ފައިބަރު ގިނައިން ހުރުމަކީ ބޮޑުކަމުދިއުން ފަސޭހަވެ، ބަނޑުހިކުމުން ދުރުކޮށްދޭނެ ކަމެކެވެ.
އަނބަކީ ހަންގަނޑަށްވެސް ވަރަށް ފައިދާ ކުރާ އެއްޗެކެވެ. އަނބު ބޭނުންކުރުމަކީ ހަންގަނޑު އޮމާންވެ، ސާފުވެ، ބިހި ނެގުން ކުޑަކޮށްދީ، ހަމުގައި ނަގާ އޮށާޅަ ފަދަ މައްސަލަތަކުން ކުރިމަތިވާ އުދަނގޫ ކުޑަކޮށްދެއެވެ.
އަނބުގައި ހިމެނޭ ދަގަނޑުގެ ބައިގެ ސަބަބުން މާބަނޑު އަންހެނުންނާއި، މައްސަރު ކަންތައް ޖެހިފައިވާ އަންހެނުންނާއި، އަދި އެނޫން ގޮތަކުން ނަމަވެސް، ލޭމަދުވެފައިވާ މީހުން ބޭނުންކުރަން ރަގަޅު މޭވާއެކެވެ. އަނބުގައި ހިމެނޭ ވިޓަމިން ސީ އަކީ ދަގަނޑު ހަށިގަނޑަށް ނެގުމުގައި އެހިތެރިވެދޭ މާއްދާއެކެވެ. ނަމަވެސް މާބަނޑު ދުވަސްވަރު މާގިނައިން އަނބު ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
އަނބަކީ ތަފާތު ގިނަ ވައްތަރުގެ ވިޓަމިންސް އާއި މިނިރަލްސް އިން މުއްސަނދި މޭވާއެކެވެ. އެހެން ކަމުން ކެއުމުގައި އަނބު ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން