logo

އަމާޒަކީ ޕްރޮސެކިއުޝަންގެ މަސައްކަތް އެންމެ މަތީ މިންވަރަށް ޑިޖިޓަލައިޒުކުރުން: ޕީޖީ

profile

ރިޟްވާން މޫސާ - 12 އޯގަސްޓު 2026 - 08:57

ޕީޖީއޯ 2.0 އާއެކު 2028 ވަނަ އަހަރު ޕީޖީ އޮފީސް ވެގެންދާނީ ޤާނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރަށް ޕްރޮސިކިއުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށްފައިވާ އޮފީހަކަށްކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޖީއޯ 2.0 މަޝްރޫއު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ވަނީ އެ މަޝްރޫޢުއާއެކު ޕީޖީ އޮފީހުގެ ޚިދުމަތްތަކަށާއި މަސައްކަތްތަކަށް އަންނަ ލުއިތައް ފާހަގަކުރައްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވީ ޕީޖީއޯ 2.0 މަޝްރޫޢުގެ 100 ދުވަސް ނިމުމުގެ ކުރިން އެ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް މަސައްކަތަށް ބޭނުންވާ މޯބައިލް ޑިވައިސް ލިބިގެންދާނެކަމަށެވެ. އެ އޮފީހުގައި މިވަގުތު 199 މުވައްޒަފުން ތިބިއިރު އޭގެ ތެރެއިން 149 މުވައްޒަފުނަނަށް މަސައްކަތް ކުރުމަށް މޯބައިލް ޑިވައިޒް ދީފާއިނުވާކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް އެ މުވައްޒަފުންނަށްވެސް ޑިވައިސް ދިނުމާއެކު ކޮންމެ ތަނެއްގައި ހުރިނަމަވެސް މަސައްކަތް ކުރެވޭނެކަމަށާއި އިތުރުގަޑީގައި އޮފީހަށް ނުނިކުމެ މަސައްކަތް ކުރެވޭނެކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީގެ ވާހަކަފުޅުގައި ވަނީ ކްރިޓިކަލް ސިސްޓަމްތަކުގެ ތެރެއިން 60 ސިސްޓަމް ހުރިނަމަވެސް އޭގެ ބެކްއަޕްއެއް އޮފީހުން ބޭރަށް ނުނެރޭކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މި މަޝްރޫޢުއާއެކު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބެކްއަޕް އޮފީހުން ނެރި ރައްކާތެރި ސޮވެރިން ސިސްޓަމްއެއްގެ ތެރެއަށް ވައްދާނެކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ރަށްރަށުގައިވެސް ކޯޓުތަކަށް މައްސަލަ ވެއްދުމުގައި ކާރުދާސް ބޭނުންކުރަމުން އައިނަމަވެސް މި މަޝްރޫޢުއާއެކު އެކަމަށްވެސް ބަދަލު އަންނާނެކަމަށް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މި މަޝްރޫޢު 2028 ވަނަ އަހަރު ނިމިގެންދާއިރު ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން 2028 ވަނަ އަހަރު ޕީޖީ އޮފީސް ވެގެންދާނީ ޤާނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރަށް ޕްރޮސިކިއުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށްފައިވާ އޮފީހަކަށްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރަށްވުރެ %60 އިތުރަށް ބާރުމިނުގައި މައްސަލަތައް ކޯޓަށް ހުށަހެޅޭނެތަނަކަށް ވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

https://wamco.com.mv/
https://wamco.com.mv/
tel:+9607331319