logo

ބީއެމްއެލް ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި

profile

އާމިނަތު ޝަޒްލާ - 11 އޯގަސްޓު 2026 - 15:01

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސްނަގައިގެން ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ އަދި ތިމާވެށްޓާ ގުޅުންހުރި ކަންކަމަށް އެހީތެރިވުމުގެ ގޮތުން ހިންގި "ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓް" ގެ ހަތް މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، ބޭންކުގެ މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި 2024 ވަނަ އަހަރު ތައާރަފުކުރި ފަންޑެކެވެ. މި ގްރާންޓުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުހިންމު މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނިންމާލި މަޝްރޫއުތަކުގެ ތަފްސީލު:

  • ސ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފޮތް ކިޔުމަށް ހާއްސަ ސަރަހައްދެއް: ބީއެމްއެލް މީދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގެ ދަށުން، ސްކޫލް ގޯތިތެރޭގައި ފޮތްކިޔުމާއި ގްރޫޕް ސްޓަޑީ ހެދުމަށް ހާއްސަކޮށް، ހިޔާކޮށްފައިވާ ބެންޗާއި މޭޒު ބަހައްޓައިގެން ހިތްފަސޭހަ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.
  • ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުޅޭ ސަރަހައްދު: ބީއެމްއެލް ގުރައިދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން، އެ ސުކޫލުގެ ދަރިވަރުންނަށް ރައްކާތެރިކަމާއެކު ކުޅެވޭނެ ވަސީލަތްތަކާއެކު ކުޅޭ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ.
  • ގދ. އަތޮޅު ސްކޫލުގައި ބެންޗްތަކެއް ބެހެއްޓުން: ބީއެމްއެލް ގައްދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގެ ދަށުން، ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ބެލެނިވެރިންނަށް މަޑުކޮށްލައިގެން ތިބެވޭނެ ބެންޗުތަކެއް ސްކޫލް ގޯތިތެރޭގައި ވަނީ ބަހައްޓާފައެވެ.
  • ދަރުމަވަންތަ ހޮސްޕިޓަލްގެ ސްޓޫޑަންޓް ރިސޯސް ހަބް: ބީއެމްއެލްގެ މުވައްޒަފު ހުސައިން އަލީ އިސްނަގައިގެން، އެމްއެންޔޫއެސްޔޫ އަދި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިގެން މެޑިކަލް ދަރިވަރުންނަށް ހާއްސަ ރިސޯސް ހަބެއް ވަނީ ހުޅުވާފައެވެ. މިތަނުގައި މެޑިކަލް ފޮތްތަކާއި، ޑިޖިޓަލް ވަސީލަތްތަކުގެ އިތުރުން މައިކްރޯސްކޯޕް ފަދަ ތަކެތި ހިމެނެއެވެ.
  • ހއ. މުރައިދޫ ސުކޫލުގެ ވޯކްވޭ: މުވައްޒަފު މަރިޔަމް ހާނީ އިސްނަގައިގެން، އެ ސްކޫލުގެ ޕީޓީއޭއާ ގުޅިގެން ވަނީ ސްކޫލުގެ އެކި ސަރަހައްދުތަކަށް ފަސޭހައިން ދެވޭނެ ރައްކާތެރި ހިނގާ މަގެއް (ވޯކްވޭ) ގާއިމުކޮށްފައެވެ.
  • މުރަކަ މުރާސިލް ސިޓިޒަން ސައިންޓިސްޓްސް: ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުގެ ތިން މުވައްޒަފުން ކަމަށްވާ އަހުމަދު މާއިދު މޫސާ، މުހައްމަދު ލޫތު ޚުޝާމް އަދި އާމިނަތު އިސްރާ ޖައުފަރު އިސްނަގައިގެން ހިންގި މި މަޝްރޫއުގައި، ފަރުތައް ދިރާސާކުރާނެ 60 ޓޫލްކިޓާއި އޮންލައިން ޑޭޓާ ޕްލެޓްފޯމެއް އުފައްދައި، 20 ސިޓިޒަން ސައިންޓިސްޓުން ވަނީ ތަމްރީނުކޮށްފައެވެ.
  • ކުޑަހުވަދޫން ކުނި މަދުކުރުމުގެ ހަރަކާތް – ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން، ކުޑަހުވަދޫ ކައުންސިލާ ގުޅިގެން ހިންގި މި މަޝްރޫއުގެ ދަށުން، ކުނީގެ އިންސައްތަ މަދުކޮށް، ރީސައިކަލް ކުރުމުގެ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ދަޅު ފިއްތާ މެޝިނެއް ވަނީ ބަހައްޓާފައެވެ.

ބީއެމްއެލް އިން އަންނަނީ ސުކޫލުތަކާއި، ކައުންސިލްތަކާއި، ޖަމިއްޔާތަކާ ގުޅިގެން ތައުލީމާއި ތިމާވެށްޓާ ގުޅުން ހުރި ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ.

މި މަޝްރޫއުތަކަކީ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުމަށް ބޭންކުގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމާލެވުނު މުހިންމު މަސައްކަތްތަކެކެވެ. ބީއެމްއެލްއިން އަންނަނީ މިފަދަ ގިނަ ހަރަކާތްތަކެއް މެދުވެރިކޮށް އިޖުތިމާއީ ޒިންމާ އަދާކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319