
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް
ވޯޓުލުމުގެ އުމުރު 18 އަހަރަށް ބަދަލުކުރިތާ 19 އަހަރު، ޒުވާނުންގެ އިތުބާރު އަލުން ހޯދަންޖެހޭ: ފައްޔާޒް

އާމިނަތު ޝަޒްލާ - 22 އޮކްޓޯބަރު 2026 - 17:21
ރާއްޖޭގައި ވޯޓުލުމުގެ އުމުރު 18 އަހަރަށް ދަށްކުރި ތާރީޚީ ނިންމުމަށް މިއަދު 19 އަހަރު ފުރުނުއިރު، ގައުމުގެ ސިޔާސީ ނިޒާމަށް ޒުވާނުންގެ އޮތް އިތުބާރު އަލުން އާކުރަންޖެހިފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ 19 އަހަރު ކުރިން މިއަދަކީ ރާއްޖޭގައި ވޯޓުލުމުގެ އުމުރު 18 އަހަރަށް ދަށްކުރެވުނު ތާރީޚީ ދުވަސް ކަމަށެވެ. އަދި މިއީ ގައުމުގެ ހިންގުމުގައި ޒުވާނުންގެ ބަސް ބުނުމުގެ ފުރުސަތު ކަށަވަރުކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފުރަތަމަ ފިޔަވަޅު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، 18 އަހަރުން މަތީގެ ޒުވާނުންނަށް ލިބިގެންދިޔަ މި ހައްގަކީ އެތައް ހާސް ޒުވާނުންތަކެއް ގުޅިގެން ކުރި ބުރަ ސިޔާސީ މަސައްކަތްތަކާއި، ވެފައިވާ ބޮޑެތި ގުރުބާނީތަކުގެ ފޮނި ނަތީޖާ ކަމަށެވެ.
ނަމަވެސް، މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، ގައުމުގެ ސިޔާސީ ނިޒާމުތަކަށް އޮތް އިތުބާރު ޒުވާނުންގެ ކިބައިން ކުޑަވެފައިވާކަން މިއަދު ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، ޒުވާނުންނަށް މުހިންމު މަގުސަދެއް ދައްކައިދީ، ކުރިމަގުގައި ބިނާކުރާ ގައުމަކީ އެކުދިންގެ އުންމީދުތަކާ އެއްގޮތްވާ ފަދަ ގައުމަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ވޯޓުލުމުގެ އުމުރަކީ 21 އަހަރު ކަމަށް އޮތް އޮތުން ބަދަލުކޮށް، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންދިޔައީ، 2004 ވަނަ އަހަރު އެކުލަވާލި ޚާއްސަ މަޖިލީހުން 2005 ވަނަ އަހަރުގައެވެ. އެއީ އޭރު ރާއްޖެއަށް ގެންނަން ފެށި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކުގެ ތެރެއިންނާއި، އާ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ޒުވާނުންގެ އަޑު އުފުލުމަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
މި ބަދަލާއެކު، 2008 ވަނަ އަހަރު ތަސްދީގުކުރެވުނު ފެހި ގާނޫނުއަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބުން ފެށިގެން މިއަދާ ހަމައަށްވެސް، ގައުމުގެ ވެރިކަމާއި ސިޔާސަތުތައް ކަނޑައެޅުމުގައި ޒުވާނުންގެ ވޯޓަކީ އެންމެ މުހިންމު އަދި ނަތީޖާ ބަދަލުކޮށްލާ ބާރެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
އޮކްޓޯބަރު މަހު މާލެއަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ: ނަޝީދު
15 ގަޑިއިރު ކުރިން

ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް މޫސުމީ ރީދޫ ސަމާލު ނެރެފި
19 ގަޑިއިރު ކުރިން
.png&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
19 ގަޑިއިރު ކުރިން

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނައިޓް ޑިއުޓީ އެލަވަންސް ކުޑަކޮށްފި
19 ގަޑިއިރު ކުރިން


