
އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ގާއިމުކުރުމަށް ރަށްތަކަށް ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 27 އޯގަސްޓު 2026 - 11:54
ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން، ރަށްރަށުގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ގާއިމުކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ ރަށްތަކުގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި މި ދަނޑުތައް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމަކީ ފިޝަރީޒް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ދަނޑުތައް ގާއިމުކުރުމަށް ޝައުގުވެރިވާ ރަށްތަކުން، 4 ހެކްޓަރުގެ ބިމެއް މިކަމަށް ކަނޑައަޅައިދިނުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ. ކަނޑައެޅޭ ބިމަކީ ރަށުގެ ލޭންޑްޔޫސް ޕްލޭންގައި މިފަދަ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ބިމަކަށް ވާންވާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ދަނޑު ގާއިމުކުރުމަށް ހޮވޭ ރަށްތަކުން ބިން ސާފުކުރުމާއި، ދަނޑު ގާއިމުކުރުމުގެ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުންދިނުމާއި، ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ދަނޑު ބަލަހައްޓައިދިނުމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ ދަނޑު އެޅުމަށް ކަނޑައަޅާ ސަރަހައްދު ލޭންޑްޔޫސް ޕްލޭނުން ފާހަގަކޮށް، ދަނޑު އެޅުމަށް ލިބޭ ބިމުގެ ބޮޑުމިން، 3 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހިއްސާކޮށްދިނުމަށް ޝައުގުވެރިވާ ރަށްތަކުގެ ކައުންސިލްތަކަށް އިލްތިމާސްކޮށްފައެވެ. ދަނޑު ގާއިމުކުރުމާއި، ދަނޑުން ރަށު ކައުންސިލަށް ނަފާ ހޯދޭނެ ގޮތުގެ އެއްބަސްވުމެއްގައި ފިޝަރީޒް މިނިސްޓްރީ އާއި ކައުންސިލާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފިޝަރީޒް މިނިސްޓްރީގެ ނަންބަރު 3309391 އަށް ގުޅުމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ދައުވަތު ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ
10 މިނިޓު ކުރިން

ޕާސްޕޯޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި
11 މިނިޓު ކުރިން

ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރަން ކަސްޓަމްސް-ބޭންކް ނިޒާމެއް!
16 ގަޑިއިރު ކުރިން

ހުޅުދެލީ ޖެންސެޓް ހިދުމަތަށް ތައްޔާރު!
17 ގަޑިއިރު ކުރިން


