logo

'ވޮންޑާމައިންޑް' ކުންފުނީގެ މަކަރާއި ހީލަތުގެ މައްސަލައެއްގައި ސެލީނާ ގޯމޭޒްއަށް ބޮޑު ދައުވާއެއް!

profile

އާމިނަތު ޝަޒްލާ - 14 އޯގަސްޓު 2026 - 10:01

ހޮލީވުޑްގެ މަޝްހޫރު ތަރި އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް، އޭނާ އިސްވެ ހުރެ 2021 ވަނަ އަހަރު އުފެއްދި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ކުންފުނި "ވޮންޑަމައިންޑް" އާ ގުޅިގެން މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި އިންވެސްޓަރުން އޭނާއާ ދެކޮޅަށް ދައުވާކޮށްފިއެވެ.

https://wamco.com.mv/

ޑެލަވެއާގެ ފެޑެރަލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ އިންވެސްޓްކުރާ ދެ ކުންފުންޏަކުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، 2022 ވަނަ އަހަރު ވޮންޑަމައިންޑަށް ގާތްގަނޑަކަށް 1.2 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރީ، އެ ކުންފުނީގެ ހިންގުމާއި، ވިޔަފާރީގެ ޕްލޭންތަކުގެ އިތުރުން ކުރިމަގުގައި ލިބޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ދީފައިވާ ޔަގީންކަމުގެ މައްޗަށް ބިނާކޮށެވެ.

މި ދައުވާގައި ބުނެފައިވާ ގޮތުގައި، ސެލީނާ ގޯމޭޒްއަކީ އެ ކުންފުނީގެ ކޯ-ފައުންޑަރެއްގެ އިތުރުން 'ޗީފް އިމްޕެކްޓް އޮފިސަރ' އަދި މާކެޓިންގ އިސްވެރިޔާގެ ގޮތުގައި ހަމަޖައްސާފައި އޮތުމުން، އޭނާ އެ ކުންފުނި އިޝްތިހާރުކޮށް ކުރިއެރުވުމުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް އިންވެސްޓަރުން ގަބޫލުކުރިއެވެ. އަދި އޭނާގެ މަޝްހޫރުކަމާއި، ސޯޝަލް މީޑިއާގައި އޮތް ބޮޑު މަގުބޫލުކަމަކީ އެ ފަރާތްތަކުން އިންވެސްޓްކުރަން ނިންމި މައިގަނޑު އެއް ސަބަބު ކަމަށްވެސް ދައުވާކުރާ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް، ކުންފުންޏާ ގުޅޭގޮތުން ވީ ގިނަ ވައުދުތަކެއް ފުއްދާފައިނުވާ ކަމަށް އިންވެސްޓަރުން މިހާރު ތުހުމަތުކުރެއެވެ. މިގޮތުން، އެހެން ކުންފުނިތަކާއެކު އުފެއްދުމަށް ރޭވި ގުޅުންތައް (ޕާޓްނަޝިޕްތައް) ގާއިމުނުވުމާއި، އާމްދަނީ ހޯދުމަށް ރޭވި ކަންކަން އަމަލީ ގޮތުން ނުފެށުމުގެ އިތުރުން، އުފައްދާނެ ކަމަށް ބުނި މޮބައިލް އެޕްލިކޭޝަންވެސް ތައްޔާރުކޮށްފައި ނުވާކަން ދައުވާގައި ފާހަގަކޮށްފައިވެއެވެ.

މި ދައުވާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، "ވޮންޑަރމައިންޑް" ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މަޢުލޫމާތު އިންވެސްޓަރުންނަށް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ އިސްވެރިން ވަނީ އިހުމާލުވެފައެވެ. ދައުވާކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި، ކުންފުނީގެ މާލީ ހާލަތު އޮތް ނުރައްކާތެރި މިންވަރު އެފަރާތްތަކަށް އެނގުނީ، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މީޑިއާއަކުން ނެރުނު ތަހުގީގީ ރިޕޯޓަކުން، ކުންފުނި ހިންގުމުގައި ހުރި ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ފަޅާއަރުވާލުމާ ގުޅިގެންނެވެ.

"ވޮންޑަރމައިންޑް" އަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގުސަދުގައި، މަޝްހޫރު ފަރާތްތަކެއް ގުޅިގެން އުފެއްދި ޕްލެޓްފޯމެކެވެ. މި ކުންފުންޏަކީ އޭގެ އުންމީދީ އަމާޒުތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަމާއި އިތުބާރު ހޯދާފައިވާ މަޝްރޫއެކެވެ.

އިންވެސްޓަރުންގެ ތުހުމަތުގައިވާ ގޮތުން، އެ ކުންފުންޏަކީ ހަރުދަނާ އޮނިގަނޑެއްގެ މައްޗަށް ބިނާވެފައިވާ، ގާބިލު މެނޭޖްމަންޓަކާއި ވަރުގަދަ ޕާޓްނަޝިޕްތަކެއް އޮތް ތަނެއްގެ ގޮތުގައި ދެއްކި ނަމަވެސް، ހަގީގަތުގައި ކަންކަން ހުރީ އެއާ މުޅިން ތަފާތުކޮށެވެ. އަދި ކުންފުނީގެ ހިންގުމާއި މާލީ ހާލަތު ބޮޑު ތަދީ ދަތިކަމެއްގެ ތެރެއަށް ވެއްޓިގެންދިޔައީ މި ސަބަބުތަކާ ހުރެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި މައްސަލައިގައި ދައުވާ އަމާޒުވަނީ ސެލީނާ ގޯމޭޒް، އޭނާގެ މަންމަ މެންޑީ ޓީފީ، ކުރީގެ ބިޒްނަސް ޕާޓްނަރު ޑެނިއެލާ ޕިއަރސަން އަދި "ވޮންޑަރމައިންޑް" ކުންފުނީގެ މައްޗަށެވެ. ދައުވާކުރާ ފަރާތްތަކުން އެދިފައިވަނީ އިންވެސްޓްމަންޓް އޮޅުވާލުމާއި (ސެކިއުރިޓީޒް ފްރޯޑް)، މަކަރާއި ހީލަތް ހެދުމުގެ އިތުރުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މީގެ އިތުރުން، އިންވެސްޓްކުރި ފައިސާ އަނބުރާ ހޯދުމަށާއި، ލިބުނު ގެއްލުމުގެ ބަދަލުގެ އިތުރުން ގާނޫނީ ހިނގި ޚަރަދުތައް ހޯދުމަށް ވެސް ދައުވާގައި އެދިފައިވެއެވެ.

މި މައްސަލައިގައި ގޯމޭޒް އެ ކުންފުނީގައި އަދާކުރި ދައުރަކީ މިހާރު އެންމެ ބޮޑު ބަހުސަކަށް ވެފައިވާ ކަންތަކެވެ. އިންވެސްޓަރުން ތުހުމަތުކުރާ ގޮތުގައި، މާކެޓިންގ އާއި ޕްރޮމޯޝަންގެ މަސައްކަތްތަކާ ގޯމޭޒް ހަވާލުވި ނަމަވެސް، އެ މަސްއޫލިއްޔަތުތައް އެދެވޭ ގޮތެއްގައި އޭނާ އަދާކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، މި ތުހުމަތުތަކަކީ އަދި ކޯޓުގައި ސާބިތުވެފައިވާ ކަންތައްތަކެއް ނޫންކަން ފާހަގަކުރުން މުހިންމެވެ. ދަޢުވާގައި ނަން ހިމެނުމަކީ ސެލީނާ ގޯމޭޒް އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދާފައިވާކަން ސާބިތުވުމެއް ނޫނެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، ގޯމޭޒް ނުވަތަ 'ވޮންޑާމައިންޑް' ކުންފުނީގެ މަންދޫބުން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ކުންފުނީގެ ކުރީގެ ކޯ-ފައުންޑަރ ޑެނިއެލާ ޕިއަރސަން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އޭނާގެ ދިފާއުގައި ބޭނުންވާނެ މާލީ ރެކޯޑްތަކާއި ލިޔެކިޔުންތައް ހުށަހެޅުމަށް ތައްޔާރަށް ހުރި ކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ 'ވޮންޑާމައިންޑް' ކުންފުންޏަށް މާލީ ގޮތުންނާއި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ކުރީގެ ރިޕޯޓްތަކުގައި ވެސް އެ ކުންފުނީގެ ތެރޭގައި ހުރި މައްސަލަތަކާއި، މުވައްޒަފުން ވަކިކުރުމާއި، މާލީ ޒިންމާތައް އަދާކުރުމުގައި ހުރި ދަތިތަކުގެ ވާހަކަ ފާހަގަކޮށްފައިވެއެވެ.

މި ދައުވާއާ ގުޅިގެން، މަޝްހޫރު ފަންނާނުންގެ ނަން ބޭނުންކޮށްގެން ފަށާ ވިޔަފާރިތަކަށް އިންވެސްޓަރުން ފައިސާ ހޯދުމުގައި ހުރި ނުރައްކާތަކަށް މިހާރު ވަނީ އަނެއްކާވެސް ސަމާލުކަން ހުއްޓިފައެވެ. މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކެވި މާހިރުން ފާހަގަކުރައްވާ ގޮތުގައި، މަޝްހޫރު ބޭފުޅަކު އިސްވެ ހުންނަވައިގެން ފަށާ ވިޔަފާރިއަކަށް އިންވެސްޓްމަންޓާއި އާންމުންގެ ސަމާލުކަން ލިބުމަކީ ފަސޭހަ ކަމަކަށް ވީނަމަވެސް، އެ ކުންފުންޏެއްގެ މާލީ ހާލަތާއި، ހިންގުމުގެ ނިޒާމުގެ އިތުރުން ވިޔަފާރީގެ ކުރިއެރުން އިންވެސްޓަރުން ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހެއެވެ.

ސެލީނާ ގޯމޭޒްއަށް ބަލާއިރު، މި ގާނޫނީ މައްސަލައަކީ އޭނާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ކާމިޔާބީތަކުގެ ބޭރުން ކުރިމަތިވި އާ ގޮންޖެހުމެކެވެ. ލަވަކިޔުމާއި، އެކްޓްކުރުން އަދި ވިޔަފާރީގެ ތެރެއިން އޭނާ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު، 'ވޮންޑަމައިންޑް' އަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވާހަކަތަކަކީ އާންމުންނަށް ފަސޭހައިން ބައިވެރިވެވޭނެ ކަންތައްތަކަކަށް ހެދުމުގެ މަގުސަދުގައި އޭނާ އުފެއްދި ކުންފުންޏެކެވެ.

މި މައްސަލައިގެ ޝަރީއަތްތަކުން ދެން ކަނޑައަޅާނީ، އިންވެސްޓަރުން ކުރާ ތުހުމަތުތަކުގައި ބުރަދަނެއް ހުރިތޯއާއި، އެމީހުން އިންވެސްޓްކުރި ފައިސާ އަނބުރާ ހޯދުމުގެ ނުވަތަ އިތުރު ބަދަލެއް ހޯދުމުގެ ހައްގު އެމީހުންނަށް ލިބިގެންވޭތޯއެވެ.

މިވަގުތަށް ބަލާއިރު ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ، 'ވޮންޑަމައިންޑް' އާ ގުޅޭ އޮޅުވާލުންތަކެއްގެ މައްސަލައިގައި ސެލީނާ ގޯމޭޒްގެ މައްޗަށް ދައުވާ އުފުލާފައިވީ ނަމަވެސް، އޭނާ އެފަދަ ކަމެއް ކުރިކަން އަދި އެއްވެސް ކޯޓަކުން ސާބިތުވެފައި ނުވާކަމެވެ.

މި މައްސަލައިގެ ގާނޫނީ މަރުހަލާތައް ކުރިއަށްދާ ވަރަކަށް އަދި ދައުވާ ލިބޭ ފަރާތްތަކުން މި ތުހުމަތުތަކަށް ޖަވާބުދާރީވަމުންދާ ވަރަކަށް، މިއީ އާންމުންގެ ސަމާލުކަން މެދުނުކެނޑި ލިބޭނެ މައްސަލައެއް ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319