
ތުރުކީއަށް މުދާ އެކްސްޕޯޓްކުރުމުގައި ލުއިތަކެއް: ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

އާމިނަތު ޝަޒްލާ - 01 އޯގަސްޓު 2026 - 11:16
ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގާއިމުކުރި "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (އެމްޓީޕީޓީއޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވި ތުރުކީއާއެކު ފެއްޓެވި މަސައްކަތްޕުޅުގެ ނަތީޖާއެކެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން 75 ބާވަތެއްގެ މުދަލުން ނަގާ ޓެރިފްތައް ކުޑަވެގެންދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މަހުގެ ބާވަތްތައް ތުރުކީގެ ބާޒާރަށް އެކްސްޕޯޓްކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މަހުގެ ބައެއް ބާވަތްތައް އެއްވެސް ޓެރިފަކާ ނުލައި (ޑިއުޓީ ފްރީކޮށް) އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ލިބޭނެއެވެ.
މި މުހިންމު އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ސޮއިކޮށްފައިވަނީ ނޮވެމްބަރު 2024 ގައެވެ. އެއަށްފަހު ދެ ގައުމުގެ ދެމެދުގައި އެގްރީމެންޓްގައި ހިމަނާނެ ތަފްސީލީ ކަންކަމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ތުރުކީއާއި ރާއްޖެއާ ދެމެދު އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާހުރި އާ މަގުތައް ކޮށައިދެއްވާނެ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި، ބައިނަލްއަގުވާމީ މާކެޓްގައި ދިވެހި އުފެއްދުންތަކަށް އޮންނަ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އަރިޖިތު ސިންގް، މިއުޒިކީ ދާއިރާއަށް އެނބުރި އަންނަނީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
10 ގަޑިއިރު ކުރިން

ތާޒާ ގާޑަން ސެލެޑް: ކޮންމެ ދުވަހެއްގެ ކެއުންތަކުގައި ހިމަނާލަން ސިއްހަތަށް ފައިދާހުރި މީރު ކެއުމެއް
10 ގަޑިއިރު ކުރިން
ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ފުރާޅު އެއްލައިލައި ގެއްލުންތަކެއް ވެއްޖެ!
13 ގަޑިއިރު ކުރިން
މާލެ އަށް ބޯކޮށް ވާރޭ ވެހި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކޮށްދީފި!
13 ގަޑިއިރު ކުރިން


.gif&w=3840&q=75)