އެންމެ ލޯބިވާ ސްކޫލް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 15 އޮކްޓޯބަރު 2025 - 05:25
ސުކޫލް ފަށާ އުމުރުފުރާއަކީ ކުޑަކުދިންނަށް ވަރަށް ގިނަ ބަދަލުތަކެއް އަންނަ އުމުރު ފުރާއެކެވެ. މިއީ ތަރުބަވީ ދެވަނަ މަރުހަލާއެވެ. މިއުމުރުގައި އަމިއްލައަށް ހެދުން އެޅުން، އަތުން ބޯޅައިގައި ރަނގަޅަށް ހިފުން، ބޫޓުގެ ނާޑުވާ އެއްސުން ފަދަ ކަންތައްތައް ދަސްކުރާނެއެވެ. މިއުމުރުގައި އެހެންމީހުންގެ އެހީތެރިކަމާއި، ނުލައި ކުއްޖާ އަމިއްލައަށް ކަންތައްތައް ކުރަން ދަސްކުރަން ފެށުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސުކޫލަށްދާ ފެށުމަކީ ވަރަށް ގިނަ ބަޔަކާއި، ބައްދަލުވެ، ވަރަށް ގިނަ އާކަންތައްތައް ކުރާތަން ފެނި، ވަރަށް ގިނަ ގޮތްގޮތުން ދުނިޔޭގައި ހިނގާ ކަންކަމުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމަށް ފަހިވެގެންދާ ފުރުޞަތެކެވެ. ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ހުނަރުތައް ވެސް މިއުމުރުގައި ވަރަށް އަވަހަށް ކުދިން ދަސްކުރާނެއެވެ. މިއީ ސުކޫލް މަދަރުސާގެ ތެރެއިންނާއި، ކުޅިވަރުގެ ތެރެއިން، އަދި ރައްޓަހި ރަހުމަތްތެރިންގެ ތެރެއިން ކުދިންނަށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބިނާކުރުމަށް ފުރުޞަތު ފަހިވެގެންދާ ނާޒުކު އުމުރު ފުރާ ވެސް މެއެވެ.
ސްކޫލްތަކުގެ އަހުލުވެރިންގެ ތެރެއިން މުދަރިއްސުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް މަގު ދައްކާ ބައެކެވެ. ދީނީ ރޮނގުންނާއި، އިލްމީ ރޮނގުން، އިތުރު ކުރިއެރުމާއި، ތަރައްގީ ހޯދޭތޯ މަސައްކަތްކުރުމަށް އަޒުމު ކަނޑައެޅުމަށް ދަރިވަރުންގެ ޒިންމާއެކެވެ. އަދި އިތުރު ހަރަކާތްތަކުން މުޅި މާހައުލަށް ދިރުން ގެނެސްދިނުމަށާއި، އަމަލީ މައިދާނަށް ނިކުތުމަށްވެސް ދަރިވަރުން މަސައްކަތްކުރަންވާނެއެވެ.
ފޮނި ނަތީޖާ ނެރެވޭނީ، ހުރިހާ ކަމެއްގައި މަދްރަސާއާ އެކު އެއްބާރުލުން ދީ، މަދަރުސާގެ ގަވައިދުތަކަށް ބޯލަނބައިގެންނެވެ. މަދަރުސާގެ މުދަލާއި، ތަކެއްޗަށް، އަދި ވަކިން ހާއްސަކޮށް ކުތުބުހާނާގެ ފޮތްތަކަށާއި، ލެބޯޓަތީގެ ސާމާނުތަކަށް ރައްކާތެރިވާންޖެހެއެވެ. ހެޔޮ ގޮތުގައި އެތަކެތީގެ ބޭނުން ހިފަންޖެހެއެވެ.
މީގެއިތުރުން މުދައްރިއްސުންނަށް ހައްގުވާ ފަދަ ގަދަރާއި، އިހުތިރާމް އަދާކުރަން ހަނދާންކޮށްދެމެވެ. މުދައްރިއްސުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް މަގު ދައްކާ ބައެކެވެ. އެމީހުން އެވަނީ، ދަރުވަރުން ތަރުބިއްޔަތުކުރުމުގެ ބުރަ މަސްއޫލިއްޔަތާއި ހަވާލުވެފައެވެ. މުދައްރިއްސުން އެކުރާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތެވެ.
އެއްދުވަހަކު ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަސްހާބުންގެ އަރިހަށް ނުކުމެވަޑައިގަތްއިރު، އެބޭކަލުން ތިއްބެވީ ކީރިތި ގުރުއާން އުނގެނިވަޑައިގަންނަވާށެެވެ! އެހިނދު، އެކަމާ އުފާފުޅު ކުރައްވައި، ހަދީޘް ކުރެއްވިއެވެ. " ހަމަކަމަށަވަރުން ތިމަން ކަލޭގެފާނު ފޮނުއްވުނީ އެދުރުބޭލަކެއްގެ ގޮތުގައެވެ."
މައިންބަފައިންނާ، ދައުލަތުން، ދަރިވަރުންނަށްޓަކައި ކުރަމުންދާ ހޭދައާއި، ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވަމެވެ. އުނގެނޭ އިލްމުގެ އަލީގައި، މާތްﷲގެ ރުހިވޮޑިގަތުމާއި، މައިންބަފައިންގެ ހިތްހަމަޖެހުމާއި، ގައުމަށް ކުރިއެރުން ހޯދައި ދިނުމަށްވެސް އެދެމެވެ.
މިއަދު މި ދުނިޔޔެ މިވަނީ، ތަރައްގީއާއި އިލްމުގެ އެތައް ހަރުފަތެއް ގިރާކޮށްފައެވެ. އަހަރެމެންގެ ދީނަކީ އިލްމާއި ހަޟާރަތުގެ ދީނެވެ، އެހެންކަމުން ދުނިޔެއަށް އައިސްފައިވާ މި އިލްމީ އިންގިލާބުގެ ފައިދާ އެންމެ ބޮޑަށް ލިބިގަންނަންވީބަޔަކީ އަހަރެމެންނެވެ.
މާތްﷲ ވަހީކުރައްވާފައވެއެވެ. "އަދި ކަލޭގެފާނު ވިދާޅުވާށެވެ.! އަޅުގެ ވެރި ރަސްކަލާކޯއެވެ. މިއަޅާއަށް އިލްމު އިތުރުކޮށްދެއްވާންދޭވެ!
ދަރިން ތަރުބިއްޔަތުކޮށް، އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑެވެ. ކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދެވޭނީ ކެއްތެރިކަމާއި، ހިކުމަތްތެރިކަމާއެކު އެދުރުންގެ މަސްއޫލިއްޔަތު އަދާކޮށްގެނެވެ. ކިޔަވާ ކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ އެދުރުންގެ މައްޗަށްކަން ހަނދާންކުރުމަށް ނަސޭހަތްތެރިވަމެވެ. އެކުދިންނަށް ރަނގަޅުކަމުގައި ފެންނަނީ އެރުދުން އެކުދިންނަށް ރަނގަޅު ކަމުގައި ދެއްކި އެއްޗެކެވެ. އަދި އެކުދިން ހުތުރުކަމުގައި ދެކޭނީ އެދުރުން އެގޮތަށް ދެކޭ އެއްޗެކެވެ. އެހެންކަމުން އެކުދިންނަކީ އިސްލާމްދީން ދެކެ ލޯބިވާ، ދީނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަށް ނަސޭހަތްތެރިވަމެވެ.
އިބްނު ޚަލްދޫން ވިދާޅުވެފައިވާގޮތުގައި ޚަލީފާ ހާރޫނުއްރަޝީދު އޭނާގެ ދަރިކަލުން އަލްއަމީނުގެ މުދައްރިއްސަށް ވިދާޅުވިއެވެ. "އަމީރުލް މުއުމިނީން ބިތާއާ މި ހަވާލުކުރައްވަނީ އެ ޚަލީފާގެ ހިތްޕުޅުގެ އުފަލާއި އަރާމެވެ. ވީމާ އޭނާއާ މެދު ތިބާ ޒިންމާދާރުވާށެވެ! އަދި އޭނާ ތިބާއަށް ކިޔަމަން ކުރުވާށެވެ! އޭނާއަށް ގްރުއާން ކިޔަވައިދޭށެވެ! މިލްމާއި މައުލޫމާތުން އޭނާ މުއްސަނދިކުރުވާށެވެ! ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތް އޭނައަށް ކިޔާދޭށެވެ! ތަގްރީރުތައް ފަށާނެގޮތާއި، ނިންމާނެގޮތް އަމަލީ ގޮތުން ދަސްކޮށްދޭށެވެ! ފައިދާހުރިކަމެއް އުނގަންނައި ނުދީ، އެންމެ ގަޑިއެއްގެ އިރުވެސް ފާއިތުވެގެންދިޔަ ނުދޭށެވެ. އެކަމަކު އެކަމުގައި ހައްދުފަހަނައަޅައި ނުދާށެވެ! އޭރުން އެކަންތައް ވެގެންދާނީ ބޮޑު ފޫލިކަމަކަށެވެ. އަދި އޭނާގެ ސިކުނޑިއަށް ލިބޭ ބޮޑު ބުރައަކަށެވެ. އެއްވެސް ކަމެއް ނެތި ހުންނަން ދޫކޮށްނުލާށެވެ. އެކަމަކު އޯގާތެރިކަމާއި، ލޯތްބާއި، ކުލުނާއި އެކުގައެވެ!
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން