
ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް---
މިއަދުގެ ސަރުކާރުން މުޅި ގައުމު ސުންނާފަތިކޮށް، ރައްޔިތުން ކަންނެތް ކުރުވައިފި: ޖަމީލް

ޖިނާން ޙުސައިން ޖަބީން - 18 ނޮވެމްބަރު 2026 - 13:57
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމު އެއްކޮށް ސުންނާފަތިވެ، ތަދުމަޑުކަމުގެ ތެރެއަށް ވެއްޓިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މަންސަ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، އިންސާނާ ހޯދާ އެންމެ ހަލާލު އެއްޗަކީ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއް ކަމަށް ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކުން ސާބިތުވާ ކަމަށެވެ. ނަމަވެސް، މި ވެރިކަމުން އެންމެ ބޮޑަށް ފާހަގަކުރެވިގެންދާ އެއްކަމަކީ އެއްވެސް މަސައްކަތެއް ނުކޮށް، އަދި ކުރާނެ މަސައްކަތެއްވެސް ނެތި، ޕްރޮޑަކްޓިވިޓީއެއް އަދި ހުނަރެއް ތަރައްގީވުމެއް ނެތި، އެތައް ބަޔަކު ގޭގައި ތިބެގެން މުސާރަ ނަގާ ކަންނެތް ބަޔަކަށް ބަދަލުކޮށްލާފައިވާ މަންޒަރު ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކުދިކުދި ރަށްރަށުގައި ވެސް ސަރުކާރުގެ ކުންފުނިތަކުންނާއި ސިޔާސީ މަގާމުތަކުގެ ގޮތުގައި ސަތޭކައިން ވަޒީފާތައް ދީފައިވުމަކީ ގައުމަކަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. އަދި ހަމައެހެންމެ، މިއީ ވަޒީފާގެ ރިޝްވަތު ބޭނުންކޮށްގެން މުޅި ގައުމު ފަސާދަކޮށްލުން ކަމަށްވެސް އެމަނިކުފާނު ވަނީ ސިފަކުރައްވައިފައެވެ.
ޑރ. ޖަމީލް ވިދާޅުވީ، ދައުލަތުގެ ހުރިހާ ކުންފުނިތަކެއް ދަރަނިވެރިވެފައިވާ ކަމަށާއި، މި ސަރުކާރުން ޖީލެއް ހަލާކުކޮށްލީ އުފެއްދުންތެރިކަމެއް އަދި ހުނަރެއް ދަސްކޮށްނުދީ، މަސައްކަތެއް ނުކޮށް މުސާރަ ނަގައިގެން "އަޗާތަޅަން" ދަސްކޮށްދީގެން ކަމަށެވެ. މީގެއިތުރުން، އަސާސީ މުހިއްމު ހިދުމަތްތަކަށް ސަރުކާރުން ހޭދަކުރުން ހުއްޓާލުމުގެ ސަބަބުން ސިއްހީ ނިޒާމު ފޫވެއްޓި، ޒަރޫރީ ބޭސްތައް ނުލިބި ރައްޔިތުންގެ ފުރާނައަށް އިހުމާލުވަމުންދާ ކަމުގެ ކަންބޮޑުވުންވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ.
ވެރިކަމަށް ތިން އަހަރު ފުރިގެން ދިޔައިރު، ގަވަނަންސްގެ ނިޒާމު އެއްކޮށް ފުނޑުފުނޑުވެ، ހިދުމަތްތައް ސުމަކަށް ގޮސްފައިވާ ކަމަށް ވިދާޅުވަމުން ޑރ. ޖަމީލް ވަނީ، މިސްރާބެއް ނެތް މި ސަރުކާރުގެ އަމަލުތައް ހުރީ ދިވެހި ގައުމުގެ ސިޔާދަތާއި މިނިވަންކަން ނީލަމުގައި ވިއްކާލުމާ ދިމާލަށްތޯ ސުވާލު އުފައްދަވާފައެވެ. އަދި ފާއިތުވެދިޔަ ތިން އަހަރަކީ ގައުމަށް ކުރިމަތިވި ބޮޑު މުސީބާތަކާއި ގިލަންވެރިކަމުގެ ދުވަސްތަކެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

"މިހާރު ފެނިގެންދަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ޖާގަ ދިނުމަށް މަގު ހުޅުވާލާތަން"
22 ދުވަސް ކުރިން

މަޑުން ނުތިބޭނަން، ސަރުކާރު ޖަވާބުދާރީ ކުރުވާނަން - ޖަމީލް
2 އަހަރު ކުރިން

ޑރ. ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގެންފި
3 އަހަރު ކުރިން

ރައީސް މުޢިއްޒު ހުންނެވީ "ޖާހިލެއްގެ" އަތްދަށުވެފައި - ޑރ ޖަމީލް
3 އަހަރު ކުރިން


