
ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 13:26
އޭޕްރިލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅިގެން، ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފިއެވެ.
މި އޮޕަރޭޝަން އިފްތިތާހުކުރުމަށް މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
އޮޕަރޭޝަން ފައްޓަވައިދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި، އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުންނާ މުއާމަލާތްކުރުމުގައި ރީތި އަހުލާގާއި އޯގާތެރިކަން އިސްކުރުމަށާއި، ނުތަނަވަސް ހާލަތްތަކުގައިވެސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް އިރުޝާދު ދެއްވިއެވެ.
މީގެއިތުރުން، އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ކޮންމެ ފަރުދެއްގެވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ފަންނީ ގާބިލުކަން ހާމަވާނެ ކަމެއް ކަމަށާއި، މިއީ ގައުމީ ފެންވަރުގައި ކުރެވޭ އިހުލާސްތެރި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރު އިތުރަށް ވިދާޅުވީ، ދިމިގްރާތީ ނިޒާމެއްގައި ފުލުހުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން ނޫން ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި އަމާންކަން ކަށަވަރުކޮށްދީ، ރައްކާތެރިކަމުގެ އިހުސާސް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފުލުހުންގެ ހިތްވަރާއި ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަދި އަމާން އޮޕަރޭޝަނަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ފަރުހާދު ވިދާޅުވިއެވެ.
ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވި މި ބްރީފިންގއާ އެކު، ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް މިހާރު ވަނީ ލެވެލް 2 އަށް މަތިކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

2025 ވަނަ އަހަރު ޓީޓިގެ މުއާމަލަތްތަކަށް ބޭނުންވާ ޑޮލަރަށް %50 އާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ 2024 ވަނަ އަހަރާ ބަލައިރު ބޮޑު ކުރިއެރުމެއް: ޝަރީފް
2 މިނިޓު ކުރިން

ފަތުރުވެރިކަމުގެ ސިނާއަތަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް
7 މިނިޓު ކުރިން

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި
11 މިނިޓު ކުރިން

އޯޓިޒަމް ހުންނަ ކުދިންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައިފި
23 މިނިޓު ކުރިން


.gif&w=3840&q=75)