logo

ފަތުރުވެރިކަމުގެ ސިނާއަތަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް

profile

މުހައްމަދު މުޝްރިފް - 02 އޭޕްރީލު 2026 - 16:28

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށާއި އަދި އެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އައު ލޯނުގެ ގޮތުގައި 365 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ 90 އޭޓީއެމްއާއި 6 ބްރާންޗް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޝަރީފް ވިދާޅުވީ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދޭ." ޝަރީފް ވިދާޅުވިއެވެ.

އަދި މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު ޕޯޓްފޯލިއޯ 585 މިލިއަން ޑޮލަރަށް އަރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވެސް ބޭންކުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަންދީފައެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

https://wamco.com.mv/
https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk