logo

ފޮޓޯ އާއި ވީޑިއޯ އަދި ޒާތީ މައުލޫމާތު މެދުވެރިކޮށް ބިރުދައްކުން އިތުރުވަމުންދާތީ ސަމާލުވާން އެދިއްޖެ

profile

މުޙައްމަދު ފަޟްލޫން - 27 މާރިޗު 2026 - 12:40

އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ މީސް މީޑިއާގެ މަންސަތަކުގައި ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

އެފަދަ މައްސަލަތަކުގެ ތެރޭގައި، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ހުތުރުވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއްކަން ތަހުގީގުތަކުން ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށާއި، ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް އެފަދަ ތަކެތި ބޭނުންކުރަމުންދާ ކަމަށެވެ.

އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމާއި މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރެވޭ ހިސާބުން، ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް، ރައްކާކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުމާއި މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމާއި، އެފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމާއި މިއީ ވެސް ކުށަކަށް ވެދާނެ ކަމެއްކަން ދަނެގަތުމުގެ އިތުރުން ޒާތީ މައުލޫމާތު ނުވަތަ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ތިމާއަށް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުން އެއީ ކުރެވިދާނެ ބައެއް ކަންތައްތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk