
މާލެއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނީ ޕީއެންސީ ކެންޑިޑޭޓަށް- ރައީސް

ރިޟްވާން މޫސާ - 10 ޖެނުއަރީ 2026 - 06:50
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެވޭނީ މާލޭގެ މޭޔަރު ކަމަށް ސަރުކާރުގެ ކެންޑިޑޭޓެއް ހޮއްވަވައިދެއްވައިގެން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑޜ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރުކަމަށް މިފަހަރު ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުން ނުވަތަ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރިން ޑިފެންސް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ މޫސާ އަލީ ޖަލީލެވެ.
ރިޓަޔާޑު މޫސާ އަލީ ޖަލީލަކީ ދިވެހިރާއްޖެއަށް 1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ވަރަށް މަތިވެރި ޖިހާދެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖެއާއި، ރައްޔިތުންގެ ސަލާމަތަށް ޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކަށާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވާ ބޭކަލެކެވެ.
ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް އެންމެ ބޮޑަށް ފަސޭހަެގެންދާނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ ޕާކު ތަކާއި މައިޒާންތައް ހެދުމަށް ނިންމާފައިވާ ކަމަށާއި، މީގެ އިތުރުން މާލޭގެ މަގުތައް ހެދުމަށާއި، ރައްޔިތުންނާއި ގުޅުހުން ހުރި ތަރައްގީގެ އެކިއެކި ކަންކަމުގައި ސިޓީ ކައުްނސިލްގެ ވަރަށްބޮޑެތި އެހީތެރިކަމެއް ބޭނުންފުޅުވާ ކަމަށެވެ.
ރައްޔިތުންނާއި ގުޅުހުން ހުރި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކައުންސިލުން ނަގަންޖެހޭ ހުއްދަ ތަކާއި، ކައުންސިލްގެ އިހްތިސޯސް އޮންނަ ކަންކަމުގައި ކައުންސިލްގެ އެހީ އަބަދުވެސް ބޭނުންވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވެވި އެވެ.
މާލޭގެ ތަރައްގީއަށް މިހާރު ކުރެވެމުންދާ އެންމެ ބޮޑު އެއް މަޝްރޫއެއްގެ ގޮތުގައި ރައީސް ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ޒަމާނީ ފެންވަރަކަށް މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ޗައިނާ ސަރުކާރާއެކު މަޝްވަރާތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.






.gif&w=3840&q=75)